މިރޯދަމަހު ރާއްޖެ އެތެރެކުރި ކާބޯތަކެރީގެ އަދަދު މިދިޔަ 3 އަހަރާއި އަޅާބަލާއިރު އިތުރުވެފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑު، އެމްޕީއެލްއިން ހާމަކޮށްފިއެވެ.

އެމްޕީއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި އަހަރުގެ ރޯދަމަހު އެތެރެކޮށްފައިވާ ކާބޯތަކެތީގެ އަދަދު މިދިޔަ 3 އަހަރުގެ ރޯދަމަހާއި އަޅާބަލާއިރު އިތުރުވެފައިވާކަމަށެވެ. އަދި ގިނަ އަދަދެއްގެ މުދާ ރާއްޖެ އެތެރެކޮށްފައިވާއިރު މިރޯދަމަހު އެކުންފުނީގެ މަޤްސަދަކަށްވީ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ކްލިއަރކުރުންކަމަށް ޝާހިދު ވިދާޅުވިއެވެ.



ޝާހިދު ވިދާޅުވީ ބަނދަރުގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެގޮތުން މިދިޔަ ތިން ހަފްތާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ވަރަށް ރަނގަޅަށް މަސައްކަތްކުރެވިފައި ހުރިކަން ފާހަގަވެފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ރޯދަމަހާއި ދިމާކޮށް މުދާ ކްލިއަރ ކުރުމަށް ފަސޭހަ އިންތިޒާމްތަކެއްވެސް އެމްޕީއެލްއިން ވަނީ ހަމަޖައްސާފައެވެ. އަދި މި ރޯދަމަހު ތަކެތީގެ އަގު ހިފެހެއްޓުމަށްޓަކައި ވީހާވެސް އަވަހަށް ބޯޓުތަކުން މުދާ ހުސްކުރުމަށް އެކުންފުނިން އަމާޒުހިފާފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެމްޕީއެލްއިން ބުނީ ރޯދަމަހާއި ގުޅިގެން އެ ކުންފުނިން މުދާ ހުސްކުރާ ގަޑިތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން ފެށިގެން ހަވީރު 16:00ށް އަދި ރޭގަނޑު 9:00އިން ފެށިގެން ދަންވަރު 1:30 އާހަމައަށް ބޯޓް ކްލިއަރ ކުރުމުގެ މަސައްކަތް ކުރާނެކަމަށް އެކުންފުނިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން