02 ވަނަ އެޕިސޯޑް
==========
ފަޖުރުތަރި ވިދާލިއިރުވެސް މިހާރު އޮތީ ހާރުކާންވެސް ހަނދާން ނެތިފައެވެ. މަންމަ އެތައްފަހަރަކު ގޮވިވެސްމެއެވެ. އެހެން ނަމަވެސް، އޭނާ އޮތީ އެހާ ފަސޭހައިން ފެންމައްޗަށް އެރޭވަރުގެ ކަނޑެއްގައެއް ނޫނެވެ. އެއީ ފުންމިން ނޭނގޭ ކަނޑެކެވެ. އެކަނޑުގައި އޭނާ ފީނަމުން އެދަނީ، އޭނާގެ މަންޒިލް އަތުޖެހޭތޯއެވެ. ނޫންނަމަ އޭނާ މަސައްކަތް ކުރަމުން އެދަނީ މަންޒިލަށްދާނެ މަގު ހޯދުމަށެވެ. އޭނާގެ ލޯމަތިން މިހާރުވެސް ސިފަވަމުންދަނީ ޝިފާގެ ފުރަތަމަ ފެނިލުމެވެ. އެ ފަރި ހިނިތުންވުމެވެ.
މިފަދަ ރޭތަކުގައި ޚިޔާލީ ހުވަފެން ބެލުމުގައި މަޝްޣޫލުވެގެން އުޅެނީ ފިރިހެނުން އެކަންޏެއް ނޫނެވެ. ލޯތްބަކީ ދެޖިންސްވެސް ޙިއްޞާކުރާ އެއްޗެކެވެ. ވިލިނގިލީ އަވަށު ސްވީޓްމީޓް ކޮޓަރިއެއްގެ ތެރޭގައި އޮތް ސީނާގެ ހިތުގައި އުފެދެމުންދާ ޝުޢޫރުތަކުން އެކަން މާރަނގަޅަށްވެސް ދޭހަވެއެވެ. ގައިމެވެ. އެޒުވާނާއަކީ މީގެކުރިން ދުވަހަކުވެސް އޭނާ ދެކެފައިވާ މީހެއް ނޫނެވެ. ނަމަވެސް، ފުރަތަމަ ފެނިލުމާއެކުވެސް ސީނާގެ ހިތުގައި ބުނަން ނޭނގޭ ޒާތެއްގެ ޝުޢޫރުތަކެއް ހިނގަމުންދެއެވެ. އެޒުވާނާގެ އެޙަރަކާތްތައް އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާ ކަހަލައެވެ. އޭނާގެ ހިތް އެދި ގޮވަމުންދަނީ، އެޒުވާނާއާ ބައްދަލުވުމަށެވެ.
[އެއީ ކޮންނަމެއް ކިޔާ ކާކުބާ؟] ސީނާއަށް ހިތާހިތާ ސުވާލުކޮށްލެވުނެވެ. އެސުވާލުގެ ޖަވާބު ވީހާވެސް އަވަހަކަށް ހޯދަން އޭނާ ބޭނުންވެއެވެ. އެރޭ ނިދާނަމޭ ހިތާ ލޯމަރާލާއިރަށް އޭނާގެ ޚިޔާލީ ސްކްރީނަށް ސިފަވަމުންދަނީ، އެ ޒުވާނާގެ ހިތްގައިމު ޙަރަކާތްތަކެވެ. އެންމެފަހުން ނިދޭތޯ ކުރި މަސައްކަތް ކާމިޔާބު ނުވުމުން، އޭނާ ތެދުވެއްޖެއެވެ. އެއަށްފަހު ސައިޑް ކަބަޑްމަތީގައި ހުރި ސޯނާ ގަޑިއަށް ބަލައިލިއެވެ. އޭރު ގަޑިން ހަތަރުގަޑިބައިވެ ބޮޑުވެއްޖެއެވެ. ހީވެއެވެ. އޭނާ ބޭނުންވަނީ އޭނާގެ ހިތުގައި އުތުރި އަރަމުން އަންނަ ޝުޢޫރުތަކަށް ޅެމެއްގެ ސިފަ ގެންނާށެވެ. ވީވެސް އެހެންނެވެ. އޭނާ ފޮތާއި ޤަލަން ހިފައިގެން ގޮސް މޭޒުދޮށުގައި އިށީނެވެ.
ޅެންވެރިކަމަކީ ސީނާއަށް ޤުދްރަތުން ދެއްވާފައިވާ އަގުބޮޑު ހަދިޔާއެކެވެ. އެހެންކަމުން، އޭނާ އޭނާގެ އެފަންނު އެތައް ބަޔަކަށް އުނގަންނައިދެމުންވެސްދެއެވެ.
ސީނާގެ ޙަޔާތުން އެރޭ ފާއިތުވެދިޔައީ، ނުދަންނަ މީހެއްގެ އެތައް އުނދަގޫތަކެއް ތަޙައްމަލް ކުރުމަށްފަހުގައެވެ.
[ކޮން އުނދަގުލެއް؟] ޖެހިގެން އައި ދުވަހު ހެނދުނު ސީނާއާއި އޭނާގެ ރަޙްމަތްތެރި މާއިޝާ ވާހަކަ ދައްކަން ތިބީ މާއިޝާމެންގެ ގޭގެ ބޮޑުކޮޓަރީގައެވެ.
[އެއްކަލަ ފޮޓޯ ނެގިއެއްނު، އޭނަގެ....ނޭނގެ، ރޭގައި މުޅިންވެސް ފެންނަނީ އޭނަ....އަޅެ މާއިޝާ އަހަރެންގެ ހިތް އޭނައަށް އެދި އެބަ ގޮވާ. ބުނެބަލަ މިހިތަށް އަހަރެން ދޭނީ ކޮން ޖަވާބެއް؟] ސީނާ ރަޙްމަތްތެރިޔާގެ ލަފައަށް އެދުނެވެ.
[ސީނު.....އަހަރެން ރަނގަޅު ވާހަކައެއް ބުނެފާނަން. ނުވެސް ދަންނަ މީހަކާ ދޭތެރޭ ތިހާވަރަށް ވިސްނުންތީ މާހަމަޖެހޭ ކަމެއް ނޫން.] މާއިޝާ ބޭނުންވީ ސީނާއަށް ވިސްނައިދޭށެވެ.
[މާއިޝާ ބުނެބަލަ އަހަރެން ކިހިނެއްތަ ހިތަށް ބާރުފޯރުވާނީ.] ސީނާ މެޔާ ދިމާގައި އަތް ޖައްސާލަމުން ބުންޏެވެ. މާއިޝާގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ.
[ސާބަސް ސީނު....މީހަކު ހަމަ ފެންނައިރަށް ހިތްކިޔާތަ؟] މާއިޝާ ހެމުން ސީނާއާ ދިމާކުރިއެވެ.
[އަހަރެންވެސް އެއްޗެކޭ ކިޔާފާނަމޭ. އެންމެ ރަނގަޅު މާއިއާއި ނާޞިޙް ރައްޓެހިވީ ކިތައް ދުވަހު ފެނި ބައްދަލުވެގެންތަ؟] ސީނާ ހީވީ މާއިޝާގެ އަނގަމަތީގައި ބާރު ބޮނޑިއެއް އެޅިހެންނެވެ. މާއިޝާގެ އަނގަ ބަންދުވިއެވެ.
[އަހަރެން ހުއްޓާލައިފިން. އެންމެ ފެނިލުމަކުންވެސް ލޯބި ވެވިދާނެ.....މިހެން ބުނުވާންވިއްޔަ ތިއުޅެނީ....] ސަމާސާ ރާގަކަށް މާއިޝާ ބުންޏެވެ.
[އާނ ލޯބިވެވިދާނެ....އެކަމަކު އަހަރެންގެ ހިތަކުން ދެވަނަ ފަރާތަކަށް ޖާގައެއް ނުދެވޭނެ....] ޝިފާ ވާހަކަ ދެއްކީ މިހާދާއެވެ. ފޯނުންނެވެ. ތަކުރާރުކޮށް މިހާދު އެދެމުންދިޔަ ލޯތްބަށް ޝިފާދަނީ ކަނޑައެޅިގެން އިންކާރު ކުރަމުންނެވެ.
[އާދޭސް ކުރަން. ޝިފާ ތިހެން ނުބުނޭ، ތިއީ އަހަންނަށް ލޯބިވެވުނު ފުރަތަމަ ކުއްޖާ.....އަހަރެންގެ ލޯބީގައި ކޮޅުފައިން ނުޖަހާ.] މާޔޫސީ އަޑަކުން މިހާދު އާދޭސް ކުރަމުން އެނދުގައި އޮށޯވެލިއެވެ.
[މަޢާފްކުރޭ....އަހަރެންގެ ހިތަކީ ފުރިފައިވާ ހިތެއް. މިހިތަށް އިތުރު މީހެއްގެ ލޯތްބެއް ބޭނުމެއް ނޫން....ދެން ބާއްވަނީ...] ޝިފާ ފޯނު ބޭއްވިއެވެ.
ހިތަށް ކުރި އަސަރުން މިހާދަށް ވަކިދިމާއެއް ނުބަލާ ފޯނު ހޫރާލެވުނެވެ. ހޫރާލި ބާރުމިނުގައި ފޯނުގޮސް ޖެހުނީ ކޮޓަރީގެ ކުޑަދޮރުގެ ބިއްލޫރިގަނޑުގައެވެ. ވަގުތުން ބިއްލޫރިގަނޑު ތެޅުނެވެ. އެއަޑަށް އޭނާގެ މަންމަ ދުވެފައިކަހަލަ ގޮތަކަށް އައިސް ކޮޓަރިއަށް ވަނެވެ.
[ދަރިފުޅާ!؟] ނަސީމާ ޙައިރާންކަމާއެކު ދަރިފުޅުގެ މޫނަށް ބަލައިލިއެވެ. އޭރު މިހާދުގެ ދެލޯވަނީ ފެންކަޅިވެފައެވެ.
[ކިހިނެއްވީ ދަރިފުޅާ!] ނަސީމާ މިހާދުގެ ގާތުގައި އިށީނެވެ. މިހާދު މަންމަގެ މޫނަށް ބަލައިވެސް ނުލައެވެ. އޭނާ އިނީ ދެންމެ ކުރެވުނު ކަންތަކާމެދު ދެރަވެފައެވެ.
[މަންމާ...މަޢާފްކުރޭ....އަހަރެން ބިއްލޫރި ހަރުކޮށްފާނަން.] މިހާދު މަންމައާ ހަތަރުކަޅި ހަމަކޮށްލިއެވެ.
[ދަރިފުޅާ ބިއްލޫރި ތެޅުމަކުން މަންމަ ކަންބޮޑެއްނުވޭ. މަންމަ ކަންބޮޑުވަނީ ދަރިފުޅު ތިކަން ކުރަން ޖެހުނީ ކޮން ސަބަބަކާހުރެކަން ނޭނގޭތީ. ވެގެން އުޅޭގޮތް މަންމަ ގާތު ބުނެބަލަ.] ނަސީމާ މިހާދުގެ ބޮލުގައި އަތްކާއްތާލިއެވެ.
ދެރަވެފައި އިން މިހާދު އިސްޖަހާލިއެވެ. ޙަޤީޤަތާއެކު މަންމައާ ކުރިމަތިލާން އޭނާ ފަސްޖެހުނީއެވެ.
[މަންމަ އަހަންނާ ތިސުވާލު ނުކުރޭ......އަހަރެން ބޭނުމީ އިހަށް އަރާމުކޮށްލަން...] މިހާދު އެނދުގައި އޮށޯވެލިއެވެ. ބޯޖަހާލަމުން ނަސީމާ ކޮޓަރިން ނުކުތެވެ. މަންމަ ނުކުތުމާއެކުހެން މިހާދު ތެދުވެ ތެޅިފައި ހުރި ބިއްލޫރިތައް ނެގުމަށްފަހު، ކޮޓަރި ދޮރު ތަޅުލިއެވެ. އެއަށްފަހު އަނެއްކާވެސް ފޯނު ނަގައިފިއެވެ. އަދިވެސް އޭނާ ބޭނުންވަނީ ޝިފާ ގާތު އާދޭސް ކުރާށެވެ.
[ހަލޯވ....ޝިފާތަ؟] އަސަރުން ބަރުވެފައިވާ އަޑަކުން މިހާދު ވާހަކަ ދެއްކިއެވެ.
[އާނ....އަނެއްކާވެސްތަ؟ ބާއްވަނީ.] އަޑުން ޝިފާއަށް އެއީ ކާކުކަން އެނގުނެވެ. އެހެންވެ އޭނާ ބޭނުންވީ އަވަސް އަވަހަށް ފޯން ބާއްވާލާށެވެ.
[އާދޭސް ކޮށްފައި ބުނަން، ކުޑަވަގުތުކޮޅަކަށް މަޑުކޮށްބަލަ. އަހަރެން ޝިފާ ކައެއްނުލާނަމޭ.] މިހާދު އަސަރުން ފުރިފައިވާ އަޑަކުން ބުންޏެވެ. ޝިފާ އަނގައިންވެސް ނުބުނެއެވެ. ނަމަވެސް، އޭނާ ފޯނެއް ނުބާއްވައެވެ.
[އަހަންނަށް މިކުރެވުނީ ކުށަކަށްވާނަމަ، ކީއްވެތަ ޤުދްރަތުން ޝިފާއަށް ތިސިފަ ދެއްވީ. ގައިމުވެސް ޝިފާ ތިނޫން އެހެން ސިފައެއްގައި ދުނިޔެއަށް އައިނަމަ، އަހަންނަށް ޝިފާދެކެ ލޯބިނުވެވުނީސް.....އާދޭސްކޮށްފައި ބުނަން، އަހަރެންގެ ދިރިހުރުމަށް އަހަންނަށް ޝިފާގެ ލޯބި ބޭނުން....] އަސަރުން މިހާދުގެ އަޑުވެސް ތެމިފައިވާ ކަހަލައެވެ.
[އާދޭސް ކުރަން މިހާދު، ތި ޚިޔާލު ދޫކޮށްލާ. ތިގޮތަށް އުނދަގޫކޮށް އަހަރެންގެ ދިރިއުޅުމަށް ވިހަލާން މަސައްކަތް ނުކުރޭ.] ޝިފާ ފޯން ކަނޑާލިއެވެ.
[ނޫން. ނޫން. ޝިފާ.....] މިހާދަށް ގުޅުން ކެނޑިފައިވާ ފޯނުގައި ކަންފަތް ޖައްސައިގެން ހުރެ ބުނެވުނެވެ. އޭރު އޭނާގެ އެދެލޮލުން ކަރުނަ ހިލެން ފަށައިފިއެވެ. އެވަގުތު އޭނާގެ ހިތަށް އެރިއެވެ. ޖާނު ޤުރްބާން ކޮށްގެންވެސް ލޯބި ހޯދާނަމެވެ. އެހެންނޫނީ، އޭނާއަށް ޖެހޭނީ، އެހެން ސިފައަކަށް ބަދަލުވާށެވެ. މިކަހަލަ ޚިޔާލުތަކެއްގައި އޮވެ އޭނާއަށް ނިދުނެވެ.
[ނިދަނީތަ؟ ދޮރު ހުޅުވަބަލަ.] އަމީނާ ވާހަކަ ދެއްކީ އޭނާގެ ދަރިފުޅު ސީނާއާއެވެ.
[ނޫނޭ މަންމާ މީ އެއްޗެއް ލިޔެލަނިއްޔޭ.] ސީނާ ލިޔަން އިން ފޮތް ލައްޕާލަމުން ގޮސް ދޮރު ހުޅުވިއެވެ.
[ކޯއްޗެއް؟ ތިކުރާ ކަމެއް ކުރަން އައިސް ބޭރުގައި މަޑުކޮށްބަލަ. މަންމަ އަންނާނަން ބޭރަށް ޖެހިލާފައި.] އަމީނާ ހިނގައިގަތެވެ.
[މަންމާ ޅެން ހަދާއިރު އަހަންނަށް ފަސޭހައީ އެކަނިވެރި މާޙައުލެއް. އެހެންވެ ކޮޓަރި ތަޅުލައިގެން އިނީވެސް. މަންމަ އަޅެ މިއަދު އަދި ނޫސްވެސް ނުގެންނަމެއްނު.] ސީނާ މަންމަގެ ފަހަތުން ހިނގައިގަންނަމުން ބުންޏެވެ.
[މަންމަ އަންނައިރު ނޫސް ގެނެސްދޭނަން.] އަމީނާ ގެއިން ނުކުތެވެ. ސީނާ އަނެއްކާވެސް އޭނާގެ މަސައްކަތް ފަށައިފިއެވެ. [އެންމެ ފެނިލުމަކުން] މިސުރުޚީގެ ދަށުން އޭނާ ލިޔަން ފަށާފައިވާ ޅެމުގައި ވަނީ މުޅިންވެސް ލޯބީގެ ޢިބާރާތްތަކެކެވެ. ޅެމުގައި އިޝާރާތް ކޮށްފައިވަނީ ނުވެސް ދަންނަ ޒުވާނަކަށެވެ. ސިފަކޮށްފައިވަނީ އެޒުވާނާގެ ޙަރަކާތްތަކެވެ. ދިމާވާ ކޮންމެ ޙާދިޘާއެއްގެ މައްޗަށް ބިނާކޮށް ޅެމެއް ހެދުމަކީ، ޅެންހަދާ މީހުންގެ އާދައަކަށްވުމީވެސް އެކަށީގެންވާ ކަމެކެވެ.
ޅެން އަމުނަމުން ދިޔައިރު، ނުދަންނަ ޒުވާނާގެ ޚިޔާލުތަކުގެ ތެރެއަށް ސީނާ މަޑުމަޑުން ގެނބެމުންދިޔައެވެ. އޭނާ އެޒުވާނާއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރަނީއެވެ. ރިހިހަނދުވަރުގެ އަލީގައާއި ދަންވަރުގެ ހިމޭންކަމުގެ ތެރޭގައެވެ. ހިމަފޮދުވާރެއާއި ބޯވާރޭގެ ތެރޭގައެވެ.
އަމީނާ ނޫސް ހިފައިގެން އައިސް ގެއަށްވަނީ ސީނާ އެ ފޮނި ޚިޔާލުތަކުގެ ތެރޭގައި އިންދައެވެ.
[ދަރިފުޅާ....ހާދަވަރަކަށް ތި ފިކުރު ކުރަނީ؟] މަންމަގެ އަޑުން ސީނާ ސިހުނެވެ.
[މިކަހަލަ ޅެމެއް ހަދާއިރު ވަރަށް ވިސްނަންޖެހެޔޭ. މިއީ މިއަދުގެ ނޫސްތަ؟] ފޮތް ލައްޕާލަމުން ސީނާ ވާހަކަ ދެއްކިއެވެ. އަމީނާ ނޫސް ސީނާ އަތަށް ދީފައި ގޮސް ކޮޓަރިއަށް ވަނެވެ. ސީނާ ނޫހުގެ ފުރަތަމަ ޞަފްޙާއަށް ބަލައިލިއެވެ. ފުރަތަމަވެސް އޭނާގެ އަމާޒަކަށްވީ ފުރަތަމަ ޞަފްޙާގައި ލިޔެފައި އޮތް ބޮޑު ޚަބަރެކެވެ. [ދެފަރާތު ޢާއިލާއިން ކައިވެންޏަށް ހުރަސް އެޅުމުން، ދެލޯބިވެރިއަކު ފިލައިގެން އުޅޭތާ ހަފްތާއެއްވެއްޖެ.] މިސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރު ކިޔުމުގެ ކުރިން ސީނާ މަންމައަށް ގޮވިއެވެ.
[މަންމާ...އައިސްބަލަ...ވަރަށް މަޖާ ޚަބަރެއް އެބައޮތް. ދިވެހިރާއްޖެއަށް މުޅިން އާ ދޮންހިޔަލައަކާއި ޢަލިފުޅަކު އުފަންވެއްޖެޔޯ.] ސީނާ ބުންޏެވެ. އަމީނާ ނުކުތެވެ.
[މަންމައަށް އިވޭވަރަށް ކިޔާބަލަ....] އަމީނާ ސީނާގެ ގާތުގައި އިށީންނަމުން އެދުނެވެ. އޭނާ އިތުރު ޞަފްޙާއަކަށް ދިޔައީ މަންމައަށް ފުރަތަމަ ޞަފްޙާގައި އޮތް އެޚަބަރު ކިޔައިދިނުމަށްފަހުގައެވެ. ސީނާ ފަހަރަކު ޞަފްޙާއަކަށް ބަލަމުން ގަނޑުތައް އުކަމުންދެއެވެ. ޙައިރާންކަމާއެކު ސީނާއަށް ހުއްޓުން ގެނުވީ ނޫހުގެ ފަސްވަނަ ޞަފްޙާގައި ލިޔެފައިވާ ޚަބަރާއި ފޮޓޯ ފެނުނީމައެވެ.
[މިއީ ސައްތައިންސައްތަ މުސްލިމް ޤައުމެއްބާ؟] މިސުރުޚީގެ ދަށުން ލިޔެފައިވާ މަޒުމޫނު ފަޅުފިލުވުމަށްޓަކައި ބޭނުންކޮށްފައިވަނީ ދެވަނަ މީހެއްގެ ފޮޓޯތަކެއް ނޫނެވެ. އެއީ މީގެ އެއްދުވަސް ކުރިން އޭނާގެ ހިތް އެމީހަކު ދުށުމަށް އެދެމުން އަންނަ ޒުވާނާ ނަގާފައިވާ ފޮޓޯތަކެވެ.
[މަންމާ....ބަލާލަބަލަ އަހަރެންގެ ފޮޓޯ.....އަޅެ މިކަހަލަ ފޮޓޯ ޖަހައިގެން ނުވާނެއެއްނު.] ސީނާ ކުސްތަޅައިގަތެވެ.
[ދަރިފުޅާ މީ ކާކު ކުރި ކަމެއް. ދަރިފުޅު ބުނެގެންތަ މިފޮޓޯ ނެގީ؟] ރުންކުރުވެފައި އަމީނާ އެއްސެވެ.
[ނޭނގެ، ކުރީ ދުވަހު މޫދަށް ގޮސް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް. އަހަރެން ބޭނުން މިލިޔުނު މީހާއަށް ގުޅަން.] ސީނާ ދެން ބެލީ، އެ މަޒްމޫނު ލިޔެފައިވަނީ ކާކުތޯއެވެ.
[ލިޔުނީ ޝިޔާޒް.] ސީނާ މަޑުމަޑުން ކިޔާލިއެވެ.
[ދަރިފުޅާ، މަންމަ ކިތައްފަހަރު ބުނިން، ދަރިފުޅު ތިކަހަލަ ނިވާކަންކުޑަ ހެދުންލައިގެން މޫދަށް ނުދާށޭ.] އަމީނާ ހަނދާންކޮށްލަދިނެވެ.
[ދެން ދުވަހަކުވެސް އެކަހަލަ ހެދުމެއް ނާޅާނަން.] ސީނާ ޢަޒުމް ކަނޑައެޅިއެވެ. ހީނލަމުން އަމީނާ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. އޭރު ސީނާ އިނީ ޝިޔާޒަށް ގުޅަން ކެތްމަދުވެފައެވެ. ފޯނު ހިފައިގެން އައިސް އޭނާ ވަނީ ކޮޓަރިއަށެވެ.
ފުރަތަމަ ސަތޭކަ ދިހައަކަށް ގުޅައިގެން އޭނާ ނަންބަރު ހޯދިއެވެ. އެއަށްފަހު އޭނާ ދެފައި ވައްކޮށްލައިގެން އެނދުގައި އިށީނދެއްޖެއެވެ.
[ޝިޔާޒް....] ގުޅުމުގެ ކުރިން އަނެއްކާވެސް އެނަން އޭނާ ހިތަށް އަރުވާލިއެވެ. އޭރު އޭނާގެ ތުންފަތްމައްޗަށް ވެރިވެފައި ވަނީ ލުއި ހިނިތުންވުމެކެވެ. ވެދާނެއެވެ. އޭނާގެ ޚިޔާލު ބަދަލުވިއެވެ. ކުރިން ބޭނުންވިގޮތާ ޚިލާފަށް މިހާރު އޭނާ ބޭނުންވަނީ އެލިޔުންތެރިޔާ ނުވަތަ ޝިޔާޒަށް ތަޢުރީފު ކުރާށެވެ.
އިރުކޮޅެއް ވަންދެން ވިސްނަން ހުރުމަށްފަހު، ސީނާ ނަންބަރުތަކަށް ފިތާލިއެވެ. ރިންގުވާތާ އިރުކޮޅެއްފަހުން އެކޮޅުން ފޯނު ނަގައިފިއެވެ.
[އައްސަލާމް ޢަލައިކުމް، ޝިޔާޒާ ގުޅިދާނެތޯ؟]
އިސްލާމީ އާދަކާދައިގެ މަތިން ސީނާ ވާހަކަ ފެށިއެވެ. ހަމައެއާއެކު، އެކޮޅުން ފޯނު ނެގި އަންހެން ކުއްޖާ ޝިޔާޒަށް ގޮވި އަޑު އިވުނެވެ. އިރުކޮޅަކުން ޝިޔާޒް އައިސް ވާހަކަ ދެއްކިއެވެ.
[އައްސަލާމް ޢަލައިކުމް، ޝިޔާޒް ވާހަކަ ދައްކަނީ.] ޝިޔާޒްގެ އަޑު ކަންފަތުގައި ޖެހުމާއެކު، ސީނާގެ އަޑު ކޮންމެވެސް ވަރަކަށް ފިނިވާގޮތްވިއެވެ.
[މިއަދު ނޫހުގެ ފަސްވަނަ ޞަފްޙާގައި އޮތް އާޓިކަލް ލިޔެފައި ވަނީ ޝިޔާޒްދޯ؟] ސީނާ ވާހަކަ ދައްކަން ނޭނގިފައި އިރުކޮޅެއް ވަންދެން ހުރެފައި އެއްސެވެ.
[އާދެ، އަޅުގަނޑު، ކިހިނެއްތޯވީ؟] ޖަވާބު ދިނުމަށްފަހު ޝިޔާޒް އެއްސެވެ.
[އެ ޞަފްޙާގައި ޖަހާފައިވާ ފޮޓޯ ނެގީވެސްދޯ؟] ޝިޔާޒްކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި، އަނެއްކާވެސް ސީނާ ކުރީ ސުވާލެކެވެ.
[އާދެ، އަޅުގަނޑު. ކުށެއް ލިޔެވިފައި އޮތީތޯ؟] ޝިޔާޒްވެސް ޖަވާބަށްފަހު ސުވާލު ކުރިއެވެ.
**************************
"ފިނިނޭވާ" ވާހަކަ އެއްކޮށް ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިފޮތް ބައްލަވައިގަންނަން ބޭނުންނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު