ރާއްޖެއަށް ރަޝިޔާ ފަތުރުވެރިން އެންމެ ގިނައިން އަންނަ އެއަރލައިންކަމަށްވާ ރަޝިއާގެ އެއިރޯފްލޮޓްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.

އެއިރޯފްލޮޓުން ރަޝިއާއާ ރާއްޖެއާ ދެމެދު ކުރަމުންއައި ދަތުރުތައް މެދުކަނޑާލީ ރަޝިއާއާ ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ބައެއް ގައުމުތަކުން ރަޝިޔާގެ އެއަރލައިންތަކަށް ވައިގެ ސަރަހައްދު ބަންދުކުރުމުންނެވެ.

އެމްއޭސީއެލުން ބުނީ އެއިރޯފްލޮޓްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ އަންނަ މަހުގެ 14ވަނަ ދުވަހުކަމަށެވެ. އަލުން ފަށާއިރު ހަފްތާގެ ކޮންމެ ދުވަހަކު ރަޝިއާއާ ރާއްޖެއާދެމެދު ދަތުރުތައް ބާއްވާނެކަމަށް އެމްއޭސީއެލުން ބުނެއެވެ.

ކޯވިޑް-19އަށްފަހު އެއިރޯފްލޮޓްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށީ 2020ވަނަ އަހަރުގެ ސެޕްޓެމްބަރ 11ވަނަ ދުވަހުއެވެ.

އެއިރޯފްލޮޓްގެ ދަތުރުތައް މެދުކަނޑާލުމުގެ ކުރިން ރަޝިއާއަކީ އެންމެ ގިނައިން ރާއްޖަށް ފަތުރުވެރިން އަންނަމުންދިޔަ ގައުމެވެ. ނަމަވެސް ހަނގުރާމައާއެކު ދަތުރުތައް މެދުކަނޑާލުމާގުޅިގެން މިހާރު ރަޝިއާ ވަނީ 3ވަނައަށް ވެއްޓިފައެވެ.

މިއަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެ އައިސްފައިވަނީ 54624 ފަތުރުވެރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން