ކުރީގެ ރައީސް އަބުދު ﷲ ޔާމީން ދިރިއުޅުއްވާ ގެކޮޅުން "އިންޑިއާ އައުޓް" ބެނާ ނެގުމުގެ މަސައްކަތް ކުރަމުން ދިޔަ ވަގުތު ގެކޮޅުން ނިކުމެވަޑައިގެން ސަރުކާރަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

ރައީސް ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި ގޭގައި ހަރުކޮށްފައިވާ އިންޑިޔާ އައުޓް ބެނާ ކޯޓް އަމުރެއްގެ ދަށުން ފުލުހުން މިއަދު ވަނީ ނަގާފައެވެ. އެ ބެނާ ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދިޔަ ވަގުތު ރައީސް ޔާމިން ވަނީ ގެކޮޅުން ނުކުމެވަޑައިގެންފައެވެ. ގެކޮޅުން ނުކުމެވަޑައިގެން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާ ރައީސް ޔާމިން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަރާރެއް ނެރުއްވައިގެން އުޅުއްވާ ވާހަކަ ނަރީޝް ވަނީ ރައީސް ޔާމިނަށް އެވަގުތު ދަންނަވާފައެވެ. ނަރީޝް އެގޮތަށް ވިދާޅުވުމާ ގުޅިގެން ސަރުކާރަށް ނިސްބަތް ކުރައްވައި ރައީސް ޔާމީން ވަނީ "ހާދަ ވަރަކަށް ދަށުވެފަ އޭ ދޯ" އޭ ވިދާޅުވެ ސަެރުކާރަށް މަލާމާތުގެ ބަސްތައް ރައްދު ކުރަށްވާފައެވެ.

ޕީޕީއެމް/ޕީއެންސީން އިންޑިއާ އައުޓްގެ ނަމުގައި ކެމްޕެއިނެއް ފަށާފައިވަނީ ރާއްޖެއާއި އިންޑިއާ ދެމެދު ގާއިމް ކޮށްފައިވާ އެއްބަސްވުންތަކުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެވެ. އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި އިންޑިއާ ސިފައިންގެ ސަބަބުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވެދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލިހުން ރޭ ވަނީ ކަނޑައަޅާފައެވެ.

އަދި އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމާ ގުޅޭ ގަރާރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ނެރުއްވައިފައެވެ. ގަރާރާއެކު އެމަނިކުފާނު ވަނީ އެ ހަރަކާތް ހުއްޓުވުމަށް ދައުލަތުގެ ކަމާ ބެހޭ މުވައްސަސާތަކަށް އަންގަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު