ސަރުކާރުން ގާތް މީހުންނަށް ބައި އަޅަން ހަދައިގެން މިތިބީ "ބޮޑި ބޮއިފައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ، އެޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސް އަޕް ގުރޫޕަށް ފޮނުއްވި މެސެޖެެއްގައެވެ. އެމްޑީޕީގެ ވަޓްސް އަޕް ގުރޫޕު ހޫނުވީ ރައީސް ނަޝީދުގެ ކޮއްކޮ އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ ފިރިކަލުން ސާބެގެ “ރިޔަން” ކުންފުންޏާއި މި ސަރުކާރުން ހަވާލުކޮށްފައިވާ އައްޑޫ މަސް ފެކްޓްރީތައް ނުހެދި ލަސްވުމުގެ ޒިންމާ ސަރުކާރުގެ ބޮލުގައި މެންބަރު އިލްޔާސް ލަބީބް އެޅުއްވި މައްސަލައިގައެވެ. 

މިވާހަކަތަކާއެކު ވަޓްސް އެޕް ގުރޫޕްތެރޭ ހޫނުވެ މެމްބަރުންގެ މެދުގައި ވަނީ ހޫނު ބަހުސްތަކެއް ހިނގާފައެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ނާއިބު ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ފޮނުވި މެސެޖެއްގައި ވިދާޅުވީ މަސްފެކްޓްރީ ލަސްވާ ވާހަކަ ދައްކަވަން އިލްޔާާސް ލަބީބް ލަދު ގަންނަން ޖެހޭނެ ކަމަށާއި، އެ މަސައްކަތް ލަސްވަނީ އެކަން ނުކުރެވޭ ވަރުގެ ބަޔަކާ ހަވާލު ކުރުމުން ކަމަށެވެ.  

އެވާހަކަތަކަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވަނީ ތާއިދު ކުރައްވާފައެވެ. ނިހާދު ވިދާޅުވީ ރިޔަން ކުންފުންޏާއި ހަވާލުކޮށްފައި އޮތް އައްޑޫގެ ލޭންޑް ޔޫސް ޕްލޭން ހެދުން ވެސް ފޮނުވާލީ ޖައްވަށް ކަމަށެވެ. އެއަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ "ގާތް މީހުންނަށް ބައި އަޅަން ހަދައިގެން މިތިބީ ބޮޑި ބޮއިފައި" ކަމަށެވެ.

 އެ މެސުޖުގެ ރައްދުގައި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ އީވާގެ ފިރިކަލުންގެ ކުންފުންޏަށް މަސް ފެކްޓްރީ ޕްރޮޖެކްޓް ހަވާލުކުރީ އިލްޔާސް ލަބީބުގެ އެދުމަކަށް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވާ ވާހަކަފުޅު ރަނގަޅު ކަމަށް ނިހާދު ވިދާޅުވިއެވެ.

ނިހާދުގެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ވިދާޅުވީ ނިހާދު، އެމަނިކުފާނު ގާތުގައި ފާޑުފާޑުގެ ވާހަކަ ދައްކަވަނީ އައްޑޫ މަސް ފެކްޓްރީތަކަށް ވީގޮތް އޮޅިގެނެއް ނޫން ކަމަށާއި، ރައްދުދެއްވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެެވެ.

ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް ވެސް ރައްދުގައި ވަނީ، އަބުރާއި އިއްޒަތް އޮތްް ހަމައެކަނި ބަޔަކީ މާލެ އާއި މާލެ ކައިރި ރަށްރަށުގެ ބޮޑުންތޯ ސުވާލު ކުރައްވައި މެސެޖެއް ފޮނުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު