22 މާރިޗު 2020 - 13:44
10 ވަނަ އެޕިސޯޑް

==========

[ކިހާދެރަ...އިއްޔެގައިވެސް މިތަނަށް އައިސް އަހަންނަކަށް ތާރާއެއް ނުފެނުނު. އެކަމަކު އަރުފާން ބޭސް ފިހާރަޔަކަށް ވަންތަން ފެނުނު. އޭނާއާ ދިމާކުރަން އެބޭސްފިހާރަޔަށް ވަންއިރު އޭނާ ނިކުމެއްޖެ.] ޝިޔާން ބޯހޫރާލިއެވެ.

ޝަހްލާ އެވަގުތު މަސައްކަތްކުރީ ތާރާގެ ފޯނަށް ގުޅޭތޯއެވެ. ނަމަވެސް އޭނާ ގުޅަންކުރި މަސައްކަތެއް ކާމިޔާބެއް ނުވިއެވެ. ތާރާގެ ފޯނު އޮތީ އޮފްކޮށްލާފައެވެ.

[ތާރާގެ ފޯނަކުންވެސް ނުގުޅޭ. އަރުފާނުގެ ފޯނަކުން ޖަވާބެއްނުދޭ. އަނެއްކާ އެމީހުން މިތަނުން ދިޔައީކީ ނޫންބާ؟ އަހަރެން ކޮންމެހެން މާލެ މިއައީވެސް ތާރާއާ ބައްދަލުކުރަން.] ޝަހްލާއާއި ނަވާޒް ދެން ގޮސް ހުއްޓުނީ ހޮސްޕިޓަލްގެ އިންފޮމޭޝަން ކައުންޓަރަށެވެ. ނަމަވެސް އެތާކުންވެސް ތާރާމެން ތިބި ތަނެއް ބުނެއެއް ނުދެވުނެވެ. އެނަން ކިޔާ ބަޔަކު އެތާނގައި ތިބި ކަމަކަށްވެސް ނުވިއެވެ.

[ކިހާ ދެރަ ކަމެއް....އަނެއްކާ އެމީހުން އެހެން ހޮސްޕިޓަލަކަށް ދިޔައީކީ ނޫންބާ؟] ޝަހްލާ ހޮސްޕިޓަލްގެ އެތެރެއަށް ވަދެގެން ހިނގައިގެންފިއެވެ.

ޝަހްލާ ފުރަތަމަ ބެލީ ހޮސްޕިޓަލްގެ ވޯޑްތަކެވެ. ނަމަވެސް އެއްވެސް ވޯޑަކުން އެމީހުނަކަށް ތާރާމެނެއް ނުފެނުނެވެ.

އެވަގުތެވެ. އެ ހޮސްޕިޓަލްގެ ކޮޓަރިއެއްގައި އޮތް ތާރާވެސް މަސައްކަތް ކުރަމުންދަނީ ޝަހްލާއަށް ގުޅޭތޯއެވެ.

[އަރުފާން ބަދަލުކުރި ސިމްގައޭ ޝަހްލާގެ ނަމްބަރު އޮންނާނީވެސް. އަޅޭ އެ ސިމް ލައްވައިގެން ޝަހްލާގެ ނަމްބަރު ބަލައިދީބަލަ....] އޭނާގެ ފޯނުން ޝަހްލާގެ ނަންބަރު ފެންނަން ނެތުމުން ތާރާ އެދުނެވެ.

[އެ ސިމްކާޑު އަހަރެން އަތުން ގެއްލިއްޖެ. އޭގައި ހުންނާނެ އަހަރެންވެސް ވަރަށް ބޭނުން ނަމްބަރުތަކެއް. އެކަމަކު ކީއްކުރާނީ...ދެން އަލުން ޖެހޭނީ އެނަމްބަރުތައް ހޯދަން.] އަރުފާން ބުންޏެވެ. ތާރާ ވަރަށް ބޮޑަށް މާޔޫސްވިއެވެ.

[އަޅެ މިއަދަކީ ޝަހްލާ މާލެ އަންނަން ބުނި ދުވަސް. ކިހާދެރަ...ދެން ކިހިނެއްތަ އޭނަޔަށް ގުޅާނީ.] ތާރާ ބޯހޫރާލިއެވެ.

[އަހަރެން ބަލާނަން...ޝަހްލާގެ ނަމްބަރު ލިބޭތޯ. ތާރާ ކަންބޮޑުނުވޭ...އަހަރެން ޝަހްލާ މިތަނަށް ގެންނާނަން.] އަރުފާން ކިރުތަށްޓެއް ތާރާއަށް ދެމުން ވާހަކަ ދެއްކިއެވެ.

[އަރުފާން ބޭރުތެރެއަށް ނިކުމެ ނޫޅެއްޗޭ. މިދުވަސްވަރަކީ މާލެތެރެ ވަރަށް ނާމާން ދުވަސްވަރެއް. ރޭގައިވެސް ނުރައްކާތެރި މާރާމާރީއެއް ހިންގި ކަމަށް ޚަބަރުގައިކީ.] ތާރާ ބުންޏެވެ. އޭނާ އަބަދުވެސް އޭނާގެ ފިރިމީހާއާމެދު ވިސްނައެވެ. ފިރިމީހާއަށް އެފަދަ އެއްވެސް ކަމެއް މެދުވެރިވާކަށް އޭނާއެއް ނޭދޭނެއެވެ.

[މިހާރު މިގޮތަށް އޮވެ މިއެއްޗެތި ބޮއިބޮއި މީހާ މުޅިން ފުފިއްޖެ. މިހާރު އަހަރެންގެ ހަށިގަނޑުން ދިހަވަރަކަށް ކިލޯ ބަރުވެދާނެހެން ހީވަނީ. ބަލާބަލަ...އަތާއި ފައިވެސް ދުޅަކަން.] ޖޫސްތަށި ބުއިމަށްފަހު އަރުފާންގެ އަތަށް ދިނުމަށްފަހު ތާރާ ބުންޏެވެ.

[ދުޅަވުމަކީ މާބަނޑު ދުވަސްވަރު، ބައެއް އަންހެނުންނަށް ދިމާވާ ކަމެއް. ތާރާ އެހާ ފަލައެއް ނޫން.] އަރުފާން ބުނެލިއެވެ. އޭރު އެތަނުގެ އެއްފަރާތުގައި ހުރި ހަނި ދިގު އެނދުގައި ތާރާގެ މަންމަ ނިދާފައި އޮތެވެ.

[އަރޫ...އެއްކަލަ ދުވަސްފަހުން ޝިޔާން ނުފެނޭ. އަރުފާންވެސް އޭނާ ނުދެކެންތަ؟ އެންމެފަހުން މިތަނަށް އައި ރޭ އަރުފާން ނައިސްގެން ވަރަށް ގިނައިރު ވަންދެން ހުރި.] ތާރާފޯނުން ޝިޔާންގެ ނަމްބަރު ފެނޭތޯ މަސައްކަތް ކޮށްލިއެވެ. ނަމަވެސް އެ ނަމްބަރެއްވެސް ނެތެވެ.

[ޝިޔާންގެ ނަމްބަރެއްވެސް ނެތް. ސިމްކާޑު ބަދަލުކުރާއިރު އަރުފާންވެސް އެވަރު ބަލަންވާނެއެއްނު. ޝިޔާން އަހަރެމެން ހޯދާނެ. އެއީ ވަރަށް ރަނގަޅު ކުއްޖެއް.] ތާރާ މިހެން ބުނީމާ އަރުފާން ހިސާބަކަށް ހިތްހަމަނުޖެހުނަސް، އޭނާ އެކަމެއް ފާޅެއްނުކުރެއެވެ.

[އޭނަވެސް އަދި ޝަހްލާވެސް ހޯދަން އުޅެގެން މިތަން ނުފެނި ނުދާނެ. ކައުންޓަރަށް ގޮސް އަހާލާއިރަށް ބުނެދޭނެ.] އަރުފާނަކީ މާބޮޑަށްވެސް ހުޝިޔާރު މީހެކެވެ. މިހާރު އޭނާ ރާވަމުންދަނީ ތާރާ ގޮވައިގެން ރާއްޖެއިން ބޭރަށް ދާށެވެ. އެއީ އެވަގުތަށް އޭނާގެ ދިރިއުޅުމަށް އެންމެ ރައްކާތެރިގޮތް ކަމަށް ވިސްނާފައެވެ. ނަމަވެސް އަދި އެވާހަކަ އޭނާ ތާރާ ގާތަކު ނުބުނެއެވެ.

ހޮސްޕިޓަލްގެ ދެތިން ކޮޓަރި ބަލައިލުމަށްފަހު، އެދުވަހު ޝަހްލާގެ ދެމަފިރިންނާއި ޝިޔާން ދިޔައީ އަނެއް ދުވަހު އައިސް ދެންހުރި ތަންތަން ބެލުމަށް ނިންމައިގެން ތިބެއެވެ. އެމަންޒަރު ބަލަން ދުރުގައި އަރުފާން ހުއްޓެވެ. އޭނާ ވަގުތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅިއެވެ. އެގޮތުން، އެކޮޓަރި ހޫނުގަދަ ކަމަށް ބުނެ، އޭނާ އެދިގެން ޝަކުވާކޮށް، ޝިޔާންމެން ފުރަތަމަ ބެލި ކޮޓަރިއަށް ބަދަލުވެއްޖެއެވެ. އެއީ ޙަޤީޤަތުގައިވެސް އަރުފާން ހޯދި ބޮޑު ކާމިޔާބެކެވެ.

ޖެހިގެން އައި ދުވަހު އައިސް ޝަހްލާމެން ކުރީ ދުވަހު ބެލި ކޮޓަރިތަކެއް ނުބަލައި، އެހެން ހުރިހާ ތަނެއް ބެއްޔެވެ. ނަމަވެސް އެމީހުނަކަށް ތާރާމެނެއް ނުފެނުނެވެ.

[އެމީހުން މި ހޮސްޕިޓަލަކު ނޫޅޭ. ދެން ބަލަންވީ އޭ.ޑީ.ކޭ ހޮސްޕިޓަލް. އެތާނގައި ނެތިއްޔާ އޭގެ މާނަޔަކީ ރާއްޖޭގައި ނޫޅެނީ.] ޝަހްލާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ.

ދެން ޝަހްލާ މަސައްކަތް ކުރީ ރަށަށް ގުޅައިގެން ތާރާގެ ބައްޕަގެ ނަމްބަރު ހޯދައިގެން ޚަބަރު ބަލާށެވެ. ވުމާއެކު ފުރަތަމަ އޭނާ ގުޅީ އޭނާގެ މަންމަޔަށެވެ.

[މަންމާ...ވަރަށް އަވަހަށް ތާރާމެން ގެޔަށް ގޮސް ތާރާގެ ބައްޕަގެ ނަމްބަރު ހޯދައިގެން މަށަށް ގުޅާލަދީބަލަ....މިއުޅެނީ ތާރާމެން އުޅޭ ތަނެއް ނޭނގިގެން. އެއިން މީހެއްގެ ފޯނަކުން ނުގުޅޭ. ފަހަރެއްގައި ވެދާނެ، ރާއްޖޭގައި ނެތީ ކަމަށްވެސް.] ޝަހްލާ އޭނާގެ މަންމަ ގާތު އެދުނެވެ. އާއެކޭ ބުނެފައި އޭނާގެ މަންމަ ފޯނު ބޭއްވިއެވެ. ތާރާގެ ޚަބަރު ހޯދުމަށް ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި ޝިޔާންވެސް މިހާރު ގުޅަނީ ޝަހްލާއަށެވެ.

[ޝިޔާންކޮ...މިހާރަކަށް އައިސް އަބަދުވެސް ހީވަނީ ކޮންމެވެސް އެއްޗެއް ގެއްލިގެން އުޅޭހެން...އަނެއްކާ ކަމެއް ދިމާވެގެން އުޅެންޏާވެސް ސިއްރުކޮށްގެން ނޫޅޭތި.] ޝިޔާންގެ ދޮންތަ ޝިނާ، ޝިޔާންގެ އިޙްސާސްތައް ދެނެގަނެ ވާހަކަ ދެއްކިއެވެ.

[ދޮންތާ...އަހަރެންވެސް ސްކޫލް ނިމުނުތާ މިހާރު އެތައް ދުވަހެއްވެ ދިޔައީ. ކޯސް ލިބުނީކީ ނޫން. ކިހާ ފޫއްސެއްވާނެ. އަޞްލު މައްސަލައަކީ ކުރިއަށްދާނޭ މަގު މަދީ. މިހާރުވެސް އަހަރެން ކަހަލަ ކިތައް ކުދިން އިންތިޒާރުގައި އެބަތިބި. މާ ދިގު އިންތިޒާރު ކުރަންވީމާ، ބައެއް ކުދިން މަގުވެސް އޮޅެނީ.] ޝިޔާން އޭނާގެ ތަޢުލީމީ ޙަޔާތުގެ ކުރިމަގާމެދު ވިސްނާލަމުން ބުންޏެވެ.

[ކޮއްކޮ ތިބުނިހެން ތިކަންކަމަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅަން އެބަޖެހޭ. މިހާރު ކޮއްކޮގެ ޙަޔާތުންވެސް ތިޔަދަނީ އެއްއަހަރަށްވުރެން ގިނަ ދުވަސް ބާކީވެގެން.] ޝިނާ ބުންޏެވެ.

ޝިޔާނަށްވެސް މަތީ ތަޢުލީމުގެ ފުރްޞަތު ލިބުނީ، އެތައް ދުވަހެއްގެ އިންތިޒާރުތަކަކަށްފަހުގައެވެ. އެވެސް ވިލާ ފައުންޑޭޝަނުން ލިބުނު ފުރްޞަތެކެވެ.

[އިރާދަކުރެއްވިއްޔާ، ދެން މާގިނަ ދުވަހެއްނުވެ ޝިޔާންކޮއަށް ފުރްޞަތު ލިބޭނެ. މިހާރު ދޮންތަ ވިލާއަށްވެސް ލައިފިން. ފުރަތަމަ ލައްވާލި ދިމާއަކަށް ދާނީ.] ޝިނާ މިހެން ބުނެފައި ގޮސް ކޮޓަރިއަށް ވަނެވެ. މަންމަ ގާތު ބުނެފައި ޝިޔާން ނުކުތީ ބޭރަށެވެ. ހޮސްޕިޓަލަށް ދިޔުމަށްޓަކައެވެ. އޭނާ ސައިކަލަށް އަރައި ދުއްވާލުމުގެ ކުރިން ޝަހްލާއަށް ގުޅިއެވެ. ޝަހްލާ ބުނީ އަދި ތާރާ ބައްޕައާވެސް ގުޅޭގޮތް ނުވާ ކަމަށާއި، ނަމަވެސް މިހާރު އެ ނަމްބަރު ލިބިގެން ގުޅަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

[އަހަރެން މިދަނީ ހޮސްޕިޓަލާ ދިމާއަށް. ވަރަށް އަވަހަށް ޝަފީޤުބޭގެ ނަމްބަރު އަހަންނަށް އެސް.އެމް.އެސް. ކޮށްދީ.] މިހެން ބުނެލާފައި ޝިޔާން ސައިކަލް ދުއްވާލައިފިއެވެ.

އޭނާގެ ސައިކަލް ހޮސްޕިޓަލް ދޮރުމައްޗަށް މަޑުކޮށްލި ވަގުތު ފޯނު ނަމްބަރު ލިބުނެވެ.

ސައިކަލް މަތީގައި އިނދެ އޭނާ އެ ނަމްބަރަށް ގުޅިއެވެ. ހީކުރި ވަރަށްވުރެން މާ ފަސޭހައިން ތާރާގެ ބައްޕައަށް ގުޅިއްޖެއެވެ.

[ޝަފީޤުބޭ...މީ ޝިޔާން...ތާރާ އޮތީ ކޮންތާކުތަ؟] ޝިޔާން ހިތް އަވަސްވެފައި ހުރެ އެއްސެވެ.

[ތިންވަނަ ބުރީގައި 24 ނަމްބަރު ކޮޓަރީގައި. މާދަމާ އެމީހުން އިންޑިޔާއަށް ފުރާނެ.] ޝިޔާން ފޯނު ކަނޑާލުމަށްފަހު ހޮސްޕިޓަލަށް ވަދެގެން ހިނގައިގެންފިއެވެ. ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރެއެވެ.

އަވަހަށް ދާން ހަދައިގެން ލިފްޓް މަތިންވެސް ހަނދާނެއް ނެތެވެ. އޭނާ އެރީ ސިޑިންނެވެ. އޭރު ޝަހްލާމެންވެސް ހޮސްޕިޓަލަށް ވަދެގެން އެބަ އާދެއެވެ.

[ޝިޔާން...މިހާރަކަށް އައިސް ހާދަ ގިނައިން ހޮސްޕިޓަލް ތެރެއިން ފެނެޔޭ. އަނެއްކާ މިތާނގައި ކީއްތަކުރަނީ.] ކޮޓަރިތަކާ ދިމާއަށް މިޞްރާބު ޖަހާފައިވާ ޝިޔާން ސިހުނީ ކުރީގެ ޒަމާންވީ ރައްޓެއްސަކު ގޮވި އަޑަށެވެ.

[އެބަ އަންނަން...މިވަގުތު މަޑުކުރެވޭކަށް ނެތް.] ޝިޔާން ފަސްއެނބުރި ބަލަމުން ގޮސް 24 ނަމްބަރު ކޮޓަރި ދޮރުމައްޗަށް ހުއްޓިއްޖެއެވެ. އޭރު އޭނާއަށް ގޮވި ޒުވާނާވެސް އައިސް އޭނަޔާ އަރާހަމަކޮށްފިއެވެ.

[މިހާރު ދެން އަހަރެމެންނާ އަނގައިންވެސް ބުނެނުލެވެނީތަ...މިތާ ކާކުތަ އޮތީ؟] އެޒުވާނާ އާދެ، ފައިޞަލް ޝިޔާނާ އަރާހަމަކޮށް ވާހަކަ ދެއްކިއެވެ. ޝިޔާން ދޮރު ހުޅުވާލިއެވެ. ހަމައެޔާއެކު އޭނާގެ ދެލޯ ބޮޑުވެއްޖެއެވެ. އެތާކު އެއްވެސް ބަޔަކު ނެތެވެ. އެއީ ހުސް ކޮޓަރިއެކެވެ. ވުމާއެކު ދެން ޝިޔާން ދިޔައީ ކޮޓަރިތަކުގެ ނަރުހުންގެ ޖަގަހަޔަށެވެ. އެތަނުން ނަރުހެއްގެ ފަރާތުން މަޢުލޫމާތު ލިބުނީ، ތާރާ ރާއްޖެއިން ބޭރަށް ދިޔުމަށްޓަކައި އަމިއްލައަށް އެދިގެން ހިނގައްޖެ ކަމެވެ.

[ކޮންއިރަކު ދިޔައީ!؟] ހިތް އަވަސްވެފައި ހުރި ޝިޔާން އެއްސެވެ.

[މިއަދު ހެނދުނު ހިނގައްޖެ.] އިނގިރޭސި ބަހުން ނަރުސް އަންހެން ކުއްޖާ ބުންޏެވެ.

[ފައިޞަލް...އެބަޔަކު ހޯދަން އަހަރެން މަސައްކަތް ކުރާތާ އެތައް ދުވަހެއްވީ...މިއަދު އެކަމަކާހުރެ އަހަރެން މުޅިން މާޔޫސްވެއްޖެ.] ޝިޔާނަށް ފައިޞަލާ އަނގައިން ބުނެވުނީ އަދި ކިރިޔާއެވެ.

[ކޮންބައެއްގެ ވާހަކަތަ ތިދައްކަނީ؟] ފައިޞަލް ޝިޔާންގެ ކޮނޑަށް އަތް ވައްޓާލިއެވެ. ޝިޔާން ހުރިހާ ވާހަކައެއް ވަގުތުން ފައިޞަލަށް ކިޔައިދިނެވެ. އެއަށްފަހު އޭނަޔާއެކު ތާރާ ހޯދުމަށް މަސައްކަތް ކޮށްދިނުމަށްވެސް އޭނާ ފައިޞަލްގެ ކިބައިން އެދުނެވެ. ފައިޞަލް އެކަމަށް އެއްބަސްވިވެސް މެއެވެ.

[އަހަރެންގެ އެހީތެރިކަން އެންމެ ފުރިހަމަޔަށް ޝިޔާނަށް ލިބޭނެ. އަހަރެންގެ ހިތަށްއަރަނީ ޝިޔާން ތިޔަ ކިޔައިދިނީ ހުވަފެނެއް ނޫން ކަމަށްވާނަމަ، ތާރާ ބަލިވެއިނީވެސް ޝިޔާންގެ ދަރިއަކަށްވެސް ވެދާނޭ.] ފައިޞަލް ވިސްނާލާފައި ބުންޏެވެ. ނަމަވެސް އެއީ ޝިޔާން ބޭނުންވާ ގޮތެއް ނޫނެވެ. އެއްވެސް ޙާލެއްގައި އެގޮތަށް އޭނާ ކުއްޖަކު ބޭނުމެއް ނޫނެވެ. އޭނާ ކުއްޖަކު ބޭނުންވާނީ ކައިވެންޏަކަށްފަހުގައެވެ. އެފަދަ ކަމެއް ހިނގައި، އޭނާގެ ޢާއިލާ ބަދުނާމުވެގެން ދިޔުމަކީ، ފަހަރެއްގައިވެސް އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ.

ހަމަގައިމުވެސް އޭނާގެ ސަބަބުން ޢާއިލާ ބަދުނާމުވެގެން ދިޔުމަކީ، އޭނާގެ މަންމައާއި ބައްޕަގެ އިތުރުން ދޮންތައާއި ދޮންބެއަށް ބަރުދާސް ކުރެވޭވަރުގެ ކަމަކަށް ނުވާނެއެވެ. އޭނާ ކިތަންމެ އެގޮތް މެދުވެރިވުމަށް ނޭދުނު ކަމުގައިވިޔަސް، އެއީވެސް ވުން އެކަށީގެންވާ ކަމެކެވެ.

[ހިނގާ އެއަރޕޯޓަށް ދަމާ. އެއަރޕޯޓުން ފަހަރެއްގައި ދިމާވެދާނެކަންނޭނގެ. އިންޑިއަން އެއަރލައިންސް ފުރާ ގަޑި ފުރަތަމަ ބަލަންވީ.] ޝިޔާން ގަޑިއަށް ބަލައިލަމުން ފައިޞަލާއެކު ހިނގައިގަންނަމުން ބުންޏެވެ.

[މިހާރު މިއަދު ފުރާ ބަޔަކު ފުރައިގެން ހިނގައިދާނެ. އެއަރޕޯޓަށް ދިޔުމުގެ އެއްވެސް މާނައެއް ނެތް.] ފައިޞަލް ގަޑިއަށް ބަލައިލުމަށްފަހު ބުންޏެވެ.

ޝިޔާން ތާރާގެ ބައްޕައަށް ގުޅީ އެއަށްފަހުގައެވެ. އޭނާ ބުނީ ތާރާމެން ފުރައިގެން ހިނގައްޖެ ކަމަށާއި، ދެން އެމީހުން އަންނާނީ ވިހެއުމަށްފަހުގައި ކަމަށެވެ.

[ދެން ކުރާނެ ކަމެއް ނެތް...ދިމާނުވީތާ....] ޝިޔާން ދެއަތަކަށް ބޯހޫރާލިއެވެ.

މެލޭޝިޔާއިން މަތީ ތަޢުލީމް ޙާޞިލް ކުރަން ދިޔުމަށް ޝިޔާނަށް ފުރްޞަތު ލިބުނީ، އޭގެ މަހެއްހާ ދުވަސް ފަހުންނެވެ. ވުމާއެކު ޝިޔާން ދެން ޤަޞްދުކުރީ ތާރާގެ ހަނދާންތަކާ ދުރަށް ދިޔުމަށްފަހު، ކިޔެވުމާއިގެން ކުރިއަށްދާށެވެ. ކޮންމެވެސް ދުވަހަކުން ތާރާއަށްވެސް އޭނާއާއި ތާރާއާމެދު ގުޅުންތަކެއް ހިނގާފައިވާކަން އެނގި، އެކަން ހޯދަން މަސައްކަތް ކުރާނެއެވެ. ފަހަރެއްގައި އެދުވަސް އަންނައިރު، ޝިޔާން ހުންނާނީ ތާރާއަށް އަތްފޯރާފަށަށްވުރެން މާދުރުގައި ކަމަށްވެސް ވެދާނެއެވެ.

[މަރުޙަބާ ޝިޔާން...ރަނގަޅު ކާމިޔާބެއް ހޯދަން ހިތްވަރާއެކު މަސައްކަތް ކުރާތި. ދޮންތަގެ އުންމީދަކީ މިޢާއިލާއަކީ ތަޢުލީމީ ގޮތުން ޤާބިލް ޢާއިލާއަކަށްވުން.] ޝިޔާނަށް މަތީ ތަޢްލީމް ޙާޞިލް ކުރުމުގެ ފުރްޞަތު ލިބުމުން އުފާވެފައި ހުރި އޭނާގެ ދޮންތަ އޭނާގެ އުންމީދު ފާޅުކުރިއެވެ.

ޝިޔާންގެ ދޮންތަ ޝިނާއަކީ އެޑިޔުކޭޝަންގެ ދާއިރާއިން މަތީ ތަޢްލީމް ޙާޞިލްކޮށްފައިވާ އަންހެން ކުއްޖެކެވެ. ދެންހުރީ އޭނާގެ ދޮންބެއެވެ. އޭނާ ހަދަމުންދަނީ މެޑިސިންއެވެ.

[އިރާދަކުރެއްވިއްޔާ ދޮންތަމެންގެ އުންމީދުތައް ފުރިހަމަވާނެ.] ޝިޔާން ޓީ.ވީ އޮންކޮށްލިއެވެ.

އާދައިގެ މަތިން ދުވަސްތައް ވެއަތުވަމުން ގޮސް ޝިޔާން ފުރާ ދުވަސްވެސް ޖެހިއްޖެއެވެ. މިހާރު އިންޑިޔާގައި ދެހަފްތާ ކުރުމަށްފަހު އަރުފާންމެން މާލެ އަތުވެއްޖެއެވެ. އެހެން ނަމަވެސް ޝިޔާން އެކަމެއް ނުދެެނަހުއްޓެވެ. އަމުދުން މިހާރު އޭނާ އެކަމަކާމެދު އެއްވެސްވަރަކަށް ނުވިސްނައެވެ. ސަބަބަކީ އޭނާ ތަފާތު އެތައްފަހަރަކު ކުރި މަސައްކަތުން އޭނާއާ ތާރާ ބައްދަލުނުވުމެވެ.

[އަރުފާން ހިނގާ ދެން ރަށަށް ދަމާ....] ތާރާ ވާހަކަ ދެއްކީ އޭނާގެ ފިރިމީހާ އަރުފާނާއެވެ. މާލޭގައި އެމީހުން އުޅޭ ކޮޓަރިތެރޭގައި ތިބެއެވެ. އެއީ އަރުފާން އޭނާގެ ފޯނު އެނދުމަތީގައި ބޭއްވުމަށްފަހު ފާޚާނާޔަށް ވަން ވަގުތެވެ. ތާރާ އެވަގުތު އެފޯނު ނަގައިފިއެވެ. ފަހަރެއްގައިވެސް އެއްޗެކޭ ހިތަށް އަރައިގެނެއް ނޫނެވެ. އޭނާ ފޯނު ނެގި ވަގުތަކީ އެނަމްބަރަށް ޝަހްލާ ގުޅި ވަގުތެވެ.

ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު ތާރާ ފޯނު ނަގައިފިއެވެ.

[ސާބަސް ތާރާއަށް. ތާރާއަށް ގުޅާތާ މިހާރު ކޮން ދުވަހެއް. ތިފޯނަށްވެސް އެތައް ސަތޭކަފަހަރު ގުޅައިފިން...ފޯނެއް ނުނަގާ...އަދިވެސް އަހަރެން މިއުޅެނީ މާލޭގައި.] ތާރާ ފޯނު ނެގުމާއެކު ޝަހްލާ ޝަކުވާ ކުރަން ފެށިއެވެ.

[އަރުފާނު ބުނީ މިފޯނަށް ރިންގުވަނީ ބައެއްފަހަރުއޭ. މީތިގަނޑު ހަލާކުވެފައި އޮތީމާ ނުގުޅެނީ. ރޭގައި އިންޑިޔާއިން އައީ. އާދޭ މިގެޔަށް. އަހަރެމެން މިއުޅެނީ ހ.ރޯޒްގާރޑްންގައި...ޝިޔާން ދުށިންތަ. އޭނަޔަށްވެސް ގުޅާފައި ބުނާތި، އަހަރެން ހޯދާ ވާހަކަ.] ފާޚާނާގައި ހުރެފައި އަރުފާން ނިކުތީ ތާރާ ފޯނުން ވާހަކަ ދައްކާ އަޑަށެވެ.

ލިބުނު މާޔޫސްކަމާއެކު އަރުފާން ދެއަތަކަށް ބޯހޫރާލިއެވެ.

[ކާކަށް ގުޅައިގެން ތިއުޅެނީ. އިހަށް ތިފޯނު ބާއްވަބަލަ...މިހާރު އަހަންނަށް ވަރަށް މުހިންމު ކޯލެއް އަންނާނެ.] ހިސާބަކަށް ހިތްހަމަނުޖެހިފައި ހުރެ ތާރާ އަތުން އަރުފާން ފޯނު އަތުލައިފިއެވެ. އަރުފާންގެ އެޢަމަލުން ތާރާ ކޮންމެވެސްވަރަކަށް ޙައިރާންވިއެވެ. ހަމަގައިމުވެސް އަރުފާންގެ ފުށުން އެފެނުނީ، ކުރިން ނުފެންނަފަދަ ހަރުކަށި ސިފައެކެވެ.

[އަރުފާން ހިތްހަމަނުޖެހުނީތަ. އަރުފާން ބުނީމެއްނު މިފޯނަށް ރިންގްނުވެޔޭ.] އަރުފާންގެ މޫނަށް ބަލަން އޮވެފައި ތާރާ ވާހަކަ ދެއްކިއެވެ.

[ކޮން ޝިޔާނެއް މިގެޔަށް ގެންނާކަށް. އެ ޝިޔާނާ ހިތާވެގެންތަ މިހާރު ތިއުޅެނީ. މިގެޔަކަށް ތި ފިރިހެނަކު ގެންނާނެ ކަމެއްނެތް. އަހަރެން ރުހޭ ކަމެއް ނޫން، ތާރާ އޭނަޔާ ވާހަކަ ދެއްކުމަކީ....] ރުޅިއައިސްފައި ހުރެ އަރުފާން ބުންޏެވެ.

[ތިފޯނު ދީބަލަ...ޝަހްލާއަށް ގުޅާފައި ބުނާނަން، ޝިޔާނަށް އަންގާނެ ކަމެއްނެތޭ. އަރުފާން ތިހާ ނުރުހޭ ކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނޫން. އަހަންނާ އަޅާބަލާއިރު ޝިޔާނަކީ ވަރަށް ކުޑަ ކުއްޖެއްނު.] އަރުފާނުގެ ރުޅިމޫނު ފެނުމުން ތާރާ ވަރަށް ހާސްވިއެވެ.

[އޭނާގެ ޢުމުރު ކިތަންމެ ހަގަސް، އޭނާ ތާރާ ގާތަށް އަންނަނީ ހެޔޮ ނިޔަތެއްގައެއް ނޫން. އޭނާ އުޅެނީ އަހަރެމެންގެ މިލޯބިވެތި ދިރިއުޅުމުގެ ތެރެޔަށް ވަންނަން. އޭނާޔަށް އެފުރްޞަތު ދޭކަށް އަހަރެން ބޭނުމެއް ނޫން.] އަރުފާން ޝަހްލާއަށް ގުޅާފައި ފޯނު ތާރާ އަތަށް ދިނެވެ.

ޝަހްލާ ފޯނު ނެގުމާއެކު، ޝިޔާން ގާތު އެމީހުން ތިބި ތަން ނުބުނުމަށް ތާރާ ޝަހްލާ ގާތު އެދުނެވެ. އެކަމާ ޝަހްލާ ވަރަށް ބޮޑަށް ޙައިރާންވެސްވިއެވެ. އޭނާ އެކަމާ ސުވާލުވެސް ކުރިއެވެ.

[އޭނަޔަށް އަންގާށޭ ބުނެފައި، ކުއްލިއަކަށް ނާންގާށޭ ބުނީ ކީއްވެ؟] ޝަހްލާ އެއްސެވެ.

[ފަހުން ކިޔައިދޭނަން...އަޅެ އަވަހަށް އައިސްބަލަ.] ތާރާ ފޯނު ބާއްވާލުމަށްފަހު އަރުފާނުގެ އަތަށް ފޯނު ދީފިއެވެ.

[ސޮރީ ތާރާ....އަހަންނަށް މާބޮޑަށް ރުޅިއާދެވުނީ. އަޞްލު އަހަންނަށް އެނގޭ، އެ ޝިޔާންގެ މަޤްޞަދު. ހޮސްޕިޓަލަށް ވަންނަމުން އޭނާ އޭނާގެ ރައްޓެއްސެއް ގާތުގައި އޭނާގެ ހިތްއެދޭ ބައިވެރިޔަކީ ތާރާއޭ ބުނިއަޑު އަހަރެން އެހިން. އެދުވަސްފަހުން އަހަންނަށް އޭނާދެކެ ރުޅިއާދެވެނީ.] އަރުފާން ތާރާ ގާތުގައި އިށީނދެ ތާރާގެ އަތުގައި ހިފަހައްޓާލިއެވެ.

[އަހަންނަށް އެނގޭ...އެއްވެސްކަމަކާ ނުލައި އަރުފާން އެގޮތަށް ރުޅި އިސްނުކުރާނެކަން. އަރުފާން ތިހެން ބުނީމާ މިހާރު އަހަންނަށްވެސް ވިސްނެން ފަށައިފި، އޭނާގެ ޙަރަކާތްތަކާމެދު.] ތާރާ ލޯބިވާ ފިރިމީހާގެ މޭގައި ބޯއަޅާލިއެވެ.

[އަހަރެން ކުރިން އެއްވެސްވަރަކަށް އޭނަޔަށް ޝައްކެއް ނުކުރަން. އަހަރެން ތާރާގެ ފޯނު ނަމްބަރު ބަދަލުކުރީ އޭނާގެ ޙަޤީޤަތް އެނގުނު ހިސާބުން ފެށިގެން. އަހަރެމެން ހޮސްޕިޓަލްގައި ތިއްބާވެސް އެތައްފަހަރަކު އޭނާ ހޮސްޕިޓަލަށް ގޮސް ހޯދި. އޭނާގެ ޙަރަކާތްތަކަށް އަހަރެން ފާރަލާ ބެލިން.] އަރުފާން ނުހަނު ލޯބިން ތާރާގެ ނިތްކުރީގައި ބޮސްދިނެވެ.

[ކުރިން ކީއްވެ...އަހަރެން ގާތު ތިވާހަކަ ނުބުނީ. އެހާ ކުޑަކުއްޖަކު ކީއްވެބާ އަހަންނާ ހެދި އުޅެނީ. އޭނަޔަށް އަހަންނަކީ މީހެއްގެ އަންބެއްކަންވެސް އެނގެއެއްނު.] ތާރާ ދެއަތަކަށް ބޯހޫރާލިއެވެ.

[ތާރާ....މިހާރު އޭނާ މާ ނުރައްކާތެރި ކަމެއްވެސް އެބަކުރޭ. އަހަރެން އެންމެ ކަންބޮޑުވާ ސަބަބަކީ އޭނާ އެކޮށްގެން އުޅޭ ކަމެއްގެ ސަބަބުން ތާރާއަށް ގެއްލުމެއް ވެދާނެތީ. އޭނާ އެކުރާ ކަންތައް އިދިކޮޅަށް ޖެހިއްޖެއްޔާ ތާރާ މޮޔަވެސް ވެދާނެ.] އަރުފާން އަމިއްލަ ރައްކަލަށްޓަކައި މަޅިފަތި ޖަހަމުން ދިޔައެވެ.

[އޭނާ ކީއްކުރާ ވާހަކަ ތިބުނީ؟] ތާރާ ހާސްވިއެވެ.

[ތާރާގެ ލޯބި ހޯދަން، އަހަރެމެންގެ ދޭތެރެ ދުރުކުރުމަށް ފަންޑިތަ ހަދަނީ. އެވާހަކަވެސް އޭނާ އެ ރައްޓެހި މީހާ ގާތު ބުނިއަޑު އަހަރެން އެހިން.] އަރުފާން ދުރުބަލަން ހުރެފައި ބުންޏެވެ.

[އަޅެ އަޞްލުވެސްތަ؟ އަޅެ ކިހިނެއްތަ ދެން ހަދާނީ އޭނަ އެކުރާ ކަމަކުން ރައްކާތެރިވުމަށް...އަހަރެމެން ފަންޑިތަ ހައްދަމާ. ތިވާހަކަ އަހަރެން މަންމަ ގާތުވެސް ބުނާނަން.] ތާރާ އެނދުގައި އޮށޯވެލިއެވެ.

[ނޫނޭ...އެކަހަލަ ވާހަކަ މަންމަމެން ގާތު ދައްކާކަށް ނުވާނެ. އަހަރެމެން އަމިއްލައަށް އެއިން ރައްކާތެރިވެ ތިބީމާ ރަނގަޅުވާނެ. އަހަރެންވެސް ހިއެއްނުކުރަމޭ ޝިޔާނަކީ އެކަހަލަ ކުއްޖަކަށް ވެދާނެ ކަމަކަށް.] އަރުފާން ތާރާ ގާތުގައި އިށީނެވެ.

ޝަހްލާއާއި އޭނާގެ ފިރިމީހާ ނަވާޒް ތާރާމެން އުޅޭ ގެޔަށް އައީ އޭގެ ވިއްސަކަށް މިނިޓް ފަހުންނެވެ.

[އަހަރެން ހާދަވަރަކަށް ތާރާއަށް ގުޅީމޭ. ހޮސްޕިޓަލްގެ ހުރިހާ ކޮޓަރިތައްވެސް ބެލިން. އެންމެފަހުން އަހަންނަށް އަންގާވެސްނުލާ ފުރައިގެންދިޔަކަން އެނގުމުން އަހަރެން ގާތަށް ވަރަށް ރުޅިއާދެވުނު. އަހަރެން ހީކުރީ އިންޑިޔާއިން އެނބުރި އަންނާނީ ވިހައިގެން ކަމަށް.] ޝަހްލާ ތާރާގެ ބަނޑުގައި މަޑުމަޑުން އަތް ޖައްސާލިއެވެ.

[އަރުފާން ވަރަށް އުޅުނު، ވިހަންދެން އެތާނގައި މަޑުކުރަން. އެކަމަކު އެއީކީ އަހަރެން މާ އުޅޭހިތްވާ ތަނެއް ނޫން. މިހާރު ދެން ކުރިންވިހެން ބަނޑަކަށް އުނދަގުލެއްނުވޭ. އަހަރެމެން މި ޤަޞްދުކުރަނީ ވިހަން ރަށަށްދާން ކަމަށް.] ތާރާ ބުނެލިއެވެ.

[ނޫނޭ ތާރާ...ފުރަތަމަ ދަރިފުޅު ވިހަން އެންމެ ރަނގަޅުވާނީ ޞިއްޙީ ޚިދްމަތް އެކަށީގެންވާ ގޮތަށް ލިބެން ހުންނަ ތަނެއްގައި. އެހެންނޫނީ ކަމަކުނުދާނެ. ވިހައިގެން ރަށަށް ދިވެހި ބޭސް ކުރަން ދިޔައީމަ ރަނގަޅުވާނެ.] ޝަހްލާ ބުންޏެވެ. ޝަހްލާގެ ފިރިމީހާވެސް އޭނާގެ އެވާހަކައަށް ތާއީދުކުރިއެވެ.

[މަންމަވެސް ބުނަނީ ވިހައިގެން ދާން މަޑުކުރަންވީއޭ. އެކަމަކު ޝަހޫ...މިރަށުގައި އުޅެންޏާ ހާދަބޮޑު ޚަރަދެކޭ މިދަނީ. މިހާރުވެސް ބަލާބަލަ...މިކޮޓަރިއާއި އެހެރަ ކައްކާ ތަންކޮޅާއެކު ކުއްޔަކީ ފަސްހާސް ފައްސަތޭ ރުފިޔާ. މިރަށު މީހުން މިހާރަކަށް އައިސް ނަގަމުން އެދަނީ ހާދަ ބޮޑު ކުއްޔެކޭ.] ތާރާ ކަންބޮޑުވަނީ އޭނާގެ ފިރިމީހާގެ އަތްމަތި ހުސްވެދާނެތީއެވެ.

އޭގެފަހުން ޝިޔާންގެ ހުރިހާ ވާހަކައެއްވެސް އޭނާ ޝަހްލާއަށް ކިޔައިދިނެވެ.

[އެކަމަކު ޝިޔާނަކީ އަދި ވަރަށް ކުޑަކުޑަ ކުއްޖެއްނު. އެކަމަކު ތިބުނަނީ އޭނަ ތާރާ ހޯދަން ފަންޑިތަ ހައްދާ ވާހަކަ. ކިތަންމެ ހަގަސް ލޯބި އުފެދިދާނެދޯ؟] ޝަހްލާ ބޯހޫރާލިއެވެ.

[އޭނާ ރަށުގައި އުޅުނުއިރުވެސް ވަރަށް ފާޑަކަށް އަހަންނާ ދިމާއަށް ބަލާނެ. އެކަމަކު އޭރަކު އަހަރެންގެ ހިތަކަށްނާރާ...އޭނާ އަހަންނާހެދި އުޅެފާނެ ކަމަކަށް.] ތާރާ ބުންޏެވެ.

އެދުވަހު ވާހަކަ ދެއްކުމަށްފަހު ތާރާއާއި އަރުފާންވެސް ނިންމީ ވިހައިގެން ނޫނީ ރަށަށް ނުދިޔުމަށެެވެ.

އޭގެ މަހެއްހާ ދުވަސް ފަހުން ޝިޔާންވެސް މަތީ ތަޢުލީމް ޙާޞިލް ކުރުމަށްޓަކައި މެލޭޝިޔާއަށް ފުރައިގެން ދިޔައެވެ.

އޭނާ ފުރައިގެންދިޔައީ ފަހަރެއްގައިވެސް ތާރާގެ މަތިން ހަނދާން ނައްތާލާފައެއް ނޫނެވެ. އޭނާ ޤަބޫލުކުރެއެވެ. އޭނާގެ ހުވަފެނީ ބައިވެރިޔަކީ ތާރާއެވެ. ތާރާގެ ލޯބި ކޮންމެވެސް ދުވަހަކުން އޭނަޔަށް ލިބޭނެއެވެ.

[މިހާރު އަހަރެން ވަރަށް ހިތްހަމަޖެހިއްޖެ...ޝިޔާން ބޭރަށް ފުރައިފި. ދެން އަންނާނީ އަހަރެއްހާ ދުވަސް ފަހުން.] ޝިޔާން ފުރައިގެން ދިޔަކަން އެނގުމުން އަރުފާން އުފާވެފައި ހުރެ ތާރާއާ ވާހަކަ ދެއްކިއެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް މިހާރު ތާރާގެ ބަނޑަށް ދުވަސް ފުރިއްޖެއެވެ. ތާރާގެ ދުވަސް ފުރެންދެންވެސް އަރުފާން އުޅެމުން އައީ މާލޭގައެވެ. އޭނާ މާލޭގައި އުޅުނު ދުވަސްތަކުގައި ފައިސާ ހޯދުމަށްޓަކައި ކޮންމެވެސް ފިހާރަޔަކަށް ވަޒީފާއަކަށްދާ ކަމަށް ބުނެ، ކޮންމެ ދުވަހަކުވެސް ބޭރުތެރޭގައި އުޅެއެވެ.

[މަންމާ...ހިނގާ މިއަދު އަރުފާން އުޅޭ ފިހާރައަށް ވަދެލަމާ. އޭނާ ގާތު ނުވެސް ބުނެ ދާނީ. އޭރުން އޭނާ ވަރަށް ބޮޑަށް ސިހޭނެ.] އަބަދުގެވެސް އާދަ ފަދައިން މަންމަޔާއެކު ހިނގާލަން ނިކުތް ތާރާ އޭނާގެ މަންމަ ޞަފޫރާއާ ވާހަކަ ދެއްކިއެވެ.

[ދަރިފުޅަށް އެނގޭތަ....އޭނާ އުޅޭ ފިހާރަ. ހިނގާބަލަ ދާން. މިމަގުގައިތަ ހުންނަނީ؟] ޞަފޫރާ ކުޑަކޮށް މަޑުޖެހިލިއެވެ.

[ނޫނޭ މަޖީދީ މަގުގައި. މިދުވަސްވަރު ގިނައިން ހިނގަންވާނެ.] ތާރާ މަންމަ އަތުގައި ހިފައިގެން ރަށްދެބައި މަގުން މަޖީދީމަގަށް ނިކުމެއްޖެއެވެ.

އަރުފާން އުޅޭ ކަމަށް ބުނާ ފިހާރަ ހުންނަނީ އެހިސާބާ މާދުރުގައެއް ނޫނެވެ.

[މަންމައަށްވެސް އެނގޭ...ހިނގަންވާނެކަން. އެކަމަކު އެފިހާރަ ތާރާއަށް އެބަ އެނގޭތަ؟ ފިހާރައަށް ވަދެފައި، ގެޔަށްދާނީ ޓެކްސީއެއްގައި. މަންމަ ވަރަށް ބޮޑަށް ވަރުބަލިވެއްޖެ.] ޞަފޫރާ ތާރާގެ އަތުން ދޫކޮށްލިއެވެ.

[އެފެންނަނީނު ދެބުރި ފިހާރައެއް. އެތާނގައި އޭނަ އުޅެނީ. ހިނގާބަލަ އެތަނަށް ވަދެލަން. މިގަޑީގައި އޭނަވެސް ފިހާރައިގައި އުޅޭނެ.] ތާރާއާއި ޞަފޫރާ މަޑުމަޑުން ހިނގާފައި ގޮސް އެފިހާރައާ އަރާހަމަކުރިއެވެ.

[ހިނގާ ވަންނަން. އެތެރެޔަކުން އަރުފާނެއް ނުފެނޭ.] ތާރާ އެތެރެއަށް ވަނެވެ. އޭނާގެ ފަހަތުން މަންމަވެސް ވަދެއްޖެއެވެ. ވަށައިގެން ނަޒަރު ހިންގަމުން ގޮސް އޭނާ މަޑުޖެހިލީ ބޭބީ ސާމާނަށް ޚާއްޞަ ކުރެވިފައިވާ ދިމާޔަށެވެ.

[ކޯއްޗެއްތޯ ހޯއްދަވަނީ؟] ކުއްލިއަކަށް ތާރާ ސިހުނީ އެފިހާރައިގެ ސޭލްސްމަނެއްގެ އަޑުންނެވެ. ތާރާ އެދިމާޔަށް އެނބުރުނެވެ. ލުއި ހިނިތުންވުމަކާއެކު އޭނަޔާ ދާދި ކައިރިއަށް ހުއްޓި އެހުރީ ޒުވާން ފުރައިގެ ފިރިހެން ކުއްޖެކެވެ.

[ހަމަ ބަލާލަނީ...މިތާނގައި އުޅޭތަ އަރުފާން ކިޔާ މީހަކު؟] ތާރާ އެޒުވާނާ ގާތު އެއްސެވެ. އެޒުވާނާ ހިސާބަކަށް ޙައިރާންވެސްވިއެވެ.

[ނޫޅެ ތިނަން ކިޔާ މީހަކު. ހަމަގައިމުވެސް މިޑިއުޓީއަކު ތިނަން ކިޔާ މީހަކު ނޫޅޭނެ.] އެޒުވާނާ ޖަވާބުދިނެވެ.

[އެހެންތަ!؟ ޝުކުރިއްޔާ....] ތާރާ މަންމަގެ އަތުގައި ހިފައިގެން އެތަނުން ނިކުމެއްޖެއެވެ.

[މަންމާ...އެހެންވީއިރު ކޮބައިބާ އޭނަ އުޅޭ ފިހާރަޔަކީ. ހިނގާބަލަ ދެންހުރި ތަނަށްވެސް ވަންނަމާ. އޭނާ ބުނި ތަން އަހަންނަށް ނޭނގުނީ ކަމަށްވެސް ވެދާނެއެއްނު.] ތާރާ ޖެހިގެން ހުރި ފިހާރައިގެ ދޮރުމައްޗަށް މަޑުކުރިއެވެ.

ފުރަތަމަ އޭނާ ބެލީ ބޭރުގައި ހުރެގެން އަރުފާން ފެނޭތޯއެވެ. ނަމަވެސް ބޭރު ބެލިއިރަކު އަރުފާނެއް ނުފެނެއެވެ. އެހެންވެ ތާރާ އިރުކޮޅެއް ވަންދެން ބޭރުގައި މަޑުކުރިއެވެ.

[އައްސަލާމް ޢަލައިކުމް...ތާރާ ހާދަވަރަކަށް ކާލައިގެން ތިއުޅެނީ.] ކުއްލިއަކަށް ތާރާ ސިއްސައިގެން ދިޔައީ އޭނާގެ މަދުރަސީ ދައުރުގެ ރައްޓެއްސެއް ކަމުގައިވާ ޔަޝްފާގެ އަޑުންނެވެ.

[ވަޢަލައިކުމުއް ސަލާމް...ޔަޝްފާ...ހާދަ ދުވަހެއް ކޮށްލާފަޔޭދޯ މިފެނުނީ....ކިހިނެއްތަ ޙާލު...މިހާރު ދޮންމަންމަގެ ކަންތައް ރަނގަޅުތަ؟] ބައްދަލުނުވެ ކިތަންމެ ދުވަސްވެފައި ވިޔަސް، ޔަޝްފާގެ ދިރިއުޅުމާ ބެހޭގޮތުން ކިޔައިދީފައިވާ ވާހަކަތައް ރަނގަޅަށް ތާރާ ހަނދާން އެބަހުއްޓެވެ.

[އޭނާ ބަދަލުވާނެތަ...އެއީ ހަމަ ހިންދީ ޑްރާމާތަކުން ފެންނަކަހަލަ އަންހެނެއް. އަހަންނަށް ހީވަނީ ޑްރާމާތައް ބަލާފައި އޭނާ އެކަން ކޮޕީ ކުރަނީހެން. ޢާއިލާ ތެރޭގައި މައްސަލަތައް އުފައްދަން އޭނާ ހާދަ މަސައްކަތެއް ކުރެޔޭ.] ޔަޝްފާ ތާރާގެ އަތުގައި ހިފަހައްޓާލިއެވެ.

[އަހަރެން ވަަރަށް އުފާވެއްޖެ ތާރާޔާ ބައްދަލުވީމަ. އަޅެ ތާރާ...އަހަރެން މިހެން ހުއްޓާ ތާރާ މީހަކާ އިނދެ މަންމަޔަކަށްވެސް ވަނީޔޭދޯ. ކޮބާ ހަޒްބަންޑް؟] ޔަޝްފާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ.

[މިފިހާރައިގެ ވަޒީފާގައި އުޅެނީ. ހިނގާބަލަ ވަންނަމާ އެތެރެއަށް. އަހަންނަކަށްވެސް ރަނގަޅަކަށް ނޭނގެ، މިއީ ކަމެއް އެފިހާރަޔަކީ. އަދިވެސް ޔަޝްފާ މެރީކުރާކަށް ނޫޅެންތަ؟] ތާރާއާއި ޔަޝްފާ އެފިހާރަޔަށް ވަނެވެ. ފަހަތުން ޞަފޫރާވެސް ވަދެއްޖެއެވެ.

[މެރީ ކުރަންށޭ...އެދޮންމަންމަ ދުނިޔޭގައި ހުއްޓާ މީހަކު އަހަންނާ އިންނާނެތަ؟ މިހާރުވެސް ބައްޕަގެ ކުރިމަތީގައި އެވަރުގެ ހެޔޮ އޯގާތެރި މީހަކު ނުހުންނާނެ. ބައްޕަ ކިރިޔާ އެއްކައިރިއަށް ޖެހިލާއިރަށް އަހަރެން ހަދާނެ އަޅަކަށް.] ޔަޝްފާގެ ރާގު ބަދަލުވިއެވެ. އަމިއްލަ ދިރިއުޅުމާ ދޭތެރޭ ވިސްނެން ފެށުމުން އޭނާގެ ހިތަށް އަސަރު ކުރިއެވެ.

[ތާރާ! ކީއްކުރަން މިތަނަށް އައިސްގެން ތިއުޅެނީ. މިހާރުވެސް މިއުޅެނީ އަހަންނަށް ކުއްޖަކު ލިބޭތީ، މިމީހުން ދިމާކުރާތީ....] ތާރާމެން އެތެރޭގައި ތިއްބާ އަރުފާން ފިހާރަޔަށް އައިސް ވަނީ ބޭރުން އައިހެވެ.

[ދިމާކުރިއްޔާ އެއީ އެހާވަރު ކަމެއްތަ؟] ތާރާ ފިހާރައިގެ ސޭޓަށް ބަލައިލިއެވެ.

[އާދޭ ބޭރަށް...މިތާކު ނުހުންނާނެ ތާރާމެނަށް ބޭނުންވާނޭ އެއްވެސް އެއްޗެއް.] އަރުފާން ތާރާގެ އަތުގައި ހިފައިގެން ނިކުތެވެ.

[އަރުފާނަށް އެނގޭތަ...މިއީ ކާކުކަން. މިއީ އަހަންނާއެކު އެއް ކްލާހެއްގައި އެންމެ ގިނަ ދުވަހު އުޅެ ސްކޫލް ދައުރުގައި އެންމެ ގާތްކޮށް އުޅުނު އެކުވެރިޔާ. ވަރަށް ދުވަސްކޮށްފައިދޯ ޔަޝްފާއާ މިދިމާވީ.] އަރުފާނަށް ޔަޝްފާ ތަޢާރަފްކޮށްދެމުން ތާރާ ބުންޏެވެ.

[ޔަޝްފާ ކިހިނެއް؟] އަރުފާން ޔަޝްފާއަށް ގޮވާލިއެވެ.

[ރަނގަޅެއް ނޫން...ޢާންމުކޮށް މީހަކު ކިހިނެއްހޭ އަހައިފިނަމަ، ގިނަ މީހުން ބުނާނީ ރަނގަޅޭ...އެކަމަކު ރަނގަޅު ނޫނިއްޔާ އެގޮތަށް ޖަވާބު ދިނުމަކީ އަހަރެން ކުރާ ކަމެއް ނޫން.] ޔަޝްފާ ހިނިތުންވެލިއެވެ.

[އަރުފާން....ޔަޝްފާއަކީ ވަރަށް ހިތްދަތި ދިރިއުޅުމެއް އުޅެމުންދާ އަންހެން ކުއްޖެއް. ދޮންމަންމަޔަކީ ވަރަށް ޒީލަގަދަ އަންހެނެއް.] ތާރާ އިތުރަށް ތަޢާރަފް ދިނެވެ.

އެދުވަހު އެމީހުން ގެޔަށް ދިޔައީ ޓެކްސީއެއްގައި ޔަޝްފާވެސް ގޮވައިގެނެވެ. އެގެ ޔަޝްފާއަށް ދެއްކުމުގެ ބޭނުމުގައެވެ.

[މިހާރު ޔަޝްއަށް މިގެ އެނގިއްޖެއެއްނު. ގިނަގިނައިން އަންނަންވާނެ.] ތާރާ ބުންޏެވެ.

[މިހާރު ދޮންމަންމަ ހުންނާނެ އަހަރެން ލަސްވެގެން ދަތްކުނޑި ވިކާލަ ވިކާލާ....އަހަރެން ދެން ދަނީ.] ޔަޝްފާ ނިކުތެވެ.

ތެދެކެވެ. ޔަޝްފާގެ ދޮންމަންމަ ނަޝީދާއަކީ ވަރަށް ޒީލަގަދަ ރޭވުންތެރި އަންހެނެކެވެ. އޭނާ އަބަދުވެސް ޔަޝްފާގެ އުފާތަކަށް ހުރަސްއަޅައެވެ. ޔަޝްފާގެ ޢުމުރުން ފަސްއަހަރުގައި ޔަޝްފާގެ މަންމަ ޢަޒީޒާ މިދުނިޔެ ދޫކުރިފަހުން ޔަޝްފާއަށް އުޅެން ޖެހިފައިވަނީ ނިކަމެތި ޙާލުގައެވެ.

ޢަޒީޒާ މަރުވިތާ ސާޅީސްވެސް ނުފުރެނީސް ޔަޝްފާގެ ބައްޕަ ވަޙީދު ނަޝީދާއާ ކައިވެނިކުރީ، ޢަޒީޒާގެ ޢާއިލާގެ މެމްބަރުން ގާތު، ފަސް އަހަރުގެ ދަރިފުޅަށް މަންމައެއްގެ ލޯބިދޭނޭ މީހަކު ހޯދަނީ ކަމަށް ބުނެއެވެ. ޢަޒީޒާ މަރުވުމުގެ ކުރިންވެސް ނަޝީދާ އެގެޔަށް އައިސް އުޅެއެވެ. ޢަޒީޒާގެ ރައްޓެހިކަމުގައެވެ.

[ސާބަސް ކަލެއަށް....ކޮންތާކުން ތިއައީ؟ ކަލޭ ގާތު އަހަރެން ނުބުނަންތަ އެހެރަ ހެދުންތައް ދޮންނާށޭ. މިހާރު ދެން އަހަރެން ބުނާ އެއްވެސް ކަމެއް ކަލެއަށް ކުރެވެނީކީ ނޫން.] ޔަޝްފާ ގެޔަށް އައިސް ވަނުމާއެކު ނަޝީދާގެ ބުން ޒީލަ އަޑު ގުގުމާލިއެވެ.

[އަޅެ މަންމާ...އަހަރެންގެ ވަރަށް ދުވަސްވީ ރައްޓެއްސަކާ ދިމާވެގެން އޭނަޔާއެކު އެގެޔަށް ގޮސްލީ. އަހަރެން މިދަނީ އެއެއްޗެހި ދޮންނަން.] ދޮންމަންމަގެ އަޑުން ޔަޝްފާ ބިރުގަތެވެ.

އެއީ ނަޝީދާގެ އާދައެކެވެ. ލަފާކުރެވޭ ގޮތުގައި ޔަޝްފާގެ މަންމަ ނިޔާވުމުގެ ކުރިންވެސް ނަޝީދާއާއި ވަޙީދު ގާތް ގުޅުމެއް އޮވެއެވެ.

ޢަޒީޒާގެ ގޮތް ނޭނގޭ މަރުގެ ޙާދިޘާގެ ފަހަތުގައިވެސް ކޮންމެވެސް ކަންތައްގަނޑެއް ވާނެއެވެ. މިހާރަކަށް އައިސް ޔަޝްފާ ދަނީ އޭނާގެ މަންމަގެ މަރުގެ ޙަޤީޤަތް ހޯދުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންނެވެ.

ދޮންމަންމަގެ އަނިޔާވެރި ޢަމަލުތައް ބަލަން އޭނާ ކެތްކުރަމުންދަނީވެސް އެހެންވެގެން ކަމަށްވެސް ވެދާނެއެވެ.

އެހެން ނަމަވެސް އޭނާ އަދި އޭނާ ކުރަމުންދާ މަސައްކަތާ ބެހޭގޮތުން އެއްވެސް މީހަކާ ޙިއްޞާކޮށްފައެއް ނުވެއެވެ.

[އަހަރެންގެ މަންމަ މަރުވިތާ ސާޅީސްވެސް ނުފުރެނީސް ބައްޕަ ދޮންމަންމައާ ކައިވެނި ކުރުމުގައި ސިއްރުތަކެއްވާނެ. އަހަރެން އެކަން ހޯދާނަން. އަހަރެންގެ މަންމަ މިދުނިޔެ ދޫކުރީ މީހެއްގެ އިހުމާލުން ކަމަށްވާނަމަ، އަހަރެން އެމީހަކަށް މަޢާފެއް ނުކުރާނަން. ދުވަހަކުވެސް މަޢާފެއް ނުކުރާނަން.] ޔަޝްފާ ހިތާހިތާ ކިޔާލިއެވެ. އޭނާ މިހާރު ބަލަނީ ދޮންމަންމަމެން ނޫޅޭ ގަޑިތަކުގައި ދޮންމަންމަ އުޅޭ ކޮޓަރިތެރެއިންވެސް އެކަމާ ގުޅުންހުރި އެއްޗެއް ފެނޭތޯއެވެ.

ޙަޤީޤަތުގައި ދޮންމަންމަގެ އަނިޔާވެރިކަމާ ކުރިމަތިލަމުންދާއިރު ބައްޕަގެ އޯގާތެރިކަން ލިބޭނަމަވެސް ޔަޝްފާއަށް ހިތްހަމަޖެހުމެއް ލިބުނީހެވެ. ބައްޕަގެ ފަރާތުންވެސް އޯގާތެރިކަމާއި އަޅާލުން ލިބެނީ ދޮންމަންމަގެ ދެކުދިންނަށެވެ. އެދެކުދިންގެ ތެރެއިން އެކަކު މިހާރުވެސް ހުރީ މަތީ ތަޢުލީމް ޙާޞިލް ކުރުމަށްޓަކައި ރާއްޖެއިން ބޭރުގައެވެ. މިހާރު ރަށުގައި ހުރީ ޔަޝްފާގެ ކޮއްކޮ ރިއުފާއެވެ.

ރިއުފާވެސް ކިތަންމެ ޢުމުރުން ހަގަސް ދައްތައާ ދޭތެރޭ ދެކެނީ އެގޭގައި ގެންގުޅޭ ނޯކިރީއެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އޭނާ ބައެއްފަހަރު ދައްތަކުރާ މަސައްކަތުގައި ބައިވެރިވެދީ ހަދައެވެ. އެކަހަލަ ވަގުތެއްގައި ނަޝީދާޔަށް މަންޒަރު ފެނިއްޖެ ހިނދެއްގައި ޔަޝްފާގެ ހިތް ވިރިގެންދާވަރަށް ހޫނުފެން އަޅާލައެވެ.

[ޔަޝްފާ...އަހަރެމެންގެ ދެމައިން މިއުޅެނީ މިރޭ އޮލިމްޕަހުގައި އަޅުވާފައި އޮތް ފިލްމް ބަލާލަން ދާން. އަހަރެމެން އަންނަންދެން ގެ ބަލައިގެން ގޭގައި އިންނާތި.] ހަވީރުވަމުންދިޔަ ވަގުތު ނަޝީދާ ޓިކެޓް ދައްކާލަމުން ބުންޏެވެ.

[މަންމާ...މިރޭ ލައިގެންކާނެ އެއްޗެއްވެސް އަދި ނެތް. މަހެއް ނުގަންނަންތަ؟] އައިސްއަލަމާރި ހުޅުވާލަމުން ޔަޝްފާ ބުންޏެވެ.

[ޔަޙުޔާ ގާތު އަހަރެން ބުނިން...އިރުއޮއްސުމުގެ ކުރިން މަސް ގެނެސްދޭށޭ. އޭނާ މަސް ގެނައިމާ ލައިގެންކާނެ އެއްޗެއް ހަދާލާތި. ކައްކައިގެނެއްނު ކެވޭނީ.] ނަޝީދާ މިހެން ބުނެފައި ގޮސް ކޮޓަރިއަށް ވަނެވެ. ޔަޝްފާ މާޔޫސްކަމާއެކު ދެއަތަކަށް ބޯހޫރާލިއެވެ.

އެރޭ ދޮންމަންމަމެން ސިނަމާޔަށް ދިޔައީމަ، ޔަޝްފާ ދޮންމަންމަގެ ކޮޓަރި އެއްފުށުން އަނެއް ފުށަށް ޖެހިއެވެ. އެއްވެސް ލިޔެކިޔުމެއް ފެނޭތޯއެވެ. ނަމަވެސް އޭނާޔަކަށް ބޭނުންތެރި އެއްވެސް އެއްޗެއް ނުފެނުނެވެ.

އެހެން ނަމަވެސް އޭނާ އުންމީދު ކުރެއެވެ. ކޮންމެވެސް ދުވަހަކުން އޭނާޔަށް މަޤްޞަދު ޙާޞިލް ކުރެވޭނެއެވެ.

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ދެއެވެ. ރާއްޖެއާ ކިތަންމެ ދުރުގައި އުޅުނު ކަމުގައިވިޔަސް ޝިޔާންގެ ވިސްނުން ބަދަލެއްނުވެއެވެ. އޭނާ ތާރާއާމެދު ވިސްނައެވެ. މާލެއަށް ގުޅޭ ފަހަރަކު ތާރާގެ ޚަބަރު ހޯދަން މަސައްކަތް ކުރެއެވެ. ވަރަށްގިނަފަހަރު އޭނާ ޝަހްލާއަށް ގުޅައިގެންވެސް ތާރާގެ ޚަބަރު ހޯދައެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން