ކުރު މުއްދަތެއްގެ ތެރޭގައި ދިވެހި އަސްކަރިއްޔާއަށް ކުރިއެރުންތަކެއް ލިބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްވާ އަހަމިއްޔަތުކަމުގެ ސަބަބުންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ ސިފައިންގެ 130 ވަނަ އަހަރީ ދުވަހާ ގުޅިގެން، "މިނިސްޓަރުގެ ގަލަންކޮޅުން" މިނަމުގައި މިނިސްޓްރީ އޮފް ޑިފެންސުން އާންމުކޮށްފައިވާ ލިޔުމެއްގައެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ސިފައިންނަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދައި، ސިފައިންގެ ވެލްފެއަރޔާ ގުޅުންހުރި ކަންކަން ރަނގަޅުކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ޙާސިލްކުރެވިފައިވާކަމަށާއި އެގޮތުން "ސިފްކޯ ހިޔާ"ގެ މަޝްރޫޢު ނަގާ ކޮޅަށްޖަހާ، އެހެން ބަޔަކާ ޙަވާލުކޮށްގެން، މިއަދު ހަލުވި ދުވެއްޔެއްގައި މަސައްކަތް ކުރިއަށްދާކަމީ އެކަމުގެ ވަރުގަދަ ހެއްކެއްކަމަށެވެ.



މާރިޔާ ވިދާޅުވީ އޯގާތެރިކަމާއި ހަމަހަމަކަމާއެކީ، ރާއްޖޭގެ އެކިކަންކޮޅުތަކަށް ސިފައިންގެ ޚިދުމަތް ފޯރުކޮށްދޭނެ މަގުފަހިކުރުމަށްޓަކައި، ހޯދި އުޅަނދުތަކާއި ވަސީލަތްތަކުގެ އެހީގައި، މިދިޔަ އަހަރު އެކަނިވެސް، ކަނޑުމަތީގައި ހިނގައިދިޔަ 300 އަށްވުރެ ގިނަ ހާދިސާގައި 500 އަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި، ދިވެހި އަސްކަރިއްޔާއަށް މިގެނައި ކުރިއެރުންތަކުގެ ފަހަތުގައިވަނީ، ރައީސް ޞާލިޙް ސިފައިންނާ ގުޅޭ ކަންކަމަށް ދެއްވާ ޚާއްޞަ އަޙައްމިއްޔަތުކަމާއި އެމަނިކުފާނުގެ ހަރުދަނާ ވިސްނުންފުޅާއި ތަޞައްވުރުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މާރިޔާގެ ވާހަކަފުޅުގައި ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ދިވެހި އަސްކަރިއްޔާ ދެކެފައިނުވާފަދަ ގިނަ ކުރިއެރުންތަކެއް އަންހެން ސިފައިން ޙާސިލްކޮށްފައިވާކަންވެސް ފާހަގަކުރެއްވިއެވެ. އެގޮތުން އެމްއެންޑީއެފްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، 3 އަންހެން އޮފިސަރުން ވަނީ ލެފްޓިނެންޓް ކާނަލްގެ މަޤާމް ޙާސިލްކުރައްވާފައިވާކަން ފާހަގަކުރައްވާ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، އެމްއެންޑީއެފް ފަދަ އޭޕެކްސް އޯގަނައިޒޭޝަނެއްގެ އެންމެ މަތީ ފަޑީގައި ލެފްޓިނެންޓް ކާނަލް ރޭންކުގެ ބޭފުޅުންނަށް ތިއްބެވޭ ގޮތް ހެދުމަށް ލަފާދޭ މަޖިލީހުގެ އޮނިގަނޑަށް ބަދަލު ގެނެސް، ފުރަތަމަ ފަހަރަށް، ލަފާދޭ މަޖިލީހުގައި އަންހެން ބޭފުޅުންގެ އަޑު އިއްވޭނެ މަގު ފަހިކޮށްދީފައިވާނެކަމަށެވެ.

ސިފައިންގެ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު ސަލާމަތީ ބާރެއްގޮތުގައި ރަސްމީކޮށް ދިވެހި ސިފައިންގެ ޚިދުމަތް ރާއްޖޭގައި ދޭންފަށާފައި ވަނީ މީލާދީން 1892 ވަނަ އަހަރުގެ އޭޕްރީލްމަހުގެ އެކާވީސްވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު