ޝެއިޚް ޒަމްޒަމް ފާރިޝް
ޝެއިޚް ޒަމްޒަމް ފާރިޝް
އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ގަރާރަށް ފާޑުވިދާޅުވެ ޓްވީޓުކުރި މައްސަލައިގައި ޢަރަބިއްޔާ ސްކޫލުގެ މުދައްރިއްސެއްގެ ވަޒީފާގައި ހުންނެވި ޝެއިޚް ޒަމްޒަމް ފާރިޝް ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީ ސޮއި ކުރައްވައި މިއަދު ޒަމްޒަމަށް ފޮނުއްވި ލިޔުމުގައި ވަނީ، އޭނާގެ އަމަލަކީ ސިވިލް ސާވިސް މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި، ދައުރާއި، ޒިންމާތަކާ ހިލާފުކަމެއް ކަމަށާއި، އަދި އެކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ކިޔަވައިދޭ ދަރިވަރުން އަދި އަފްރާދުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދުމާއި ހަމަނުޖެހުމަށް ހިތްވަރު ދެވޭ އަދި އެކަން ކަމަށް މަގުފަހިވާ ފަދަ އަމަލެއް ކަމަށެވެ.

އެ

އެހެންކަމުން، އެކަން ބަލާ ތަހުގީގުކޮށް ނިމެންދެން މިއަދުން ފެށިގެން ޝައިހް ޒަމްޒަމް މުސާރަ ނުލިބޭގޮތަށް 30 ދުވަހަށް ސަސްޕެންޑް ކޮށްފައިވާކަމަށް ލިޔުމުގައި ވެއެވެ. އަދި މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ޒަމްޒަމަށް ނަސޭހަތްތެރި ވެވިފައި ވާކަމަށް ވެސް އެ ލިޔުމުގައި ވެއެވެ.

ޒަމްޒަމަކީ ޢަރަބިއްޔާ ސްކޫލުގައި ޙަދީޘް މުދައްރިސެއްގެ ވަޒީފާ އަދާކުރައްވާ މުދައްރިސެކެވެ.

ރައީސްގެ ގަރާރަށް ފާޑުކިޔާ، ޒަމްޒަމް މިއަދުކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، އިސްލާމްދީނާ ދެކޮޅަށް ރިޕޯޓު ލިޔުމުން ވެސް ގައުމީ ސަލާމަތަށް ނުވި ނުރައްކަލެއް އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ދަމާ ބެނާ އަކުން ވާނެ ގޮތެއް ނުވިސްނޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި އިންޑިއާއާއި ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގާލުމުގެ ނިޔަތުގައި ހިންގާ ހަރަކާތެއްކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި އެއީ ދިވެހިރާއްޖެއާ އިންޑިޔާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގާ ހަރަކާތެއްކަމަށް ވެސް ރައީސްގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު