33 ވަނަ އެޕިސޯޑް

==========

[އަހަރެން މިދަނީ...އަދިވެސް ނާއިލްވެސް ހެއެއްނާރާ....] ޔޫސުފް ނިކަން ހާސްވެފައި ހުރެ ތެޅިފޮޅެމުން ހިނގައިގެންފިއެވެ. އެވަގުތު އިތުރު އެހެން ކަންތައްގަނޑެއް ލައިގެންފިކަން އެނގުމާއެކު، އިލްޔާސް، ޔޫސުފް ހުއްޓުވައިފިއެވެ.

[ޔޫސުފް...ކިހިނެއްވީ؟ ކޮންތާކަށް ތިދަނީ؟] އިލްޔާސް އެއްސެވެ.

[ޒޭނާއަށް މިޚަބަރު ލިބިގެން، ވަރަށް ބާރަށް ރޮމުން ހޮސްޕިޓަލަށްދާށޭ ކިޔާފައި ދުވެފައި ހިނގައްޖެޔޯ....މަގުމަތިން ދުވަމުން ދަނީވެސް ތަނެއްދޮރެއް ބެލުމެއްނެތިޔޯ...ޒާހިދާ ބުނީ އެމަންޖެގެ ފަހަތުން ތިމަންނާއަށްވެސް ދެވުނީ ވަކިހިސާބަކަށޭ. އެމަންޖެގެ ފަސް ގެއްލުނީޔޯ....] ޔޫސުފް ބުންޏެވެ. އަނެއްކާވެސް ޔޫސުފް ހިނގައިގެންފިއެވެ. އޭރު އެތަނުގައި އެއަޑު އިވޭ ހިސާބުގައި ޢައިޝާވެސް އިނެވެ. އޭނާއަށްވެސް މިހާރު ބާރުބާރަށް ރޮވެނީއެވެ.

ވަކިން ޚާއްޞަކޮށް، ނާއިލްގެ އެޙާލަތުގެ ސަބަބުން ޒޭނާއަށްވީގޮތާއި ޒޭނާ ރޮމުން ގިސްލަމުން ހޮސްޕިޓަލަށްދާން ނުކުތް ވާހަކަ އަޑުއިވުމުން، އޭނާއަށް ކުރި އަސަރު މާބޮޑުކަންނޭނގެއެވެ. ވެދާނެއެވެ. ނާއިލާއި ޒޭނާގެ ތެދުވެރި ލޯބި އޭނާއަށް ޙަޤީޤީ މާނައިގައި އިޙްސާސް ކުރެވުނީއެވެ.

މިހާރު ޢައިޝާއަށް ޤަބޫލު ކުރެވެއެވެ. އެދެލޯބިވެރިންގެ ލޯތްބަށް އެޅިފައިވާ ހުރަހަކީ ޚުދު އޭނާއެވެ.

އެކަކަށް އަނެކެއްގެ ލޯތްބާނުލާ ދިރިއުޅުން ބާއްޖަވެރި ނުކުރެވޭފަދަ ދެބައިވެރިއެއްގެ ދެމެދަށް ލެވިފައިވާ ފާރަކީ ސީދާ ޢައިޝާކަން މިހާރު އޭނާއަށްވެސް ޤަބޫލު ކުރެވެން ފަށައިފިއެވެ. ނާއިލްދެކެ ތެދުވެރި ލޯބިވާ ބައިވެރިޔަކީ ސީދާ ޒޭނާއެވެ. އެހެން ނަމަވެސް، ވިސްނުނުއިރު، ނާއިލަށްވަނީ ޙަޔާތުގައި ނުވާފަދަ ބޮޑު ހާނިއްކަތަކެއްވެ ވޭންތަކެއް ލިބިފައެވެ.

އަދިވެސް ނާއިލް ހެއެއް ނާރައެވެ. ބޭރުފުށުން ލިބިފައިވާ ގެއްލުންތަކާއި ޒަޚަމްވެފައިވާ ތަންތަނުގައި ބޭސްއަޅާ ނިމުނު ކަމުގައިވިޔަސް، އޭނާ ހޭއެރުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތް، އެތައްއިރެއް ވެގެންދިޔައިރުވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ޑޮކްޓަރުންނާއި ނަރުހުން ކެނޑިނޭޅި މަސައްކަތް ކުރަމުން އެދަނީ ނާއިލް ހޭއެރުވޭތޯއެވެ.

ނާއިލް ރާއްޖެއިން ބޭރަށް ގެންދެވޭތޯވެސް މިހާރު އޭނާގެ ބައްޕަ ގެންދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އަދިވެސް ޑޮކްޓަރުން އެކަމަކަށް ހުއްދައެއް ނުދެއެވެ.

ޑޮކްޓަރުން ބުނަނީ ދަތުރުކުރެވޭ ވަރަށްވުރެން އޭނާގެ ޙާލަތު ސީރިއަސް ކަމަށާއި، ހޭއެރުމުން މާބޮޑު މައްސަލައެއް މެދުވެރިނުވެ، ނާއިލް ޢާންމު ޙާލަތަށް ރުޖޫޢަވެދާނޭ ކަމަށް ބެލެވޭ ކަމަށެވެ.

ކާރަށް އަރައިގެން އެންމެ ފުރަތަމަވެސް ޔޫސުފް ދިޔައީ ޒޭނާމެން އުޅޭ ގެޔަށެވެ. އެގެއަށް ގޮސް ޒާހިދާ ގާތު ޒޭނާދިޔަ މަގު އޮޅުންފިލުވައިގެން ޒާހިދާވެސް ގޮވައިގެން އެމިޞްރާބަށް އޭނާ ދަތުރުކުރަން ފެށީ ވަރަށް ބޮޑަށް ހާސްވެފައި ހުރެމެއެވެ.

[މިމަގުން އެކޮޅަށް ގޮސް އެމަންޖެ ގެއްލުނީ....އަހަރެން ބަލަން ހުއްޓާވެސް ކިރިޔާ މިހެންދިޔަ ސައިކަލެއްގައިވެސް ނުޖެހުނީ...އެއީވެސް އެމީހާގެ ފަރިތަކަމުން ސަލާމަތްވީ. ބޮޑަށް އަހަރެންވެސް ދަރިފުޅާއޭ ކިޔާ ހަޅޭއްލަވައިގަތީމާ ސައިކަލްގައި އިން މީހާއަށްވެސް ދަރިފުޅުގެ ގައިން ރެކިގަނެވުނީ....] ޒާހިދާ ރޮވިފައި ހުރެމެ ވާހަކަ ދެއްކިއެވެ.

ޔޫސުފް ވަށައިގެން ހޯދަމުން މަޑުމަޑުން ކާރު ދުއްވަމުން ދިޔައެވެ.

[ހަމަގައިމުވެސް އެމަންޖެއަކަށް ހޮސްޕިޓަލަށްދާކަށް ނޭނގޭނެ. އެދެކުދިންނަށް އެދިމާވާ ހިތްދަތި ކަމުގެ ސަބަބުން ހުރިހާ ރުޅިއެއް އަހަރެން މިއަންނަނީ އެ ޢައިޝާދެކެ. ހުރިހާ ނުބަޔަކީ އޭނާ. އެދެކުދިންގެ ލޯތްބަށް ހުރަސްއެޅި މީހަކީވެސް އަދި ހުރަސް އަޅަމުންދާ މީހަކީވެސް ހަމަ އޭނާ. މިރޭވެސް ހިތަށްއެރި ކަރުގައި ހިފާފާނަމޭ.] ފެންކަޅިވެފައި ހުރެ ޔޫސުފް ވާހަކަ ދެއްކިއެވެ. ދެން އޭނާ މިޞްރާބުޖެހީ ސީދާ ހޮސްޕިޓަލަށް ދިޔުމަށެވެ. މަގުމަތިން ޒޭނާ ނުފެނުނީމައެވެ.

އެވެރިންނަށް ހޮސްޕިޓަލަށް ދެވުނުއިރު، ޒޭނާވެސް ޓެކްސީއެއްގައި އައިސް ހޮސްޕިޓަލަށް ފައިބަނީއެވެ. ކަރުނައަޅާ ރޮމުންނެވެ.

ދަރިފުޅު ކާރުން ފޭބި މަންޒަރު ފެނުމާއެކު، ޔޫސުފާއި ޒާހިދާ ދެފަރާތުން ދަރިފުޅުގެ ގައިގައި ހިފެހެއްޓިއެވެ.

[އަހަރެން ބޭނުމީ ނާއިލްގެ ގާތަށް ދާން. ބައްޕާ ނާއިލް ކޮބައިތަ؟ ނާއިލް ރަނގަޅުތަ؟] ޒޭނާ ހީވަނީ މޮޔަވެފައިވާހެންނެވެ.

ނަޞީބު ދިމާކުރިގޮތުން އެއީ ނާއިލްވެސް ހޭއެރި ވަގުތެވެ. މިހާރު ކޮންމެވެސް ވަރަކަށް ނާޒިމާވެސް ހަމައަކަށް އެޅިއްޖެއެވެ. ނަރުސް ކުއްޖަކު އައިސް ނާއިލް ހޭއަރައިފި ވާހަކަ ބުނުމާއެކު، ޒޭނާއަކީ ކާކުތޯވެސް އެހިއެވެ. އެއާއެކު އެންމެންނަށްވެސް އެއްފަހަރާ ބަލައިލެވުނީ ޒޭނާގެ މޫނަށެވެ.

[ހޭއެރި ވަގުތު ގޮވީ ޒޭނާއަށް. ދެތިންފަހަރު ޒޭނާއަށް ގޮވި. ވަށައިގެން އެބަ ހޯދަންވެސް ހޯދާ. ޒޭނާ އެތެރެއަށް ވަންނަންވީނު.] މިހެން ބުނެފައި އަނެއްކާވެސް ނަރުސް ކުއްޖާ އެތެރެއަށް ވަދެއްޖެއެވެ. ފަހަތުން ހުރިހާ މީހުން އެއްފަހަރާ ވަދެއްޖެއެވެ. އިލްޔާސާއި ނާޒިމާއެވެ. ޔޫސުފާއި ޒާހިދާއާއި، ޒޭނާގެ އިތުރުން ޢައިޝާވެސް ވަދެފިއެވެ.

[ޒޭނާ...ޒޭނާ....އައީތަ؟ ޒޭނާ އަހަންނަށް ޒޭނާގެ ލޯތްބާނުލާ ނޫޅެވޭނެ. ޒޭނާގެ ޙަޔާތުން އަހަރެން ބާކީނުކުރޭ....] ވޭނުން ފުރިގެންވާ އަޑަކުން ނާއިލް ވާހަކަ ދެއްކިއެވެ. ޒޭނާއަށް ބޭއިޚްތިޔާރުގައި އައިސް ނާއިލް ދިއްކުރި އަތުގައި ހިފަހައްޓާލެވިއްޖެއެވެ.

[އަހަންނަށްވެސް ނާއިލްގެ ލޯތްބާނުލާ އުޅެވިދާނެތީއެއް ނޫން...މިހެން މިއުޅެނީ...އަހަރެންވެސް ނާއިލްދެކެ ވަރަށް ބޮޑަށް ލޯބިވަން...އެކަމަކު....މިހާރު....ނާއިލްތީ އެހެން މީހެއްގެ ޙައްޤެއް. އުފަންވާން އުޅޭ މަޢްޞޫމް ކުއްޖެއްގެ ބައްޕައަކަށްވާން ތައްޔާރުވެފައިވާ މީހެއް. އެދަރިފުޅަށް ބައްޕައެއްގެ ލޯތްބާއި އޯގާތެރިކަން ބޭނުންވާނެ. ހެޔޮނުވާނެ ނާއިލް....ހިތާމަނުކުރޭ. ނާއިލަށް ލިބޭ ކޮންމެ ވޭނަކާއި ހިތްދަތިކަމެއްގެ ވޭން އަހަރެންގެ މިދަނީ ތަޙައްމަލް ކުރަމުން....] ޒޭނާއަށް ގިސްލެވުނެވެ.

[އަހަންނަކަށް ދެން ކެތެއްނުވާނެ. އަހަރެން ދޫކޮށްފަ ނުދާތި...ޒޭނާ....ޒޭނާއާނުލާ އަހަންނަށް އެއްވެސް....ހިތްހަމަޖެހުމެއް....ނެތް....] ނާއިލްގެ އަޑު ކެނޑިކެނޑިގެން ދިޔައެވެ.

[އެއީ ތެދެއް ޒޭނާ....ދެން ނާއިލް ދޫކޮށްފަ ނުދާތި......] ކުއްލިއަކަށް އެތަނުގައި ތިބި ހުރިހާ މީހުންނަށްވެސް ސިހުން ލިބުނީ ޢައިޝާގެ އަޑުންނެވެ. އެންމެނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ޢައިޝާއާ ދިމާއަށް ބަލައިލެވުނެވެ. ޢައިޝާ މަޑުމަޑުން ހިނގާފައި އައިސް ނާއިލް އޮތް އެނދާ ކައިރިއަށް ޖެހިލިއެވެ.

[ޙައިރާންނުވޭ...ޒޭނާ....ތިދެލޯބިވެރިންނަކީ މުޅި ދުނިޔޭގެވެސް އެންމެ މަޝްހޫރު ލޯބިވެރިންގެ ގޮތުގައި ސިފަކުރެވޭ ލައިލާއާއި މަޖްނޫނުފަދަ ޝީރީނާއި ފަރުހާދެކޭ އެއްފަދަ ދެލޯބިވެރިން. ތިދެލޯބިވެރިންގެ ލޯތްބަށް އެޅިފައިވާ ހުރަހަކީ އަހަރެން. މިއަދަށްފަހު އަހަރެން ތި ދެލޯބިވެރިންގެ ލޯތްބަށް ހުރަސްއަޅާކަށް ބޭނުމެއް ނޫން.] ޢައިޝާ އޭނާގެ ދެލޮލުން ފޭދުނު ކަރުނަތައް، އަތުގެ ނުފުށުން ފޮހެލިއެވެ.

އެއަށްފަހު، ދެންވެސް އޭނާ ވާހަކަ ދައްކަން ފެށިއެވެ. ފެށުނީއްސުރެން އޭނާ ނާއިލްގެ ލޯބި ޙާޞިލް ކުރަން ކުރި މަސައްކަތްވެސް އޭނާ ހުރިހާ މީހުންގެ ޙާޒިރުގައި ކިޔައިދިނެވެ. އޭނާގެ ވާހަކަތަކުގެ ސަބަބުން ނާއިލްގެ ކުށެއް ނެތްކަމާއި، ނާއިލްގެ ތެދުވެރިކަމާއި، ވަފާތެރިކަން ހުރިހާ މީހުންނަށްވެސް ސާބިތުވިއެވެ.

[އެކަމަކު ޢައިޝާގެ ބަނޑުގައިތިވާ ދަރިފުޅަށް ބައްޕަގެ ލޯބި ބޭނުންވާނެއެއްނު. ތުއްތު ކުއްޖަކަށް ގެއްލުމެއްދޭކަށް އަހަރެން ބޭނުމެއް ނޫން....] މިހާރު ޒޭނާ ވިސްނަނީ އޭނާގެ ސަބަބުން ޢައިޝާ ވިހަން އުޅޭ ދަރިފުޅަށް ލިބިދާނޭ ނިކަމެތި ކަމަކަށްޓަކައެވެ.

[ޒޭނާ...ނާއިލް...އަހަންނަށް މަޢާފްކުރޭ...އަހަންނަކީ ތައުބާވާންޖެހޭ ބޮޑު ކުށްވެރިއެއް. އަހަރެންގެ ބަނޑުގައިވާ ދަރިފުޅަކީ ނާއިލްގެ ދަރިފުޅެއް ނޫން...] އޭނާއަށް މިހެން ބުނެވުނު ވަގުތަކީ، އޭނާގެ ބައްޕަވެސް އައިސް އެތަނަށް ވަން ވަގުތެވެ. އެހެން ނަމަވެސް، އެކަމަށް އެއްވެސް ފަރުވާލެއްނެތި އޭނާ އެދަރިފުޅު ލިބެން މެދުވެރިވިގޮތާއި، އެދަރިފުޅުގެ ބައްޕައަކީ ކާކުކަންވެސް ކިޔާދިނެވެ.

ވުމާއެކު، އެކަމުން އެންމެބޮޑު ޝޮކެއް ލިބުނު މީހަކީ އޭނާގެ ބައްޕައެވެ. ދަރިފުޅުގެ އެޙަޤީޤަތުގެ ސަބަބުން އޭނާގެ ބޮލަށް އެނބުރުން އަރަން ފެށިއެވެ. އޭނާއަށް އެދަރިފުޅު ތަރުބިއްޔަތު ކުރެވިފައިވާގޮތާމެދު ހިތްހަމަނުޖެހި، އަމިއްލަ ނަފްސާމެދު ރުޅިއާދެވެން ފެށުނެވެ.

އޭނާ ޤަބޫލު ކުރެއެވެ. ރަނގަޅު ހެޔޮގޮތުގައި އޭނާއަށް ދަރިފުޅު ތަރުބިއްޔަތު ކުރެވިފައިވާނަމަ، އެފަދަ އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ ޢަމަލެއް ކޮށްފާނޭ ކުއްޖަކަށް އޭނާ ނުވީހެވެ.

[އަހަންނަށް މަޢާފްކުރޭ ބައްޕާ...މަޢާފްކުރޭ...އަހަންނަށް މަޢާފްކުރޭ...ބައްޕައާއި މަންމަ އަހަންނަށް ދިން ހެޔޮ ތަރުބިއްޔަތު އޮޅުވާލީ. އަހަރެންގެ މަގު އޮޅުވާލީ. ނާއިލްދެކެ މާބޮޑަށް ލޯބިވެވި، އެ ލޯބި ޙާޞިލް ކުރަން ބޭނުންވީ. އެހެންމެ ލޯބި ޙާޞިލް ކުރަން ބޭނުންވީމާ...އެކަންނުވީ....އެހެން މީހަކަށް އެލޯބި ލިބެންވެސް ބޭނުންނުވީ....އޭރު އަހަރެންގެ ހިތް ބުނޭ...ނާއިލަކީ އަހަރެންގެ ޙައްޤެކޭ. އެކަމަކު މިހާރު ވިސްނިއްޖެ. ކަށަވަރުވެއްޖެ. ގައިމުވެ ޔަޤީންވެއްޖެ. ނާއިލާ ޒޭނާއަކީ އެކަކު އަނެކަކަށްޓަކައި ނުވަތަ އެކަކު އަނެކަކުގެ ލޯތްބަށްޓަކައި ދުނިޔެއަށް އުފަންވެފައިވާ، ގުޅިފައިވާ ދެހިތެއް. އަހަރެން ކިތަންމެވަރަކަށް މަސައްކަތް ކުރަން އުޅުނަސް، އެދެހިތުގެ ގުޅުން ކަނޑުވައެއްނުލެވުނު. އެދެލޯބިވެރިންނަކީ އެކަކު އަނެކަކުގެ ލޯތްބާނުލާ ނޫޅެވޭނެ ދެލޯބިވެރިން.....ބައްޕާ.....އަޅެ....އަހަންނަށް މަޢާފްކުރޭ......]

ވާހަކައިގެ މިހާ ހިސާބުން ޢައިޝާ މަޑުމަޑުން ފަހަތަށްޖެހި، އައި.ސީ.ޔޫ.ގެ ދޮރުން ބޭރަށް ނުކުމެއްޖެއެވެ. އޭރު އެތާނގައި ތިބި ހުރިހާ މީހުންނަށްވެސް ރޮވެނީއެވެ. ޢައިޝާގެ ބައްޕަ ހުރީ ލިބުނު ޝޮކާއެކު ހުއްޓުން އަރާފައެވެ.

[ބައްޕާ...ޢައިޝާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. ޢައިޝާގެ ފަހަތުން ނުކުމެބަލަ...] ޒޭނާގެ އަތުގައި ހިފަހައްޓައިގެން އޮތް ނާއިލް ނިކަން ބަލި އަޑަކުން މިހެން ބުނުމާއެކު، ޢައިޝާގެ ފަހަތުން ޒޭނާ ނޫން އެހެން ހުރިހާ މީހުން ނުކުމެއްޖެއެވެ.

ޢައިޝާދެކެ ނާއިލް ލޯބިނުވި ކަމުގައިވިޔަސް، އޭނާގެ ލޯބީގައި ޢައިޝާ ކޮށްފާނެ ކަންތަކާމެދު އޭނާއަށް ވިސްނެއެވެ.

ޢައިޝާގެ ފަހަތުން ނިކުތް އިލްޔާސްމެނަށް ފެނުނީ ޢައިޝާ ގޮސް ހޮސްޕިޓަލްގެ ލިފްޓްތެރެއަށް ވަން މަންޒަރެވެ. އޭގެ އިރުކޮޅެއްފަހުން ހޮސްޕިޓަލްތެރެ މުޅިން ހަލަބޮލިވިއެވެ. ހޮސްޕިޓަލްގެ ހަތަރުވަނަ ބުރީގައި ހުރި ޕްރައިވެޓް ކޮޓަރިއެއްގެ ފެންލައިޓުން ފުންމާލައި އަންހެން ކުއްޖަކު މަރުވެގެން ހޮސްޕިޓަލަށް ވެއްދީއެވެ.

އާއެކެވެ. ނާކާމިޔާބު ލޯބީގެ ޒަހަރުން ވިހަވެ، ޢައިޝާގެ ސިކުނޑިވެސް ވިހަވީއެވެ. ނާއިލްގެ ލޯތްބާނުލައި ދުނިޔޭގައި އުޅެން ދަތިވިހިނދު، ކުރިމަތިވި ލަދުވެތި ބަދުނާމެއްގެ ސަބަބުން ނަފްސާއި ފުރާނަދެކެ އޭނާ ފޫހިވިއެވެ. އެފަދަ ގޮތަކަށް ޢައިޝާ މިދުނިޔެއާ އަލްވަދާޢު ކިޔުމުން ނާއިލްވެސް ވަރަށް ދެރަވިއެވެ.

އޭނާއަށް ޒޭނާގެ ލޯތްބާނުލާ ނޫޅެވުނު ފަދައިން، ޢައިޝާގެ ފުރާނަ ޤުރްބާން ކުރީ އޭނާގެ ލޯތްބާނުލާ ދިރިއުޅެން ބޭނުން ނުވާތީއެވެ.

މިހާރު ނާއިލަށްވަނީ ޒޭނާގެ ލޯބި މިލްކުވެފައެވެ. އެދެލޯބިވެރިންގެ ދެމެދަށް ހުރަސްއަޅާނޭ އެއްވެސް މީހަކު މިހާރަކު ނެތެވެ. މިހާރު ހަތަރުފަރާތުންވެސް ފެންނަނީ އުފާވެރި ކުލަތަކެވެ.

މިހާރު އެދެލޯބިވެރިން ކުރެން އެކަކުވެސް ހިނދުކޮޅަކަށްވެސް ވަކިވާކަށް ބޭނުމެއް ނުވެއެވެ. ނާއިލް، ޒޭނާގެ ލޯބީގެ ހިޔާދަށުން އުފާ ލިބިގަންނަން ބޭނުންވާއިރު، ޒޭނާ މިހާރު އެހުރީ ނާއިލަށް ލޯބިދޭން ތައްޔާރަށެވެ. ނާއިލަށް އޭނާގެ ލޯތްބާނުލާ ނޫޅެވޭނޭކަން އެނގޭތީއެވެ. އެހެންމެ އޭނާއަށްވެސް ނާއިލްގެ ލޯތްބާ ނުލާ އުޅެވެން ނެތަތީއެވެ.

ދިގު މާޒީއަކަށްފަހު، އެކިއެކި ހަރުފަތްތަކެއް ގިރާކުރުންތަކަކަށްފަހު، ތެދުވެރި ލޯތްބެއްގެ ދެހިތެއްގައި އަށަގެންފައިވާ ޒޭނާއާއި ނާއިލްގެ ލޯތްބަށް ކާމިޔާބުގެ ހިޔާ ލިބުނީއެވެ.

(ނިމުނީ)


ކިޔުންތެރިންގެ ހިޔާލު


15

ނަލަ

02-Jun-2020

މާގިނައިން މީހުން އިމާރާތުން ފުންމާލަނީ


4

ޢާއިތުން

02-Jun-2020

ޙިތްހަމަރޮވާލާންފި ވަރަން ރީތި އެއްހާމެ ހތްގައިމު އަސަރު ގަދަ ވާހަކަ އެއް.


9

ސާމިޔާ

02-Jun-2020

ނިންމާލި ގޮތް ވަރަށް ސަޅި



ޓްރެންޑިން