22 މާރިޗު 2020 - 13:26
10 ވަނަ އެޕިސޯޑް

==========

[އާދޭ...ދައްތަގެ ގާތަށް އާދޭ.] ޝަޒާދާއަކީވެސް ކުޑަކުދިންނާ ހެދި ވަރަށް ވަރުހުންނަ މީހެކެވެ. އެ ލޯބި ލޯބި ކުއްޖާ ފެނުމުން އޭނާވެސް ދިޔައީ ފުންމައިގެނެވެ. އޭނާ ހުންނަނީ ލޯބިކޮށް ހަދާލާނެ ކުޑަކުއްޖަކަށް ނިކަން ބޭނުންވެފައެވެ. ޝަޒާދާ ޒަބީލް އުރާލިއެވެ. ޒަބީލް ސިއްރު ސިއްރުން އިޔާދާ ދިމާއަށް ބަލައިލަމުން ހިނިތުންވެލިއެވެ. އެކުއްޖާ ހުރީ އޭނާއަށް ކާމިޔާބު ލިބުނީތީ ހިތްހަމަޖެހިފައެވެ. ނަމަވެސް، އެގެޔަށް ގެނައުމުގެ ކުރިން އިޔާދު ވަނީ އޭނާއަށް ބައްޕާއޭ ކިޔައި މުޚާޠަބު ކުރުން އެކުއްޖާއަށް މަނާކޮށްފައެވެ. އަދި އެއީ އޭނާގެ ދަރިއެއްކަން އެނގޭފަދަ އެއްވެސް ކަމެއް ނުކުރުމަށް އޭނާވަނީ ޒަބީލަށް އަންގާފައެވެ.

[މި ކުއްޖާ އެކަނިތަ އައީ.] ޝަޒާދާ އެއްސެވެ. އިޔާދަށް ބަލައިލެވުނީ ޒަބީލްގެ މޫނަށެވެ.

[މީނަގެ ތިމާގެ ބަޔަކާއެކު، ދޯންޏެއްގައި ފޮނުވީ. ދޯނި ފުރައިގެން ހިނގައްޖެ.] އިޔާދު މިހެން ބުނެފައި ގޮސް ކޮޓަރިއަށް ވަނެވެ.

[ދަރިފުޅުގެ މަންމަވީ ކޮންތާކު؟] ޝާރިޔާވެސް އެކުއްޖާގެ ކޮލުގައި ހިފާލިއެވެ.

[މަންމަވީ ރަށުގައި.] ޒަބީލް ވާހަކަ ދައްކާއިރުވެސް ހީވަނީ ހަތަރު ފަސްއަހަރު ވެފައިވާ ކުއްޖަކު ވާހަކަ ދައްކާހެންނެވެ.

[އައްސަލާމް ޢަލައިކުމް.] އެވަގުތު ދޮރުމަތިން މީހަކު ސަލާމް ގޮވި އަޑަށް ހުރިހާ މީހުން އެދިމާއަށް އެނބުރިއްޖެއެވެ.

[ވަޢަލައިކުމުއް ސަލާމް.] ސަލާމް ބަލައިގަތުމަށްފަހު އެނބުރުނުއިރު، ކުރިމަތީގައި ހުރީ ޒާހިރެވެ. ޙައިރާންކަމާއެކު ޝަޒާދާގެ ދެލޯ ބޮޑުވިއިރު، ގީތާގެ މޫނުމަތިން ފާޅުވީ ނުރުހުމާއި ނަފްރަތުގެ އަސަރެވެ. ޒާހިރު ހުރީ ހިނިއައިސްފައި ބަލަހައްޓައިގެނެވެ. އޭނާގެ ނަޒަރުގައި ވަނީ މަޢާފަށް އެދޭފަދަ އަސަރުތަކެކެވެ.

[ދަރިފުޅާ ބައްޕައަށް މަޢާފްކުރޭ. މިއަދު ބައްޕަ އައިސް މިހުރީ އިޞްލާޙުވެ، މާޒީގެ ހުރިހާ ހިރަފުހެއް ޙަޔާތުން ފޮހެލާ، ދަރިފުޅުގެ ކިބައިން މަޢާފް ލިބިގަތުމުގެ ޤަޞްދުގައި.] އޭރު ޝާރިޔާވެސް ހުރީ ޙައިރާންވެފައި، އެދިމާއަށް ބަލަހައްޓައިގެނެވެ. އޭނާވެސް ހުރީ ބަސްހުއްޓިފައި، ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހިނދު ގީތާގެ ހިތް އޭނާ ގާތު ބުނަމުންދާ ކަހަލައެވެ. އެމީހަކު ކުރި ކަމެއް އެމީހަކަށެވެ. ކުރިން ނުވިސްނުނަސް، މިއަދު ބައްޕައަށް އެވަނީ ހެޔޮވިސްނުން ލިބި، ރަނގަޅު މަގު، މާތްރަސްކަލާނގެ ދައްކަވާފައެވެ. ވީމާ، ބައްޕަގެ ކުށަށް މަޢާފްކޮށް، މޫނުމަތީގައި ތިވާ ބިރުވެރިކަމާއި ފޫހިކަން އެއްފަރާތްކޮށް، އޯގާތެރި ރާގުގައި ބައްޕަޔާ މުޚާޠަބު ކުރާށެވެ.

މިފަދަ ޚިޔާލުތައް ސިކުނޑިއަށް ފައިދާވުމާއެކު، ގީތާގެ ދެލޯ ކަރުނުން ފޯވެއްޖެއެވެ. އޭރު ޒާހިރުގެ ދެލޯވެސް ވަނީ ކަރުނުން ތެމިފައެވެ.

[ދަރިފުޅާ....އާދޭސްކުރަން، ބައްޕައަށް މަޢާފްކުރޭ...ޝަޒާދާ...] ޒާހިރުގެ އަޑު ބެދުނެވެ.

[ބައްޕާ.....އަހަރެން ބައްޕައަށް މަޢާފްކޮށްފިން....އަހަރެން ބައްޕަދެކެ ވަރަށް ވަރަށް ލޯބިވޭ. މަންމާ....މަންމަވެސް މަންމަގެ ތި އެކަނިވެރި ދިރުއުޅުމުން އެއްފަރާތަށް ޖެހިލާ، ބައްޕައަށް މަޢާފްކުރޭ.] ގީތާ ބާރަށް ރޮއިގަތީ، އޭނާގެ އަމިއްލަ އިޚްތިޔާރެއްގައެއް ނޫނެވެ. ހީވެއެވެ. އޭނާ މިފަދަ ދުވަހަކަށް އިންތިޒާރު ކުރާތާ ލައްކަ ދުވަސް ވެއްޖެއެވެ.

މިހާތަނާ ޖެހެންދެން ދިރިއުޅުމުގައި އޭނާއަށް އުނިވެފައިވަނީ ބައްޕަގެ ފުރިހަމަ ލޯތްބެވެ. އެހެންކަމުން، މިއަދު ޒާހިރު އެ ދިއްކުރާ އޯގާތެރިކަމުގެ އަތުގައި އޭނާއަށް ނުހިފެންވީ ސަބަބެއް ނެތެވެ. ޒާހިރަކީ އޭނާ އެންމެ ތުއްތު އިރުއްސުރެ އުފަން ބައްޕަ ކަމުގައި ދުށް މީހާއެވެ.

ނަމަވެސް، ބައްޕައެއްގެ ލޯބި އެންމެ ފުރިހަމައަށް އޭނާއަށް އެންމެ ބޭނުންވި ދުވަހު، އިބިލީހުގެ ސަބަބުން ޒާހިރުގެ ފަރާތުން އޭނާއަށް ލިބުނީ އޯގާތެރިކަމުގެ ހިޔަލުގެ ބަދަލުގައި ޝަހުވަތުގެ ހިޔަލެވެ. ނަމަވެސް، އޭރުވެސް ގީތާއަކީ ހަމަބުއްދި މަސައްކަތްކުރާ ކުއްޖަކަށްވުމުން، އޭނާ އެ ހިޔަލަކުން ފިނިކަމެއް ނުހޯދައެވެ. އޭނާ ރޮމުން އެ ހިޔާދަށުން ނުކުތީ، ބައްޕަ އިޞްލާޙުވެ ރަނގަޅު މަގަށް އައުމަށް ފުރްޞަތު ހުޅުވާފައެވެ. މާތްރަސްކަލާނގެ އިރާދަފުޅުން އެ މަގު މިއަދު އެވަނީ އެ ޢާއިލާއަށް ފަހިވެ، އުފާވެރިކަމުގެ ކުލަ ޖެހިފައެވެ.

[އަހަންނަށް މަޢާފްކުރޭ ޝަޒާދާ....މީގެފަހުން އެފަދަ ޢަމަލެއް ދުވަހަކުވެސް އަހަރެންގެ ފަރާތުން ތަކުރާރުވިޔަކަ ނުދޭނަން.] ޒާހިރު ރޮމުން އެތެރެއަށް ވަނެވެ. ހަމްދަރުދީގެ ޝުޢޫރުތައް ޝަޒާދާއާއި ގީތާގެ ހިތުގައި އުތުރި އަރަން ފެށިއެވެ.

[އަހަރެން ޒާހިރަށް މަޢާފްކޮށްފިން. ލައްކަ ދުވަހު އެކަނިވެރިކަން ބަރުދާސްކޮށްފިން. އިޞްލާޙުވެގެން ޒާހިރު އަންނާނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރާތާ ވަރަށް ދުވަސްވެއްޖެ....] ޝަޒާދާ މަޑުމަޑުން ހިނގާފައި އައިސް ޒާހިރާ ދިމާއަށް ހުއްޓިއްޖެއެވެ. އެވަގުތު ގީތާ އެތަނުން ނުކުތީ، މަންމައާއި ބައްޕަ ބައްދަލުނުވެ ގިނަ ދުވަސްތަކަކަށްފަހު ބައްދަލުވުމުން ދައްކާނެ ތަފާތު ވާހަކަތައް ހުންނާނެ ކަމަށް ޤަބޫލުކޮށްފައެވެ. އޭރު ޝާރިޔާވެސް އެތަނުން ނުކުމެއްޖެއެވެ. އެމީހުން ނުކުތުމުން، ޝާރިޔާ އެގެޔަށް އައިގޮތާ، ޝާކިރުވެސް އެގޭގައި އުޅޭ ވާހަކަ ޝަޒާދާ ޒާހިރަށް އޮޅުންފިލުވައިދިނެވެ.

[އެމީހުން ނޫޅޭތަ، ގީތާ އެރަށަށް ގެންދާކަށް.] ޒާހިރު އެއްސެވެ.

[އާނ، އެމީހުންވެސް ބޭނުންވަނީ، މިރަށުގައި އެ ޢާއިލާގައި އަހަރެންވެސް ޙިއްޞާކޮށްގެން އުޅެން. ފަހަރެއްގައި ޝާކިރު މިނިވަންވީމާ، ރަށަށް ދާންވެސް އުޅެފާނެ.] ޝަޒާދާ ބުންޏެވެ.

[އެމަންޖެ ދާން ބޭނުންވާނެބާ؟] ހިތާހިތާ ޒާހިރަށް އެހުނެވެ.

[ގީތާ ބޭނުމެއްނުވޭ ދާކަށް. އެހެން ނޫނަސް، މިހާރު އެއީ މީހެއްގެ އަންބެއް. ބޭނުންހާ ގޮތަކަށް އޭނައަކަށް ނުދެވޭނެއެއްނު. ހިއެއްނުވޭ، މިރަށް ދޫކޮށް ގޮސް އެރަށުގައި އުޅެން ސީދާ އިޔާދު ބޭނުންވާނެހެނެއް.] ޝަޒާދާ ބުންޏެވެ. އެއީ ތެދެކެވެ. އިޔާދުވެސް ބޭނުންވަނީ އެރަށުގައި ދިރިއުޅޭށެވެ.

ޒާހިރު އޭނާއަށް މަޢާފް ނުކުރާނެ ކަމަށް އެންމެ ހީކުރި މީހާވެސް އޭނާއަށް މަޢާފް ކުރިއެވެ. އިޔާދުގެ މަޢާފް ލިބުމުން، ޒާހިރަށް އެގޭގައި އުފަލުގައި ކުރިންވެސް އުޅުނުގޮތަށް އުޅެވޭނެ ކަމުގެ ޔަޤީންކަން އޭނާއަށް ލިބުނުވެސްމެއެވެ.

އެދުވަހުން ފެށިގެން ޒަބީލް މަލަކާ އެދުނުގޮތަށް އޭނާގެ ބައްޕަގެ ޙިމާޔަތުގައި އުޅެން ފެށިއެވެ. ދުރާއި ގާތުން ޒަބީލްގެ ޙަރަކާތްތައް މަލަކާ ބަލާނެ ކަމަށާއި، އޭނައަށް ދެރަގޮތެއްވާހިނދު، ބަދަލުހިފާނެ ކަމުގެ އިންޒާރުވެސް މަލަކާވަނީ އިޔާދަށް ދީފައެވެ. ޒަބީލް މެދުވެރިކޮށެވެ.

[އޭނައަކަށް އެއްކަމެއްވެސް ނުކުރެވޭނެ. ކީކޭ ހިތަށްއަރައިގެންތަ އެއުޅެނީ، އަހަރެންގެ ޙަޔާތުން ނުނެއްޓިގެން....އަހަރެން ޤަޞްދުގައި އޭނާގެ އަތް ބުރިކޮށެއް ނުލަން. އޭނަ ނުޖެހޭނެ، ގަސްގަހަށާއި ރުއްރުކަށް ބަދަލުވެގެން ޖަންގަލިތެރޭގައި އުޅޭކަށް.] އިޔާދު ރުޅިއައިސްފައި ހުރެ ވާހަކަ ދެއްކީ، އޭނާގެ ދަރިފުޅު ޒަބީލާއެވެ. އޭނާ ރުޅިއައީ މަލަކާގެ އިންޒާރު ހިފައިގެން ޒަބީލް އައީމައެވެ.

[އަހަރެންގެ ބެލުމުގެ ދަށުގައި އުޅެންޏާ، ކަލޭގެ މަންމައާ ބައްދަލުކޮށްގެންވެސް ނުވާނެ.] އިޔާދު ޒަބީލަށް އިންޒާރު ދިނެވެ. ޒަބީލް އިސްޖަހާލީ، ބިރަކުންނެއް ނޫނެވެ. ޙަޤީޤަތުގައި އޭނާގެ މަންމައެކޭ އެއްފަދައިން، އޭނާއަކީވެސް ގޮތްދޫނުކުރާ މިޒާޖުގެ ކުއްޖެކެވެ. އޭނާއަށް ލިބިފައިވަނީ، ސީދާ އޭނާގެ މަންމަގެ ޠަބީޢަތެވެ. ޙިއްޞާކުރަނީވެސް މަންމަގެ ނަސްލެވެ. އެހެންކަމުން، ހުރިހާ ގޮތަކުންވެސް އޭނާއަށް ބައްޕައަށްވުރެން އާރާއި ބާރު ލިބިފައިވެއެވެ. އެހެން ނަމަވެސް، ބާރު ދައްކައިގެން، އެގޭގައި އުޅެން އޭނާއަށް ފަސޭހަ ނުވާނެކަން އޭނާ ޤަބޫލު ކުރެއެވެ.

[ސޮރީ ބައްޕާ....ދެން އަހަންނެއް މަންމަގެ ގާތަކަށް ނުދާނަން. އެކަމަކު އޭރުން އަހަންނަށް ތި ބައްޕައަށް ބައްޕަ ކިޔުމުގެ ފުރްޞަތު ލިބެންޖެހޭނެ.] ކުޑަކުޑަ ޒަބީލް ގޮތެއް ކަނޑައެޅިއެވެ. އިޔާދުގެ ރުޅިވެރިކަން އިތުރަށް ގަދަވެއްޖެއެވެ.

[ޚަބަރުދާރު....ދެން އަހަރެންގެ ކުރިމަތީގައި ޗުއްޕުވެސް ބުނެގެން ނުވާނެ.] އިޔާދުގެ އަޑުގަދަވިއެވެ. އެ ކުޑަކުޑަ ޒަބީލް އެތަނުން ނުކުތެވެ. އެއީ ގީތާ ކޮޓަރިއަށް ވަންނަން ދިމާކުރި ވަގުތެވެ. އެހެންކަމުން، ކުޑަކުޑަ ޒަބީލްގެ ހާސްކަން ގީތާއަށް ފާހަގަކުރެވި، އޭނާ އިޔާދާ ސުވާލު ކުރިއެވެ. އިޔާދު އޭރުހުރީ ދޭނެ ޖަވާބަކަށް ވިސްނައިގެނެވެ.

[ޒަބީލް ހާދަ ދެރަވެގެން އެދިޔައީ...ކިހިނެއްވީ؟] ގީތާ އެއްސެވެ.

[އޭނަ މަންމަގެ ވާހަކަ ދައްކަން ފެށީމަ، އަހަންނަށް ތަންކޮޅެއް ހަރުކަށިވެވުނީ. ރުޅި އަންނާނެއެއްނު، އަބަދު އަބަދު މަންމައެއްގެ ވާހަކައެއް އެބަ ދައްކާވިއްޔަ.] އިޔާދުގެ ވާހަކައިން ތެދު ހާމަވި ކަމުގައިވިޔަސް، އޭނާގެ ނިޔަތް ރަނގަޅެއް ނޫނެވެ. އޭނާގެ ނިޔަތަކީ އޮޅުވާލުމެވެ. ޙަޤީޤަތް ފޮރުވުމަށްޓަކައެވެ.

[އިޔާ...ރަނގަޅު، އެވަރުގެ ތުއްތު ކުއްޖަކު ހިތުގައި ޖައްސާކަށް ނުވާނެ. ތިވަރުގެ މީހަކު ކީއްކުރަންތަ، އެވަރުގެ ކުއްޖަކު މިގެޔަށް ގެނައީ؟] އިޔާދުގެ އެ ޢަމަލާ ދޭތެރޭ ގީތާ ނުހަނު ހިތްހަމަނުޖެހުނެވެ.

[ސޮރީ...ސޮރީ...މެޑަމް...] އިޔާދު އިށީނދެ އިން ތަނުން ތެދުވެ ގީތާގެ އަތުގައި ހިފެހެއްޓިއެވެ.

[ޒަބީލް.....] ގީތާ ޒަބީލަށް ގޮވާލިއެވެ. ޒަބީލް ދުވަމުން ފުމެމުން އައިސް ކޮޓަރިއަށް ވަނީ، އޭނާ ދިފާޢު ކުރާނެ މީހަކުވީތީ އުފާވެފައި ހުރެއެވެ.

[ދަރިފުޅާ އާދޭ އަވަހަށް މަންމަގެ ގާތަށް...މި ބައްޕަ ވަރަށް ގޯސްވާނެ.] ގީތާ ކުޑަކުޑަ ޒަބީލް އުރާލިއެވެ. ޒަބީލް ލޮލުގެ ކުޑަކޮޅުން ބައްޕަގެ މޫނަށް ބަލައިލިއެވެ.

އެރޭގެ ދަންވަރެވެ. އިޔާދާއި ގީތާގެ އިތުރުން، ގޭގެ އެންމެން އަރާމު ނިންޖާއެކު ހިމޭންވެފައިވާ ކަހަލައެވެ. ނިދިފައި އޮތް ޒަބީލަށް ހޭލެވުނީ، އޭނާގެ މަންމަ (މަލަކާ)ގެ އިލްތިމާސެއްގެ ހަނދާން އާވާފަދަ ހުވަފެނެއް ފެނިގެނެވެ.

[ދަރިފުޅާއެވެ. ދަރިފުޅުގެ ބައްޕަގެ އުނަގަނޑުގައި އަޅާފައި އެވާ ތަވީދު ނަގާފައި އެއްލާލާށެވެ. ނޫނީ އޭތި އަންދާލާށެވެ. މަންމައާއި ބައްޕައާ ދެމެދު މިހާރު ވާހާވެސް ހުރަހަކީ އެއީއެވެ.] މަލަކާ މީގެ ދުވަސްތަކެއް ކުރިން ބުނެފައިވެއެވެ.

ޒަބީލް ތެދުވެއްޖެއެވެ. ގަދަ ނިދީގައި އޮތް ބައްޕަގެ މޫނަށް ބަލައިލުމަށްފަހު، އެނދާ ދިމާއަށް ހިނގައިގެންފިއެވެ. އެވަގުތު ނިދީގައި އޮތް ގީތާ ފުރޮޅިލިއެވެ. އޭނާގެ އަތް މިހާރު އެއޮތީ އިޔާދުގެ އުނަގަނޑުގައެވެ. ހީވަނީ ބަލާފައި، ތަވީދު އޮތް ހިސާބުގައި އަތް އަޅައި ފޮރުވާލިހެންނެވެ. ޒަބީލް ކުރިއަށް ޖެހެން ފަށައިފިއެވެ. އެވަގުތު ނިދީގައި އޮވެ ގީތާ ކުރިއަށްވުރެންވެސް އިޔާދާ ގާތްވެއްޖެއެވެ. މިހާރު ގީތާ އޮތްގޮތުން، އިޔާދުގެ އުނަގަނޑުގައި އަޅުވާފައި އޮތް ތަވީދު އެއޮތީ ގީތާގެ ހަށިގަނޑާ ނިވާވެ ފޮރުވިފައެވެ. އެހެންކަމުން، އެރޭ އެ ތަވީދު ނަގަން އުޅެގެން ފަޅާއަރާފާނެތީ، ޒަބީލް އޮށޯވެލީ، ދުރުން އޭނާގެ މަންމަގެ އަޑު އިވުނީމައެވެ.

އޭނާގެ މަންމަ ބުނާއަޑު އިވެއެވެ.

[ދަރިފުޅާއެވެ. މިރޭ ހުއްޓާލާށެވެ. އަނެއްކާވެސް އެހެން ރެޔަކަށް އިންތިޒާރު ކުރާށެވެ.] މި އަޑު ކަންފަތުގައި ޖެހުމާއެކު، ޒަބީލް އެނބުރި ގޮސް އޮށޯވެއްޖެއެވެ. އެވަގުތު މަންމަގެ ގާތަށް ދާން ހިތް އެދުނު ނަމަވެސް، އޭނާ އޮށޯވެ އޮތީ، އެ ތަވީދު ކަނޑާލާނެ އިތުރު ފުރްޞަތެއް ލިބޭތޯއެވެ. ނަމަވެސް، އެރެޔަކު އޭނާއަށް އެ ފުރްޞަތެއް ނުލިބުނެވެ.

އަބަދުވެސް އާދައިގެ މަތިން އެރޭވެސް ފާއިތުވެއްޖެއެވެ. މިހާރު ގީތާ ހުންނަނީ ހުރިހާ ގޮތަކުންވެސް އިންތިހާއަށް އުފާވެފައެވެ.

އޭނާގެ މަންމަ ޝަޒާދާއާއި، ބައްޕަ ޒާހިރު އަލުން ބަދަހި ގުޅުމަކާއެކު، ދިރިއުޅުމުގެ މައިދާނަށް ވަނުން އެއީ އޭނާއަށް ލިބުނު ކުޑަ އުފަލެއް ނޫނެވެ. ހަމައެފަދައިން، އޭނާގެ ޙަޤީޤީ ބައްޕަ ޝާކިރާއި މަންމަ ޝާރިޔާގެ ލޯބި ލިބުންވެސް އެއީ ކުޑަ އުފަލެއް ނޫނެވެ.

މިހާރު ދެން އެއުޅެނީ އަންބަކަށް މިދުނިޔެމަތިން ލިބޭނެ އެންމެބޮޑު އުފާ ޙާޞިލްވާށެވެ. އާއެކެވެ. އޭނާއާއި އިޔާދަށް ދަރިޔަކު ލިބެން ގާތްވަނީއެވެ. އޭގެއިތުރުން، ތުއްތު ކުއްޖެއްގެ ދިރިއުޅުން މިހާރުއްސުރެން އޭނާ އަންނަނީ ތަޖްރިބާ ކުރަމުންނެވެ.

އޭނާ ކުޑަކުޑަ ޒަބީލްދެކެ އުފަން ދަރިޔަކު ދެކެވާ ލޯބިވެއެވެ. ނަމަވެސް، އެއާ ޚިލާފަށް، އިޔާދު ފެންނަނީ ނިކަން ތަފާތުކޮށެވެ. އޭނާ މާބޮޑަށް ޒަބީލާ ހެދި އުޅޭ ތަނެއް ނުފެނެއެވެ. އޭނާ ޒަބީލް ކުރާ އެއްވެސް ކަމަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. އެކަމާ ބައެއްފަހަރަށް ގީތާ ޝަކުވާވެސް ކުރެއެވެ.

[އިޔާދުގެ ނުލާހިކު ގާތް މީހެއްގެ ދަރިއެކޯ. ދެން ކީއްވެތަ އިޔާ...އެސޮރަށް އަޅާނުލަނީ. އެސޮރުގެ ހުރިހާ ކަމެއްވެސް ކުރަން މިޖެހެނީ އަހަންނަށް....] ގީތާ ވާހަކަ ދެއްކީ އިޔާދާއެވެ. އޭރު ޒަބީލްވީ ޝާރިޔާމެނާއެކު ބޭރަށް ގޮހެވެ. އިޔާދުވެސް ބޭރުގައި އުޅެފައި އައިސް ގެޔަށް ވަނީއެވެ.

[އަހަރެންވީ މިތާ އަބަދު އޭނަ އުރަށްލައިގެން އުޅެންތަ؟ ނުވާނެ....ތީ އަހަންނަށް ކުރެވޭނެ ކަމެއް ނޫން.] އިޔާދު ބުންޏެވެ. އުފަން ދަރިޔަކަށްވިޔަސް، އިޔާދުގެ ހިތުގައި އެކުއްޖާއާ ދޭތެރޭ ކުލުނެއް ނެތް ކަހަލައެވެ. ޙަޤީޤަތުގައި އެކުއްޖާ ފެނުނަސް، އޭނާ ފޫހިވެއެވެ. ވެދާނެއެވެ. މަލަކާދެކެ އަންނަ ރުޅިއެއްގެ ސަބަބުން ވާގޮތެކެވެ.

އެކަމަކު އެއީ އެއްވެސް އިންޞާފެއް ނޫނެވެ. އެ ދަރިފުޅަކީ ސީދާ އޭނާގެ ދަރިފުޅެއް ކަމަށް އޭނާގެ ޟަމީރު އެއްބަސްވަނީ ކަމުގައި ވަނީނަމަ، އެކުއްޖާގެ ޙައްޤުތައްވެސް ލިބެން ޖެހޭނެއެވެ. އެކުއްޖާ ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީ، އޭނާގެ ފުރިހަމަ ވާޖިބަކަށްވާން ވާނެއެވެ.

[އެސޮރުގެ މަންމައާއި ބައްޕަ އަދިވެސް އިންޑިޔާއަށް ދިޔަގޮތަށް ޚަބަރެއް ނުވަނީތަ؟ މިހާރު މަހަކަށްވުރެންވެސް ގިނަ ދުވަސްވީނު.] ގީތާ ބުންޏެވެ. ޖަވާބު ދިނުމަށްޓަކައި އިޔާދު ފުރަތަމަ ވިސްނާލިއެވެ.

[އޭނަގެ މަންމަ ނިކަން ބައްޔޯ...ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއްނެތޯ. އޭނާގެ މަންމައަކީ ކެންސަރު ބައްޔަށް ފަރުވާކުރާ ބަލިމީހެއް.] އިޔާދު ބުންޏެވެ.

[ފިސާރި ތެދެއް!؟ ހާދަ ބަދުނަޞީބު ކުއްޖެކޭ. އެކުއްޖާއަށްވާނެ އަހަރެމެންގެ ލޯބި، އެންމެ ފުރިހަމަ ގޮތުގައި ދޭން.] ގީތާގެ ހިތް ކުޑަކުޑަ ޒަބީލަށްޓަކައި ހަމްދަރުދީން ފުރުނު ކަހަލައެވެ. އިޔާދު ބޯޖަހާލިއެވެ.

[އަހަރެންގެ ބަނޑުގައި މިވަނީ އަހަރެމެންގެ ދެވަނަ ދަރިފުޅު. ފުރަތަމަ ދަރިއަކީ ޒަބީލް.] ގީތާ ޒަބީލް އޭނާގެ އުފަން ދަރިއެއްގެ މަޤާމަށް ގެނައެވެ. ޒަބީލްގެ ހިތް އުފަލުން ފުރުނުއިރު، މޫނުމަތިން ފާޅުވަނީ ބައްޕައަށް ކުރާ މަލާމާތުގެ އަސަރެވެ. ބައްޕަ އޭނާދެކެ ކުޑަކޮށްވެސް ލޯބި ނުވިޔަސް، އޭނާއަށް ވަރިހަމައެވެ. އޭނާގެ ގީތާ މަންމަގެ ފަރާތުން އޭނާއަށް ފުރިހަމަ ލޯބި ލިބެއެވެ. ކުރިއަށް އޮތްތާ އެ ލޯބި އިތުރުވާނޭ ގޮތްތައްވެސް އޭނާގެ އަޞްލު މަންމަ މަލަކާ އަންނަނީ ވިސްނައި ރާވަމުންނެވެ. އިޔާދާ ގާތް ނުވެވުނަސް، ގީތާއަށް ފުރިހަމަ ބާރު ފޯރުވުމުގެ އާރާއި ބާރު އޭނާއަށް ލިބިގެންވެއެވެ. މިހާރުވެސް އޭނާ ބޭނުންގޮތަށް، އެ ދިރިއުޅުން ބައްޓަން ކޮށްލުމަކީ އެއްވެސް ކަމެއް ނޫނެވެ.

އެރެއެވެ. ބަނޑަށް ތަދުވާތީ، ގީތާ ހޮސްޕިޓަލަށް ގެންދިޔައީ އިޔާދާއި އޭނާގެ މަންމައެވެ. ހޮސްޕިޓަލުން އަބަދުވެސް އޭނާއަށް ފަރުވާދޭ ޑޮކްޓަރ ޝާޒްލިން ލަފާދިނީ، ހޮސްޕިޓަލްގައި އެނދުމަތި ކުރުމަށާއި، އަވަސް ފަރުވާއަށް ފެށުމަށެވެ.

[ވަރަށް ސީރިޔަސް....މިބުނީ ބަނޑު ވަރަށް ސަކަރާތޭ....] ޑޮކްޓަރ ޝާޒްލިން ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އަދި ގީތާ އޭނައަށް ދައްކަން ފެށިފަހުން ޑޮކްޓަރު އެވަރަށް ހާސްވެ ކަންބޮޑުވެފައި ވަނިކޮށް، ކުރިން ފެނިފައި ނުވާތީ، އިޔާދު ވަރަށް ބޮޑަށް ހާސްވެއްޖެއެވެ.

[ޑޮކްޓަރ ކިހިނެއްތަވީ؟] އިޔާދުގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ.

[ކެތްތެރިވޭ...ކުއްލިއަކަށް މިހެން ދިމާވާންޖެހޭ ސަބަބެއްވެސް ނުވިސްނޭ....] އޭރުވެސް ޑޮކްޓަރު ހުރީ ނިކަން ހާސްވެފައެވެ. ތަފާތު އެތައް ގޮތަކަށް ބަލައި ހެދުމަށްފަހު، ޑޮކްޓަރު ދިނީ އިޔާދަށް ވަރަށް ހިތްދަތި ޚަބަރެކެވެ. ޑޮކްޓަރު ބުނީ ދަރިފުޅު ބަނޑަށް މަރުވެފައިވާ ކަމަށާއި، ހަމަ ވަގުތުން އޮޕަރޭޝަން ކުރަންވީ ކަމަށެވެ. އެހެން ނޫނީ ގީތާގެ ފުރާނަ ސަލާމަތް ނުވާނެ ކަމަށެވެ. އެއީ ޑޮކްޓަރު ނުބުންޏަސް، އެންމެނަށްވެސް އެނގޭ ކަމެކެވެ.

އެހެންކަމުން، ވަގުތުން ގީތާ ފަޅާ ކޮޓަރިއަށް ވައްދައި، އޮޕަރޭޝަން ކުރުމުގެ މަސައްކަތް ޑޮކްޓަރުން ފެށިއެވެ.

ތިންގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު، ގީތާ ފަޅާ ކޮޓަރިން ނެރުނުއިރު، އެންމެންގެ މޫނުމަތިންވެސް ފާޅުވަމުންދިޔައީ ހިތާމައިގެ އަސަރެވެ.

[ދަރިފުޅު...ކޮބާ!؟....] އިޔާދުގެ މޫނު ފެނުމާއެކު ފުރަތަމަވެސް ގީތާ ސުވާލުކުރީ ދަރިފުޅާ ބެހޭގޮތުންނެވެ.

[ދަރިފުޅު ކުޑަކޮށް ބަލިކޮށް އޮތީ...އަދި ނުނެރޭ....] ގީތާ ހިތްހަމަޖެއްސުމަށްޓަކައި އިޔާދު ދޮގު ހެދިއެވެ. އެއީ ޑޮކްޓަރުވެސް ލަފާދިން ގޮތެވެ.

[އެކަމަކު...އަހަރެން ދަރިފުޅު ދެކޭހިތްވެޔޭ....އަޅެ ޑޮކްޓަރު ގާތު ބުނޭ...ދަރިފުޅު އަހަރެންގެ ގާތުގައި ބާއްވައިގެން ފަރުވާދޭށޭ.] ގީތާ އޮތީ ދަރިފުޅު ދެކެލުމަށް ކެތްމަދުވެފައެވެ. އޭނާ އޮޕަރޭޝަން ކުރިއިރުވެސް ދަރިފުޅު އޮތީ މަރުވެފައިކަމާއި، ފަހުން ކުއްޖަކު ހޯދުން ބުއްދިވެރި ނޫންކަން ގީތާ ގާތު ޑޮކްޓަރު ހާމަކުރީ، އޭގެ ފަސްދުވަސް ފަހުންނެވެ. އެދުވަހު ގީތާ ވަރަށް ރުޔެވެ. އޭނާ ބޮޑަށް ރުއީ އެ ދަރިފުޅުގެ މޫނުވެސް އޭނައަށް ނުފެނުނީމައެވެ. އެއީ އޭނާ ވަރަށްފޮނި އުއްމީދުތަކެއް ކުރި ކުއްޖެކެވެ. އޭނާ އެ ދަރިފުޅަށްޓަކައި ފޮނި ހުވަފެންތަކެއް ބެއްޔެވެ. ހުވަފެނީ ބިނާތަކެއް އުސްކޮށް ޖަރީކުރިއެވެ. އެކަނި އެދަރިފުޅަށްޓަކައެވެ.

ދެން ފާއިތުވެދާން ފެށި ދުވަސްތަކުގައި ގީތާގެ ފުށުން މަލަކާގެ ދަރި ޒަބީލަށް ލިބެމުން އައި ލޯބި މާ ވަރުގަދަވިއެވެ. ޒަބީލް އެއީ އޭނާގެ އުފަން ދަރިއެއްގެ ގޮތުގައި ގީތާ ބެއްޔެވެ. ރައްޓެހިންނާއި ރަޙްމަތްތެރިންގެ ގާތުގައި އޭނާ ބުނަނީ، އޭނާ ވިހެއި ދަރިފުޅަކީ އެއީ ކަމަށެވެ. އެކަމާ ކުޑަކުޑަ ޒަބީލްވެސް ހުންނަނީ ހެވި ދިލިފައެވެ. އެއާ ޚިލާފަށް އިޔާދު ހުންނަނީ ފިސާރި ހިތްހަމަނުޖެހިފައެވެ. ނަމަވެސް، ގީތާއަށް އެކަން އަންގަން ބޭނުންނުވާތީ، ގީތާގެ ކުރިމަތީ އޭނާވެސް ޒަބީލް އުރާލާ ލޯބިކޮށް ހަދައެވެ. ގީތާގެ ހިތްހަމަޖެހުމަށްޓަކައެވެ. ފަހަރެއްގައިވެސް އެއީ އޭނާގެ ދަރިއެއް ކަމަށް ޤަބޫލުކުރާތީއެއް ނޫނެވެ. ދުރާއި ގާތުން އެ މަންޒަރުތައް ބަލަމުންދާ މަލަކާ ހުންނަނީ އިންތިހާއަށް އުފާވެ ހިތްހަމަޖެހިފައެވެ.

އޭނާ ބުނާކަހަލައެވެ. ދެންވެސް އިޔާދަށް ދަރިޔަކު އުފަން ކުރާނީ އޭނައެވެ. ގީތާވެސް އަދި އެހެން އަންހެނަކުވެސް އިޔާދަކަށް ދަރިއަކު ނުވިހާނެއެވެ. މިހާރުވެސް ކުޑަކުޑަ ޒަބީލް އޭނާގެ ބައްޕަގެ އުނަގަނޑުގައި އޮތް ތަވީދު ކަނޑާލަން މަސައްކަތް ކުރެއެވެ. ނަމަވެސް، އަދިވެސް އޭނާއަށްވަނީ އެ ފުރްޞަތު ނުލިބިފައެވެ.

ކޮންމެ ދުވަހަކު އެއްފަހަރު ނޫނީ އެއަށްވުރެން ގިނަފަހަރުވެސް އެ ތަވީދު ކަނޑާލުމަށް މަލަކާ ޒަބީލަށް ބާރުއަޅައެވެ. ހަދަންވާގޮތްވެސް ބުނެދެއެވެ.

[މިރޭ އެ ތަވީދު ކަނޑާލާނަން. އެ ހުރަސްތައް ނައްތާލާނަން...] ޒަބީލް މޭ ފުއްޕާލިއެވެ. ހީވަނީ ބޮޑު ސިންގާ ފިރިހެނެއް ހެންނެވެ. ދުވަސްވާ ވަރަކަށް، އޭނާގެ ޙަރަކާތްތަކަށްވެސް އަންނަނީ ހަރުކުލަ ޖެހެމުންނެވެ. އެއީ މަލަކާ (ޖިންނި)ގެ ތަރުބިއްޔަތެވެ. މަލަކާ ބޭނުންވަނީ ދާއިމީ ގޮތަކަށް ބަތްތަށީގެ އެއްފަޅިން ނަމަވެސް ކާށެވެ. އިޔާދުގެ ޒަވާޖާ ނުގުޅުނަސް ވެހެވެ.

ޒަބީލް ވިސްނަން އޮވެފައި ތެދުވެއްޖެއެވެ. ހީވާކަހަލައެވެ. އޭނާގެ ސިކުނޑިއަށް ރަނގަޅު ޚިޔާލެއް ފައިދާވީއެވެ. އޭރު އިޔާދުގެ ދެމަފިރިންވެސް ތިބީ ގަދަ ނިދީގައެވެ.

ކުޑަކުޑަ ޒަބީލް މަޑުމަޑުން ހިނގާފައި އައިސް، އިޔާދުމެން ނިދާފައި ތިބި އެނދާ އަރާ ހަމަކޮށް ހުއްޓުނެވެ. އެވަގުތު ނިދީގައި އޮވެ އިޔާދު ފުރޮޅިލިއެވެ. ހީވަނީ އާދަޔާ ޚިލާފު އުނދަގޫތަކެއް އިޙްސާސްވެގެން އުޅޭހެންެވެ. ޒަބީލް ކުޑަކޮށް ފަހަތަށް ޖެހިލުމަށްފަހު، އެތާހުރި ގޮނޑިއަކާ ނިވާވެލިއެވެ. އެވަގުތު އަނެއްކާވެސް އިޔާދު ފުރޮޅިލިއެވެ.

ހީވާގޮތުން އޭނާ އެއުޅެނީ ހޫނުވާތީއެވެ. އެކަން ކުޑަކުޑަ ޒަބީލަށްވެސް އިޙްސާސް ކުރެވިއްޖެއެވެ. އެހެންކަމުން، ވިހަ ހިނިތުންވުމަކާއެކު ޒަބީލް ފަންކާ ބާރުކޮށްލިއެވެ. އެޔާއެކު މާގިނައިރުތަކެއްނުވެ އަނެއްކާވެސް އިޔާދު އަރާމު ނިންޖާ ގުޅިއްޖެއެވެ.

ޒަބީލް ހިތްހަމަޖެހުމުގެ ނޭވައެއްލުމަށްފަހު، އެނދާ ދިމާއަށް ހިނގައިގަތީ، މިފަހަރު އެ ތަވީދު ކަނޑާލާފައި ނޫނީ ދޫނުކުރުމަށް ޢަޒުމް ކަނޑައަޅައިގެންނެވެ. މިފަހަރު އޭނާ ހުއްޓުނީ، އެ ތަވީދުގައި އަތްލެވޭހާ ގާތަށެވެ.

މިހާރު އޭނާގެ އަތް ޙަރަކާތް ކުރަމުން އެދަނީ، އިޔާދުގެ އުނަގަނޑުގައިވާ ތަވީދާ ދިމާއަށެވެ. ހަމައެޔާއެކު، އިޔާދު ފުންމައިގެން ތެދުވިއެވެ. ތެދުވި ބާރުމިނުގައި އޭނާ ހޫރާލި އަތުން ޖެހުނީ ޒަބީލްގެ ކަންކަށިމަތީގައެވެ. އިޙްސާސް ކުރެވުނު ތަދާއެކު، ޒަބީލް ބާރަށް ރޮއިގަތެވެ. އެ އަޑަށް ގީތާއަށް ހޭލެވި، އޭނާ ތެދުވެ އެނދު ކައިރީ ކޮއްޅަށްހުރި ޒަބީލްގެ ގައިގައި ބައްދާލިއެވެ.

[ކިހިނެއްވީ ދަރިފުޅާ؟] ގީތާ ޒަބީލްގެ ލޯ ފޮހެދެމުން އެހިއެވެ. ނަމަވެސް، ޒަބީލެއް އޭނާގެ ބައްޕަ ޖެހިވާހަކައެއް ނުބުނެއެވެ. ހީވާކަހަލައެވެ. އޭނާގެ ބައްޕަ ކުށްވެރި ކުރަން އޭނާ ބޭނުން ނުވަނީއެވެ.

[މަންމާ....ކޮއްކޮ އެކަނި އެ އެނދުގައި އޮންނަން ބިރުގަންނަނީ....ކޮއްކޮ ބޭނުންވަނީ މަންމައާއި ބައްޕަ ގާތުގައި މި އެނދުގައި އޮންނަން.] މަތި އޮމާންކުރަމުން، ބުއްދި ހަރު ޒަބީލް މޮޅު ގޮތެއް ރާވާލިއެވެ.

[ނުރޮއޭ...މީގެފަހުން ދަރިފުޅު އޮންނާނީ މަންމަގެ ގާތުގައި މި އެނދުގައި.] ގީތާ ޒަބީލް އޭނާގެ ގާތުގައި ބޭއްވިއެވެ.

[އެ އެނދުގައިވެސް އެސޮރަށް އޮވެވޭނެއެއްނު....] އިޔާދު ހިމޭނުން އޮންނަން މަސައްކަތް ކުރި ކަމުގައިވިޔަސް، އޭނާއަކަށް ހިމޭނަކުން ނޯވެވުނެވެ. ޒަބީލް އޭނާގެ ގާތުގައި ނިންދެވުމަކީ ރައްކާތެރި ކަމެއް ނޫންކަން ކިތަންމެ ރަނގަޅަކަށްވެސް އޭނާއަށް އެނގެއެވެ. ފަހަރެއްގައިވެސް އެގޮތެއް އޭނާ ބޭނުން ނުވޭމެއެވެ.

[ސާބަސް އިޔާދަށް....މިސޮރު މިތާނގައި އޮތިއްޔާ، އިޔާދުގެ ގައިން ބައެއް އުނިވާނީތަ؟] ޒަބީލްގެ ބޮލުގައި ފިރުމާލަމުން ގީތާ ބުންޏެވެ.

[ގީތާ...އަނގަ މަޑުންލައިގެން ހުރޭ....ހުރިހާ ކަމެއް ކުރަން ޖެހޭނީ ކޮންމެހެން ގީތާ ބުނާހާ ގޮތަކަށް ނޫން. ޒަބީލް ބާއްވަންޖެހޭނީ އެ އެނދުގައި.] އިޔާދުގެ ގާތަށް ރުޅިއައެވެ.

ހަތިޔާރު ބެހެއްޓީ ގީތާއެވެ. ގީތާ ޒަބީލް ގެންގޮސް ޒަބީލަށް ޚާއްޞަ ކުރެވިފައިވާ އެނދުގައި ބޭއްވިއެވެ. ނަމަވެސް، އޭނާ ހުރީ ހިތްހަމަނުޖެހިފައެވެ. އެ ކުޑަ ކުއްޖާއާ ދޭތެރޭ އިޔާދު ދެކޭގޮތް އަބަދުވެސް އޭނާ ހިތްހަމައެއްނުޖެހެއެވެ.

[ނޭނގެ އަހަންނަކަށް، އިޔާދު ޒަބީލް މާ ދުރުކޮށްގެން އުޅެންޖެހޭ ސަބަބެއް. ކުށެއްނެތް، މަޢުޞޫމް ކުއްޖެއްވިއްޔަ އެއީ...] ގީތާ ބޯހޫރާލިއެވެ.

[މާބޮޑު ސަބަބެއް އޮތީކީ ނޫން. އަހަރެމެންގެ ދެމަފިރިން ނިދާ އެނދެއްގައި، އެވަރުގެ ކުއްޖަކު ބޭއްވުމަކީ ރަނގަޅު ކަމެއް ނޫންކަން އަހަންނަށް ވިސްނި، ގީތާއަށް ނުވިސްނޭތީ މައްސަލައަކީ.] އިޔާދު ވިސްނާލާފައި ސާބިތު ޢުޒުރެއް ދެއްކިއެވެ. ޙަޤީޤަތް ވަންހަނާ ކުރުމުގެ ނިޔަތުގައި ބުންޏަސް، އިޔާދުގެ ވާހަކައަކީ ގޯސް ވާހަކައެއް ނޫނެވެ. ޢުމުރު ކިތަންމެ ހަގަސް، ޒަބީލަކީ ސާދަ ފަނަރަ އަހަރުގެ ކުއްޖެއްގެ ސިކުނޑިއާ އެއްވަރަށް، ނޫނީ އެއަށްވުރެންވެސް ބުއްދި ހަރު ކުއްޖެކެވެ.

[ތިޔައީވެސް ރަނގަޅު ވާހަކައެއް.] އިޔާދުގެ ވާހަކައަށް ގީތާ ތާއީދު ކުރިއެވެ. އިޔާދު ހިނިތުންވެލިއެވެ.

އެރޭ އެންމެ ހިނދުކޮޅަކަށް އިޔާދު ލޮލުފިޔައެއް ނުޖަހައެވެ. އޭނާ އޮތީ ޒަބީލަށް ފާރަލައިގެން ހޭލައެވެ. އެހެން ނަމަވެސް، ޒަބީލެއް އެރެޔަކު ނުތެދުވެއެވެ. ވެދާނެއެވެ. އިޔާދު ފާރަޔަށް އޮންނާނެކަން އޭނާއަށް ވިސްނުނީއެވެ.

އެރެއަށްފަހު، އިޔާދު އުޅެން ޖެހިފައިވަނީ، ވަރަށް ވިސްނައިގެންނެވެ. މަލަކާގެ ރޭވުން އޭނާއަށް ކިތަންމެ ރަނގަޅަށްވެސް މިހާރު އެނގިއްޖެއެވެ. އެ ދަރިފުޅު އޭނާގެ ބެލުމުގެ ދަށަށް ފޮނުވައިގެން އުޅޭ ސަބަބު މިހާރު އޭނާއަށް ވަނީ ކަށަވަރުވެފައެވެ. އެ ދަރިފުޅަކީ މަލަކާގެ ފަންޑިތައެވެ. އެއީ މަލަކާ އިޔާދުގެ ލޯބި ހޯދުމަށް ބޭނުންކުރާ ހަތިޔާރެކެވެ.

އިޔާ...ހިނގާ މިއަދު ދަތުރުދަމާ....] ޖެހިގެން އައި ދުވަހު ހެނދުނު ގީތާ އިޔާދާ ޚިޔާލު ބަދަލުކުރިއެވެ.

[މައްސަލައެއް ނެތް، ކޮންތަނަކަށް ދާނީ؟] އިޔާދު ބުންޏެވެ. އިޔާދަކީވެސް އެކަހަލަ ކަންތައްތަކަށް ނިކަން ފޯރި ހުންނަ މީހެކެވެ.

[ގައުކަނޑިއަށް ދާނީ. ގޮސް މޫދަށް އެރިލާ މަޖާކޮށްލާފައި އައިމާ ނިމުނީނު...] ގީތާ ބުންޏެވެ. ހީވަނީ ދާންވާ ރަށް އޭނާ މާކުރިންވެސް ކަނޑައަޅާފައިވާހެންނެވެ.

[ކޮންބައެއްތަ ދާނީ؟] އިޔާދު އެއްސެވެ.

[ހަމައެކަނި މިގޭ މީހުން ދިޔަޔަސް ފަޅުފިލާނެޔޭ.] ގީތާ ބުންޏެވެ. އެހެން ނަމަވެސް، ގީތާ، އޭނާގެ ދެތިން ރައްޓެހިންވެސް އެދަތުރުގައި ބައިވެރި ކުރުމަށްޓަކައި ގުޅައިގެން ގެނައެވެ.

ލީނާވެސް ދުވަސްތަކަކަށްފަހު، އެފަދަ ދަތުރެއްގައި ބައިވެރިވުމަށް އެއްބަސްވެއްޖެއެވެ. އެދަތުރު ހަމަޖެހުމުން، އެންމެބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ޙިއްޞާކުރާ މީހަކީ މަލަކާއެވެ. އޭނާގެ ތަރުބިއްޔަތާ އެއްގޮތަށް، އެ ދަތުރުގައި އޭނާގެ ދަރިފުޅު މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އޭނާއަށް ލިބިފައިވެއެވެ.

އޭރުން ދަތުރުގެ ހުރިހާ ކާމިޔާބެއްވެސް މަލަކާއަށް ލިބޭނެއެވެ. މިދުވަހަށް އޭނާ އިންތިޒާރު ކުރާތާ މިހާރު ލައްކަ ދުވަސް ވެއްޖެއެވެ.

[އިޔާ ހިނގާ މޫދަށް އެރެން...] އިޔާދުގެ އަތުގައި ހިފަހައްޓާލަމުން ގީތާ އެދުނެވެ. ޙަޤީޤަތުގައި އޭރު އިޔާދު ހުރީވެސް މޫދަށްއެރި ފަތާލުމަށް އިންތިހާއަށް ބޭނުންވެފައެވެ. އެހެންކަމުން، ގީތާ އެހެން ބުނުމާއެކު، އޭނާ ގީތާގެ އަތުގައި ހިފައިގެން ގޮސް މޫދަށް އެރުނެވެ. އޭރު މަގޫ ގަސްތަކުގެ ތެރެއިން އެމަންޒަރު ބަލަން މަލަކާހުރީ ވިހަ ހިނިތުންވުމަކާ އެކުގައެވެ.

ކުޑަކުޑަ ޒަބީލް އިނީ ދޮންވެލިގަނޑުމަތީގައި އިށީނދެގެން މަލަކާގެ ޙަރަކާތް (ބުނާ އެއްޗަކަށް) ބަލަހައްޓައިގެންނެވެ. މަލަކާ އިޝާރާތްކޮށްފައި ބުނަމުންދަނީ، އިޔާދުގެ ފަހަތުން އިޔާދަށް ނުފެނި މޫދަށް އެރުމަށެވެ.

އެ އިޝާރާތް ލިބުމާއެކު، ކުޑަކުޑަ ޒަބީލް ދުމެއް ޖަހާފައި ގޮސް މޫދަށްއެރި އަޑިއަށް ފީނައިގެންފިއެވެ. ނަމަވެސް، ދަތުރުގެ އެއްވެސް ބައިވެރިޔަކަށް އެމަންޒަރެއް ނުފެނޭމެއެވެ.

އޭރު އިޔާދު އޮތީ ކަރުތާފެނަށްވުރެން ބޭރުގައި ފަތާލަ ފަތާލައެވެ. އޭނާގެ އެއްވެސް ޚިޔާލެއް ފިކުރެއް ހުރިހެނެއް ހިއެއްނުވެއެވެ. ކުއްލިއަކަށް ފަހަތުން އައިސް އޭނާގެ އުނަގަނޑުގައި ނިކަން ބާރަށް ދެއަތެއް ވަށާލިއެވެ. ހީވަނީ އޭނާ ދަމާފައި ބޭރަށް، އޮއިދެމޭ ދިމާއަށް ގެންދަން އުޅޭހެންނެވެ. އިޔާދު އެ އަތުގެ ތެރެއިން ސަލާމަތްވުމަށްޓަކައި ތެޅިފޮޅެން ފަށައިފިއެވެ.

ނަމަވެސް އެ ދެއަތް އޭނާ ވަށާލާފައިވަނީ ނިކަން ބާރަށެވެ.

[ކާކު....؟ ދޫކުރޭ....] އެދެއަތުގެ ތެރެއިން ވީއްލިގަތުމަށްފަހު، އެއްގަމާ ދިމާއަށް ބާރަށް ފަތައިގަންނަމުން އިޔާދު ހަޅޭއްލަވައިގަތެވެ. އެއަށްފަހު، އިޔާދު ފަސްއެނބުރި ބަލާވެސްނުލައެވެ. ނަމަވެސް، އޭނާގެ ފަހަތުން އެމީހަކު އަންނަކަމުގެ އިޙްސާސް އޭނާއަށް ކުރެވެއެވެ.

[އިޔާދު....މަޑުކުރޭ...އަހަރެން ބޭނުމިއްޔާ، ހަމަ މިހާރުވެސް އިޔާދު ހުއްޓުވިދާނެ.] އޭނާގެ ފައިދަށުން ކަހަލަ ގޮތަކަށް އިވުނީ މަލަކާގެ އަޑެވެ. އިޔާދުގެ ދެފައިގައި ހީވީ ތަޅެއްލެވުނީހެންނެވެ. އޭނާ ހުއްޓި ފަހަތަށް ބަލައިލިއެވެ. ނަމަވެސް، އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާ އަނެއްކާވެސް ފަތައިގަތެވެ.

[އިޔާދު....މަޑުކުރޭ...އަހަރެން މިހުރީ އިޔާދުގެ ނޭވާގެ ހޫނު އިޙްސާސް ކުރެވޭހާ ގާތުގައޭ.] މިފަހަރު މަލަކާ އޭނާގެ ގައިގައި އަތްލިކަމުގެ އިޙްސާސް، ޚުދު އޭނާއަށްވެސް ކުރެވުނެވެ.

[ޚަބަރުދާރު މަލަކާ....ކަލޭ އަހަރެން ގަންބާލިޔަސް ފަރުވާލެއްނެތް. ގައިގައި އަތްނުލާތި.] އިޔާދު ހުއްޓި ހަޅޭއްލަވައިގަތެވެ. ހަމައެޔާއެކު، އޭނާއާ ދާދި ގާތުން ރަތް ހެދުމެއްގައި ހުރި މަލަކާ ފާޅުވެއްޖެއެވެ. މަލަކާގެ ތުންފަތުގައި ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ.

[މާ އަޑުގަދަނުކުރޭ...އިޔާދު...ގީތާއަށް އަޑު އިވިއްޖެއްޔާ، މާ ރީއްޗެއް ނުވާނެ. އޭރުން ހުރިހާ ދެރައެއްވެސް ލިބޭނީ އިޔާދަށް. މިހާރު އިޔާދު ޒަބީލް ތިގޭގައި ގެންގުޅެނީ ގީތާއަށް އޮޅުވާލައިގެނެއްނު.] މަލަކާ ކުރީ ޒާތެއްގެ އިންޒާރެކެވެ. އިޔާދު ވަގުތުން ހުއްޓުނެވެ. މަލަކާ އެ ބުނީ ވަރަށްބޮޑު ތެދެކެވެ. އޭނާއަށް އިޔާދާއި ގީތާގެ ދިރިއުޅުން ބަދަލުކޮށްލުމުގެ ފުރިހަމަ ބާރު ލިބިގެންވެއެވެ. އޭނާ ބޭނުމިއްޔާ އިޔާދުމަތިން ގީތާ ފޫހިވެސް ކުރުވިދާނެއެވެ.

