ތޯމަސް ކުކްއާއެކު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ފެށި ކެމްޕެއިން ކާމިޔާބުވާނެކަމަށް އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ތައްޔިބް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ތައްޔިބް މުހައްމަދު މިހެން ވިދާޅުވެފައި މިވަނީ އިންޑިއާގެ އެންމެ ބޮޑު އެއް ޓްރެވެލް އޮޕަރޭޓަރ ތޯމަސް ކުކްއާއެކު އެމްއެމްޕީއާރުސީން ކެންޕެއިނެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މި ސްޓްރެޓީޖިކް ޕާޓްނަރޝިޕްގެ ސަބަބުން އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރާ މަސައްކަތަށް ކުރިއެރުންތަކެއް ލިބި، މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މިއީ 3 މަސްދުވަހުގެ ކެންޕެއިނެކެވެ.

މި ކެމްޕެއިންގެ ޒަރިއްޔާއިން ރާއްޖެއަކީ އިންޑިއާގެ އެކި ފަންތީގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރާނެއެވެ.



މި ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓްތައް ކަމަށްވާ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައްވެސް މާކެޓް ކުރެވޭނެއެވެ. އަދި ރާއްޖޭގެ ޓްރެވަލް ގައިޑްލައިންތަކާއި، މައުލޫމާތު އިންޑިއާ މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނާ ހިއްސާކުރާނެއެވެ.

އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ޠައްޔިބް މުހައްމަދު ވަނީ އިންޑިއާއަކީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އެއް މާކެޓްކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ކޯވިޑްގެ ސަބަބުން ކުރި ނޭދެވޭ އަސަރުން އަރައިގަތުމުގައި މުހިންމު ދައުރެއް އަދާކުރި މާކެޓެއްކަން ޠައްޔިބް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޠައްޔިބް ވަނީ ތޯމަސް ކުކްއާއެކު އެމްއެމްޕީއާރުސީން މި ފެށި ކެމްޕެއިން ކާމިޔާބު ވާނެކަމާމެދު ޝައްކެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ތޯމަސް ކުކްއަކީ އިންޑިއާގެ އެންމެ ޒަމާންވީ، ބޮޑު، އަދި އިތުބާރު ލިބިފައިވާ އެއް ޓުއަރ އޮޕަރޭޓަރެވެ. 140 އަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ މިކުންފުންޏަކީ ފަތުރުވެރިކަމާ ގުޅުން ހުރި ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް ވަރަށް ފުޅާ ދާއިރާއެއްގައި މުޅި އިންޑިއާގައި ފޯރުކޮށްދޭ ކުންފުންޏެކެވެ.

އިންޑިއާއަކީ 2021 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އިންޑިއާއިން 278،740 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިއީ އެއަހަރުގެ ޖުމްލަ އެރައިވަލްސްގެ 22.6 އިންސައްތައެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 59،404 ފަތުރުވެރިން އައިސް އިންޑިއާ ހިމެނެނީ ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު