ސިފައިންގެ 130 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ކަޅުތުއްކަލާކޮށީ ފެހިމައިދާނުގައި މިއަދު ހެނދުނު 06:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި ދިދަ ޕޯސްޓަށް ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި ސިފައިންގެ ދިދަ ނަގާފައިވަނީ ދިދަބިސީންނެވެ.

މި ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވަނީ، ކުރިއަށްއޮތް އަހަރު ސިފައިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިޢާރު ޢިއުލާނު ކޮށްދެއްވާފައެވެ. ކުރިއަށް އޮތް އަހަރު ސިފައިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިޢާރަކީ "ޤައުމުގެ އަމާންކަން – ސިފައިންގެ އަމާޒު" އެވެ.

މި ރަސްމިއްޔާތު ނިމިގެން ދިޔައީ ޚާއްޞަ ދުޢާ އަކުންނެވެ.

130ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ގާއިމުކުރެވިފައިވާ އޭރިއާ ކޮމާންޑްތަކުގައި ވެސް ދިދަ ނެގުންވަނީ ކުރިޔަށް ގެންގޮސްފައެވެ.

ސިފައިންގެ ޚިދުމަތް ދިވެހިރާއްޖޭގައި ފަށާފައިވަނީ މީލާދީން 1892 ވަނަ އަހަރު އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގައެވެ.



ކިޔުންތެރިންގެ ހިޔާލު