[ކަލޭތީ ހާދަ ގޮތެއްވެސް ނެތް މީހެކޭދޯ؟ ކަލޭމެނަށް ބާރެއް ލިބިފައިވާތީ، ހާދަ ފޮންޏޭދޯ. އެކަމަކު ބުނަން، ކަލޭގެ ހިތް އެދޭހާ ގޮތަކަށް ދުވަހަކުވެސް އަހަރެންގެ ހިތް ބައްޓަމެއް ނުކުރެވޭނެ. އަހަރެންނަށް ބާރު ލިބޭ ދުވަހަކީ، ކަލޭގެ ދުވަސް ދުއްވާލައި، ދުނިޔެމަތިން ކަލޭގެ ވަސްވެސް ފޮހެލާނެ ދުވަސް.] މަލަކާއަށް އެކަނި އިވޭވަރަށް އިޔާދު މަޑުމަޑުން ބުންޏެވެ.

[ތިބުނާފަދަ ބާރެއް އިންސާނަކަށް ލިބިދާނެހެން ހީވޭތަ؟] މަލަކާ ނިކަން ބާރަށް ހީގަތެވެ. އޭރު މަލަކާ ފެންނަނީ ހަމައެކަނި އިޔާދަށްކަމުން، ގޮނޑުދޮށުގައި ރާޅުޖަހާފަށުގައި އިން ގީތާއަށް ފެންނަނީ އެކަނި ހުއްޓިހުރި އިޔާދެވެ. އިޔާދު ވާހަކަ ދައްކާހެން ހީވިޔަސް، އަޑުނީވޭތީ، އޭނާ އެކަމާ މާބޮޑަކަށް ނުވިސްނައެވެ. އޭނާ ހީކުރިއެވެ. އިޔާދު މޫދުން ފެންނަ މަސްތަކަކާ ދިމާއަށް ބަލަން ހުރީއެވެ. އެއްގަމަށް އަރައިގެން އައިސް އިޔާދު ބުނީވެސް އެހެންނެވެ.

[އަހަންނަށް ހީވިޔޭ...ހިނގާދޯ ދެން ދަމާ. ލައްކަ ގިނައިރު ތިބެވިއްޖެއެއްނު.] ގީތާ ބުންޏެވެ.

[އާނ ހިނގާ އަވަހަށް ދާން. މިހާރު އެއޮއް އިރުއޮއްސެނީ.] އިޔާދު ހިނގައިގަތެވެ. ފަހަތުން ގީތާވެސް ތެދުވެގެން ހިނގައިގެންފިއެވެ. އޭރު ޕިކަޕްވެސް އެމީހުން ބަލައި އައިސް އޮތެވެ.

[އެއޮތީ ޕިކަޕް...އާދޭ...ކޮބައިތަ ޒަބީލް؟] ޒަބީލްގެ މަތިން ގީތާ ހަނދާންވީ އަދި ކިރިޔާއެވެ. އެވަގުތު އިނގިލި ދިއްކޮށް އިޔާދު ދެއްކީ، ލީނާގެ އަތުގައި ހިފައިގެން އެދިމާއަށް އައިސް އައިސް ހުރި ޒަބީލެވެ.

ގެޔަށް ދެވުނުއިރުވެސް އިޔާދު ހުރީ ވަރަށް ބޮޑަށް ހިތް ނުތަނަވަސްވެފައެވެ. އޭނާގެ ހުރިހާ މިނިވަންކަމެއް މަލަކާ ވަނީ ނިގުޅައިގެންފައެވެ. މަލަކާ ކޮންމެފަދަ ދިމާއަކުންވެސް ފާޅުވެދާނެ ކަމަށް މިހާރު އޭނާ ޤަބޫލުކުރަން ޖެހެއެވެ. މަލަކާއާއި އޭނާއާ ދެމެދު މިހާރު އެއްވެސް ހުރަހެއް ނެތެވެ. އެ ހުރަސްތައް މަލަކާގެ ހަތިޔާރުވަނީ ނައްތާލާފައެވެ. އެހެންކަމުން، މިއަދު އިޔާދު އެވަނީ މަލަކާގެ ކުރިމަތީގައި ނިކަމެތިވެފައެވެ.

ކިތަންމެ ރުޅިއައިނަމަވެސް، މިއަދު އިޔާދަށް ކުރެވޭނެ މާބޮޑުކަމެއް އޮތް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

އިޔާދުވަނީ ދުވަސްތަކެއް ކުރިން އޭނާގެ ހިތުގައި އުފެދުނު ރަޙުމާއި ހަމްދަރުދެއްގެ ސަބަބުން މަލަކާއަށް ޝަރުޠުތަކެއްގެ މަތިން ބޮޑު މިނިވަންކަމެއް ދީފައެވެ.

އެރެއެވެ. ނިދާފައި އޮތް އިޔާދަށް ހޭލެވުނީ، އޭނާއާ ދާދި ގާތުން (ކޮޓަރިތެރޭން) މީހަކު ގޮވާއަޑު އިވިގެނެވެ. ހަމަނިދި ނުލިބި އޮތް އިޔާދަށް ފުންމައިގެން ތެދުވެވުނެވެ. ހަމައެއާއެކު، އޭނާގެ ދެލޯ ބޮޑުވެއްޖެއެވެ.

[މިގަޑީގައިވެސް ކަލޭ! ކިހާބޮޑު މުޞީބާތެއް.] އިޔާދުގެ ރުޅިގަދަވިއެވެ.

[އަޑުގަދަނުކުރޭ، ގީތާއަށް ގޮވައި ހޭލައްވަފާނަން.] އިންޒާރަކަށްފަހު ގީތާ ބުންޏެވެ.

[އަހަރެން ބިރުގަންނަވަންތަ ތިހެން ތިކިޔަނީ. އެއްވެސް ބިރެއްނުގަނޭ އަހަންނެއް.] އިޔާދުވެސް ގަދަކޮށްލިއެވެ. ނަމަވެސް އެއީ އޭނާ ބިރުނުގަންނާތީއެއް ނޫނެވެ.

[އާނ، ހަޅޭއްލަވައި ގީތާ ހޭލައްވަންވީތަ؟] މަލަކާ ބިރުދެއްކިއެވެ. ނިކަން ބާރަށް ހީގަންނަމުންނެވެ.

[ހަޅޭއްލަވައި ކަލޭ ކިތަންމެ ޖެއްސުން ކުރިޔަސް، ކަލެއަށް ހިތްހަމަޖެހުމެއް ނުލިބޭނެ. މިބުނީ އަހަރެންގެ ޙަޔާތަކަށް ކަލެއަކަށް ނާދެވޭނޭ.] އިޔާދު މަޑުމަޑުން މިހެން ބުނެފައި، ކޮޓަރިން ނުކުތެވެ. އިޔާދު ކޮޓަރިން ނުކުތުމުން މަލަކާގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. އޭނާވެސް އިޔާދުގެ ފަހަތުން ކޮޓަރިން ނުކުތެވެ.

[ބިރެއްނުގަނެޔޯ! ދެން ކީއްވެތަ ކޮޓަރިން ނުކުތީ....] ގީތާ މަލާމާތުގެ ރާގުގައި ބުންޏެވެ.

އިޔާދު ރުޅިއައިސްގެން ދަތްކުނޑި ވިކައިގަތެވެ. މަލަކާ ވަރަށް ބާރަށް ހޭން ފަށައިފިއެވެ. ނިކަން ނާމާން ޒާތަކަށެވެ.

[އިޔާދު...ބުނަން....އަހަރެންގެ ދަރިފުޅާ ދޭތެރޭ އިޔާދު އިހާނެތިކޮށް ހިތަންޏާ، އެކަން ޙައްލުކުރަން ކުރެވޭނެ ހުރިހާ ކަމެއްވެސް އަހަރެން ކުރާނަން. އިޔާދަށްވެސް ޖެހޭނީ، ބައްޕައެއްގެ ލޯބި ޒަބީލަށްދޭން....] މަލަކާ ކުރިއަށްވުރެން އިޔާދާ ގާތަށް ޖެހެން ފަށައިފިއެވެ.

އޭރު މަލަކާ ލައިގެން ހުރި ރަތް ލިބާހުގެ ގޮށްތައް، އޭގެ އަމިއްލަ ޒާތުގައި ނެއްޓެން ފަށައިފިއެވެ. ހީވަނީ އިންސާނުންގެ ލޯތަކަށް ނުފެންނަ މީހަކު މަލަކާގެ ހެދުމުގެ ގޮށްތައް ނައްޓުވަނީހެންނެވެ.

އިޔާދު ފަހަތަށް ޖެހެން ފެށީ، ކޮންމެހެން މަލަކާއަށް ބިރަކުންނެއް ނޫނެވެ. ހާމަވަމުންދާ މަލަކާގެ ދޮން ހަށިގަނޑުގެ ވަނާތައް ފެނި، އިޔާދުގެ އިޙްސާސްތައް ބަދަލުކޮށްފާނެތީ، އޭނާ ޖެހިލުންވަނީއެވެ. ގައިމެވެ. ހަމަ ހޭގައި ހުރެ މަލަކާގެ އެ ހަށިގަނޑަށް އެކަނި ބަލައިލާކަށްވެސް އިޔާދު ބޭނުމެއް ނޫނެވެ.

[ފަސްނުޖެހޭ އިޔާދު...ހަތަރުކަޅިހަމަކޮށް އަހަންނަށް ބަލައިލަބަލަ އިޔާދު....] މިހާރު މަލަކާގެ ލޫޅާފަތި ދޮން ހަށިގަނޑުގައި އެއްވެސް ހުރަހެއްނެތެވެ. ހީވާކަހަލައެވެ. އޭނާ ބޭނުންވަނީ، އިޔާދުގެ އިޙްސާސްތަކާ ކުޅެ، އިޔާދުގެ ކިބައިން އުފާވެރިކަމާއި ހިތްހަމަޖެހުމެއް ލިބިގަންނާށެވެ.

[މުޑުދާރު....އަހަރެންގެ ކުރިމަތިން ދުރަށްދޭ.] އެހިނދު އެއްވެސް އިޚްތިޔާރަކާނުލައި، އިޔާދަށް މަލަކާއާ ހަތަރުކަޅި ހަމަކޮށްލެވުނެވެ. އެވަގުތު ވިދުވަރެއް ކަހަލަ އަލި ރޮނގެއް މަލަކާގެ ލޮލުގެ ތެރެއިން ގޮސް އިޔާދުގެ ލޮލާ ގުޅުނެވެ. އެޔާއެކު، އިޔާދުގެ ޙަރަކާތާއި ރާގު މުޅިން ބަދަލުވި ކަހަލައެވެ. އިޚްތިޔާރުން ބޭރުގައި އޭނާއަށްވެސް މަލަކާއާ ދިމާއަށް ހިނގައިގަނެވުނެވެ. އާއެކެވެ. މިހާރު އޭނާގެ ލޯމައްޗަށް އެ ފެންނަނީ މަލަކާއެއް ނޫނެވެ. އެއްވެސް ނިވާކަމެއްނެތި މަސްތީ އިޙްސާސްތަކެއް ވެރިކުރުވައިގެން އޭނާގެ ކުރިމަތީގައި އެހުރީ ގީތާއެވެ.

[އިޔާ....އާދޭ އަހަންނާއެކު....] ގީތާ ބުނާކަހަލައެވެ. އެހެންކަމުން، އިޔާދު މަޑުމަޑުން މަލަކާގެ ފަހަތުން ހިނގައިގަތީ، އޭނާގެ ލޮލަށް ގީތާގެ ގޮތުގައި މަލަކާ ސިފަވާތީއެވެ. އުފަލާއި ހިތްހަމަޖެހުން ޙާޞިލް ކުރުމަށްޓަކައި އެއީ މަލަކާގެ މޮޅު ރޭވުމެކެވެ.

މަލަކާގެ މިޞްރާބު ހުރީ ގެއިންވެސް ނުކުންނާށެވެ. ނަމަވެސް، އިޔާދަށްވެސް މިހާރު ފަރުވާލެއް ނެތްކަހަލައެވެ. މިހާރު އޭނާ އެވަނީ ހަމަ ރަނގަޅަށްވެސް މަލަކާގެ ފޭރާމެއް ނެތް ހަށިގަނޑުގެ ޖާދޫގައި ކިތަންމެ ރަނގަޅަށްވެސް ޖެހިފައެވެ.

[މިރޭ ގީތު މާ ރީތިހެން ހީވަނީ...ދެން ނުގޮސް މަޑުކޮށްބަލަ...] މަސްތީ އިޙްސާސަކާއެކު، އިޔާދު އެއްލި އަތުން މަލަކާގެ އަތުގައި ހިފުނެވެ. މަލަކާ އިޔާދުގެ ލޮލަށް ބަލައިލުމަށްފަހު، އިޔާދުގެ އަތުން ވީއްލިގަތުމަށްފަހު، ކުރިއަށް ހިނގައިގަތެވެ. އިޔާދު އަނެއްކާވެސް މަލަކާގެ ފަހަތުން ހިނގައިގެންފިއެވެ.

[ގީތު...ހާދަ ޗާލޭ.....އަހަރެންގެ އިޙްސާސްތަކާ ކުޅެފައި ނުގޮސް މަޑުކޮށްބަލަ.] އިޔާދު ވައިއަޑުން މަސްތީ ރާގުގައި ބުންޏެވެ.

މަލަކާ ފަސްއެނބުރި ބަލައިލި ނަމަވެސް، އޭނާ މަޑެއް ނުކުރެއެވެ. ހީވާކަހަލައެވެ. އޭނާ އިޔާދު ގޮވައިގެން ދާން ބޭނުންވަނީ ވަކި މަންޒިލަކަށެވެ. މަންޒިލަށް ދެވެންދެން އޭނާ މަޑެއް ނުކުރާނެއެވެ.

[ގީތު...ދެން މަޑުކޮށްބަލަ....] އާދޭހުގެ ރާގަކަށް އިޔާދު އެދުނެވެ. މިފަހަރު މަލަކާ މަޑުޖެހިލިއެވެ. އޭރު އޭނާ ހުއްޓިހުރި ތަނާ ދާދި ކައިރީގައި ރޯނުފުރި އެނދެއް ހުއްޓާ އިޔާދަށް ފެނުނެވެ.

އިޔާދު އެނދާ ދިމާއަށް ބަލައިލުމަށްފަހު، މަލަކާއާ ދިމާއަށް ބަލައިލީ، ކޮންމެވެސް ވާހަކައެއް ބުނާފަދަ ގޮތަކަށެވެ. ހިނިތުންވެލުމަށްފަހު، މަލަކާ އެދިމާއަށް ހިނގައިގަތީ، އިޔާދު ބުނި އެއްޗެއް ވިސްނިގެންދާފަދަ ގޮތަކަށެވެ.

މަލަކާގެ ފަހަތުން ގޮސް އިޔާދުވެސް އެނދު ކައިރިއަށް ހުއްޓިއްޖެއެވެ. މަލަކާ އަނެއްކާވެސް އިޔާދުގެ ލޮލާ ދިމާއަށް ބަލައިލިއެވެ. އޭރު އިޔާދުވަނީ ހަމަ ރަނގަޅަށްވެސް (އޭނާގެ ލޮލަށް ގީތާގެ ގޮތުގައި ސިފަވަމުންދާ) މަލަކާގެ ފޭރާމެއް ނެތް ހަށިގަނޑުގެ މަސްތުގައި ޖެހިފައެވެ. އެހެންކަމުން، އުދުރަކަށް (އިސާހިތު) އޭނާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާގެ އަމިއްލަ އެއްވެސް އިޚްތިޔާރަކާނުލާ މަލަކާގެ އުނަގަނޑުގައި ހިފައި ގާތަށް ދަމާލެވިއްޖެއެވެ. ލިބުނު ފުރްޞަތުގައި މަލަކާގެ ދެއަތް އިޔާދު ވަށާލީ ނިކަން އަވަހަށެވެ.

އެ ހުވަފެނީ ޢާލަމުން އެނބުރި އާދެވުނުއިރު، އިޔާދަށް ވަނީ އުފާވެރި އެތައް އިޙްސާސްތަކެއް ކުރުވާފައެވެ. އޭނާ ފުންމައިގެން ތެދުވެ ވަށައިގެން ހޯދަން ފެށީ އިންތިހާއަށް ބިރުގެންފައި ހުރެއެވެ.

އޭރު ގީތާ އޭނާއާ ދާދި ގާތުގައި ނިދާފައި އޮތެވެ. ކުރިމަތީގައި ހުރި އެނދުގައި ޒަބީލްވެސް ނިދާފައި އޮތެވެ. ނަމަވެސް، އިޔާދުގެ ބިރުވެރިކަމެއް ނުފިލައެވެ. މަލަކާއާއެކު އެފަދަ ހުވަފެންތަކެއްވެސް ފެންނާކަށް އޭނާ ބޭނުމެއް ނޫނެވެ. އެއީ އިޔާދުގެ ދިރިއުޅުމަށް ވިހަލާން އުޅޭ ހަރުފައެއްގެ ގޮތުގައި އޭނާ ދެކެއެވެ.

ގީތާއަށް ދެން ކުއްޖަކު ނުލިބޭނެ ކަމަށް ޑޮކްޓަރު ބުނި ބުނުމަށްވެސް މިހާރު އޭނާ މަލަކާއަށް ތުހުމަތު ކުރެއެވެ.

މަލަކާގެ އަތް ބުރިވުމަކީ އިޔާދު ޤަޞްދުގައި ކުރި ކަމެއް ނޫނެވެ. ވީމާ، އެކަމުގެ ބަދަލު މަލަކާ ހިފާކަށް ނުޖެހޭނެއެވެ.

[ފަހަރެއްގައިވެސް އެކަމުގެ ބަދަލު ހިފާކަށް ނޫން. މިހާރު އަހަރެން މިއުޅެނީ އިޔާދުދެކެ ލޯބިވާތީ....މިހާރު އަހަރެން ބޭނުންވަނީ ގީތާއާއެކު، އިޔާދުގެ ދިރިއުޅުމާ ޙިއްޞާވާން.] ކުއްލިއަކަށް ކޮޓަރިތެރެއަށް މަލަކާ ފާޅުވެއްޖެއެވެ. ހީވަނީ ފާރާ އެކުވެ، ފާރުތެރޭހުރެ ވާހަކަ ދައްކާހެންނެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން