ރައީސް މުޙައްމަދު ނަޝީދަށް

މަނިކުފާނަކީ ދިވެހި ޤައުމަށް ވަރަށް ބޮޑެތި އިސްލާހު ތަކެއް ގެނެސްދެއްވި މިހާރުވެސް އެއްވެސް ވަރުބަލިކަމެއް ނެތި އެމަސައްކަތް ކުރައްވަމުން ގެންދަވާ ލާމަސީލު ޤައުމީ ބަޠަލެކެވެ. މިކަމަށްޓަކައި މަނިކުފާނަށް ހިފެހެއްޓުމެއްނެތް މަތިވެރި ޝުކުރާއި ތަޢުޒީމެވެ.

މަނިކުފާނުގެ ތިޔަ ޤައުނީ ޚިދުމަތާއި ޤުރުބާނީއަށް ހުރިހާ ގޮތަކުން ކާމިޔާބަށް އެދެމެވެ. ނަމަވެސް މަނިކުފާނުގެ މި ކާމިޔާބީއާއި މަޤުބޫލުކަން ދަމަހައްޓަވަން ބޭނުންފުޅުނަމަ މަނިކުފާނުގެ ބައެއް ކަހަލަ ވިސްނުންފުޅުތައް ބަދަލު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. ބައެއް ވާހަކަފުޅުތައް ދެއްކެވުމުގެ ކުރިން ވިސްނާ ވަޑައިގަންނަވާން އެބަޖެހެއެވެ.

މަނިކުފާނުގެ ދޫފުޅުން ދޫކޮށްލައްވާ ކޮންމެ ވާހަކަފުޅަކީ މިޤައުމުގެ ތާރީޚުގައި ލިޔެވޭނެ ވާހަކަފުޅެއްކަމަށް ވާތީއެވެ. ރައްޔިތުން އެވާހަކަފުޅަކާއިމެދު ވިސްނާ ފިކުރުހިންގާނެ ބަސްފުޅުތަކަކަށް ވާނެތީއެވެ. އާދައިގެ ރައްޔިތަކު ވިދާޅުވާ ވާހަކައަކާއި މަނިކުފާނު ވިދާޅުވާ ވާހަކަފުޅަކާއި އުޑާއި ބިމާހާ ތަފާތު ވާނެތީއެވެ. އޭގައި ބަރުދަނެއް ހުންނާނެތީއެވެ.

ބައެއް ވާހަކަފުޅުތައް ވިދާޅުވުމުގެ ކުރިން އެވާހަކަފުޅުގެ ނަތީޖާއާއި މެދުވެސް ވިސްނާ ވަޑައިގަންނަވަން އެބަޖެހެއެވެ. ބައެއް ވާހަކަފުޅުތައް ހިން ދިރުވާލައްވާފައި ދޫފުޅުގެ ކުރިއާއި ހަމައަށް ނުގެންނަވައި ހިތްޕުޅުގައި ބަހައްޓަވަން އެބަޖެހެއެވެ.

މިސާލަކަށް ދީނީ ކަންކަމާއި މަނިކުފާނު ބެހިވަޑައި ނުގަންނަވާށެވެ. ދީނީ ކަންކަމުގައި ޚިޔާލުފާޅުކުރައްވައިވެސް ނުހައްދަވާށެވެ. ބައިނަލްއަޤްވާމީ ގުޅުންތަކާ ބެހޭ ވާހަކަތައް މަނިކުފާނު ހިތްޕުޅަށް އަރާވަޑައިގަންނަވާހާ ގޮތަކަށް ނުދައްކަވާށެވެ. މަނިކުފާނުގެ ސިޔާސީ ތަރި އޮއްސިދާނެތީއެވެ.

މަނިކުފާނަކީ އަޅުގަނޑު ވަރަށް ލޯބިވާ ސަހުސިއްޔަތެކެވެ. ވަރަށް އިހުތިރާމު ކުރާ ބޭފުޅެކެވެ. އެހާމެ ހެޔޮ އެދެމެވެ.

ޗައިނާ ސަރުކާރާ ބެހޭ ގޮތުންވެސް މަނިކުފާނަށް މާ ބޮޑަށް، އެމީހުން ރުޅި އަންނަ ގޮތަށް ވާހަކަ ދެކެވެނީއެވެ. ޗައިނާއަކީވެސް މިއަދު ދުނިޔޭގައި ވަރަށް ބޮޑު ބާރެކެވެ. އެމީހުން އުޅެނީ މާ ބޮޑަށް ވެސް ކުރީގައެވެ. އެމީހުންގެ އިޤްތިޞާދު ކުރިއަރައިގެން އެއަންނަނީ ދުނިޔޭގެ ބިޔަ ބޮޑެތި ޤައުމުތައްވެސް ބިރުގަންނަހާ ބާރުމިނުގައެވެ.

އެހެންވީމާ އެމީހުންވެސް ރުއްސައިގެން އެމީހުންގެ ވެސް އެހީ ބޭނުން ވާނެއެވެ. ހޯދަންވެސް ވާނެއެވެ. އަނެއްކޮޅުން އިންޑިއާގެ ގާތްކަމާއި ރަހުމަތްތެރިކަމާއި އެހީތެރިކަން ވެސް ބޭނުންވާނެއެވެ.

މި ސަރަހައްދުގެ ބެލެނިވެރިއަކީވެސް އިންޑިއާއެވެ. އެކަމަކު އިންޑިޔާ ޗައިނާއަށްވުރެ ސްމާރޓްވާން ޖެހޭނެއެވެ. ބިއުރޮކްރަސީއާއި ޕޮލިސީއާއި އިދާރީ ފިއްތުންތަކާއި ލަސްވުންތަކާހުރެ އަވަށްޓެރި ޤައުމުތަކުގެ ރުހުމާއި ހިތްހަމަޖެހުން ލިބޭގޮތަށް އިންޑިއާއަކަށް އެހީއާއި މަޝްރޫޢުތަކެއް ފޯރުވައެއް ނުދެވެއެވެ.

މަނިކުފާނުގެ ބައިނަލްއަޤްވާމީ މަޤުބޫލުކަމާއި ނުފޫޒުން އިންޑިޔާގެ މިކަންކަން ރަނގަޅުކޮށް ހަލުއި ކުރެވޭތޯ މަސައްކަތް ކުރެއްވުމަކީ އަޅުގަނޑުމެންވެސް ބާރުވެރިކޮށް ބެލެނިވެރިއަކަށް ހަދަން ބޭނުންވާ އިންޑިއާއަށް ކޮށްދެވޭ ވަރަށް ބޮޑު ހެއު ކަމަކަށް ވާނެއެވެ. އޭރުން އަޅުގަނޑުމެންގެ ޠަބީޢީ ބަލަދުވެރިޔާއަށް، ހަގީގަތުގައި ވެސް ޤައުމުތަކުގެ ހިތުން ރުހުމުން ލޯތްބާއިއެކު އެ މަގާމަށް އެ އިސްކުރެވުނީއެވެ.

އެހެން ވިޔަސް ނުވިޔަސް ޗައިނާއަށްވެސް އަދި އެހެން ޤައުމަކަށްވެސް ބަދުބަސް ވިދާޅުވުމަކީ މަނިކުފާނު ކަހަލަ ދުނިޔެ ގަބޫލުކުރާ ޗެމްޕިއަން ލީޑަރަކު ކުރައްވަން އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. މަނިކުފާނުގެ ލީޑަރޝިޕް އަޅުގަނޑުމެން ނިހާޔަތަށް ބޭނުންވާތީ، މިވާހަކަ ދަންނަވާނީ ބާވައޭ، ނޫން ބާވައޭ ހިތަށްއަރާފައިވެސް ހެޔޮއެދޭލެއް ބޮޑުކަމުން މަޢާފާއެކު މި ދަންނަވާލީއެވެ.

ވަރަށް އިޙުތިރާމާއިއެކު ޝުކުރު ދަންނަވަމެވެ.

(ނޯޓް:- މިއީ މި ނޫހުގެ ކިޔުންތެރިއަކު އޭނާގެ އަމިއްލަފުޅު ޚިޔާލުތަކަށް ބިނާ ކުރައްވާފައިވާ ސިޓީއެކެވެ. މިފަދަ މުހިންމު ޚިޔާލުފުޅުތަކާއި މަޝްވަރާތައް ހިމެނޭ ސިޓީތައް އަޅުގަނޑުމެން ޝާއޢު ކުރަމުން ގެންދާނެވާހަކަ ކިއުންތެރިންގެ ސަމާލުކަމަށްޓަކާ ދަންނަވަމެވެ.)



ކިޔުންތެރިންގެ ހިޔާލު