ފުވައްމުލަކުގު ބަނދަރަށް ވަންނަ ސަފާރީތަކުން ފީ ނަގަން ފެށުން ފަސްކުރަން ނިންމައިފިއެވެ.

ސަފާރީތަކުން ފީ ނަގަން ފެށުން ފަސްކުރަން ފުވައްމުލަކު ސިޓީ ކައުންސިލުން ނިންމާފައިމިވަނީ، ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑުކޮށްގެން އެ ކައުސިލަށް ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ކައުންސިލުން ވަނީ އެ ނިންމުން ފަހުން ބަދަލުކޮށްފައެވެ.

ސިޓީ ކައުންސިލުން ނިންމާފައިވާ ގޮތުން މިއަދު ސަފާރީތަކުން ފީ ނަގަން ފަށާނެއެވެ. ނަމަވެސް އިއްޔެ ބޭއްވި ސިޓީ ކައުންސިލުގެ ބައްދަލުވުމަކަށްފަހު ސަފާރީތަކުން ފީ ނެގުން މަޑުޖައްސާލަން ވަނީ ނިންމާފައެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ފުރަތަމަ ނިންމީ ކޮންމެ ސަފާރީއަކުން ދުވާލަކު 500 ޑޮލަރުގެ ފީއެއް ނަގާށެވެ. ފުވައްމުލަކުގެ ބަނދަރަށް ވަންނަ ސަފާރީތަކުން ފީގެ ގޮތުގައި މީގެ ކުރިން ނަގަމުން ދިޔައީ 50 ޑޮލަރެވެ.

500 ޑޮލަރު ބޮޑުވެގެން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ކައުންސިލުން ނިންމީ 100 ފޫޓަށް ވުރެ ކުޑަ ސަފާރީތަކުން ދުވާލަކަށް 150 ޑޮލަރު އަދި 100 ފޫޓަށް ވުރެ ދިގު ސަފާރީތަކުން ދުވާލަކަށް 200 ޑޮލަރު ނަގާށެވެ. ނަމަވެސް އެ ނިންމުމަށް އަމަލުކުރުން ވެސް މިހާރު ވަނީ ފަސްކޮށްފައެވެ.

ފުވައްމުލަކު ވަށައިގެންވާ ސަރަހައްދުގައި ޑައިވްކުރުމަަށް ގިނަ އަދަދެއްގެ ފަތުރުވެރިން ސަފާރީތަކުގައި އެ ސިޓީއަށް ޒިޔާރަތްކުރެއެވެ. އެހެންކަމުން ހަމައެކަނި ސަފާރީ ބޯޓުތަކުން ބޮޑު ފީއެއްނަގަން ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމަށް ސަފާރީ އޮޕަރޭޓަރުން ބުނެއެވެ.

ފުވައްމުލަކަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، އެރަށުގެ ބަނދަރު ބޮޑުކުރަން ސާވޭގެ މަސައްކަތް މި އަހަރު ފެށޭނެކަމަށް ސަރުކާރުން ވަނީ ކައުންސިލަށް މައުލޫމާތުދީފައެވެ.



ކިޔުންތެރިންގެ ހިޔާލު