ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް - ފޮޓޯ: ޕީއެސްއެމް
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް - ފޮޓޯ: ޕީއެސްއެމް
ސްޓެލްކޯއިން ފުޅާ ދާއިރާއެއްގައި ފެން އުފައްދައި، މާކެޓަށް ނެރެން ވިސްނަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ރޭ ވިދާޅުވީ، ސްޓެލްކޯއިން ހަމައެކަނި ކަރަންޓުން ލިބޭ އާމްދަނީއަށް ބަރޯސާވެފައި އޮތްއޮތުން ބަދަލުކޮށް އިތުރު ދާއިރާތަކުން އާމްދަނީ ލިބޭނެގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެގޮތުން، ސްޓެލްކޯގެ ހުލުމާލޭ އިންޖީނުގޭގައި ހުރި ފަންސާސް މެގަވޯޓުގެ އިންޖީނުން، ފެން ކުންފުންޏަކުން ފެން އުފެއްދޭނެ މިންވަރަށް ފެން އުފެއްދުމުގެ ގާބިލްކަން ހުރިކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ، ފެން އުފައްދައި އެ ފެން މާކެޓްކުރުމަށް ވިސްނަވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ 50 މެގަވޯޓު ދާދި އިހަށް ދުވަހަކު އެސްޓަބްލިޝްމިކުރެވުނީ. އެކަން ކުރެވުނުއިރު 50 މެގަވޯޓްގައި އަޅުގަނޑުމެންގެ އަތުގައި ފެން އުފެއްދުމުގެ ކެޕޭސިޓީ އެބަހުއްޓޭ އާދައިގެ ފެން އުފައްދާ ކުންފުންޏެއްގައި ފެން އުފެއްދުމުގެ ކެޕޭސިޓީއާ އެއްވަރަށް. އެ ޔޫޓިލައިޒް ކުރުމުގެ ވިސްނުންތަކެއް އަޅުގަނޑުމެންގެ އެބަހުރި. އެފެން މާކެޓަށް ނެރެވޭނެ ގޮތަކާ ގުޅޭގޮތުން މަސައްކަތްތަކެއް ކުރަމުން އެބަދަން." ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން، ރިއަލް އެސްޓޭޓްގެ ވިޔަފާރިއާއި، އިސްތިހާރުކުރުމާއި ރިސޯޓްތަކުގެ ކަރަންޓުގެ ހިދުމަތުގެ ވިޔަފާރިއަށް ވަނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިސްތިހާރު ކުރުމުގެ މާކެޓަށް ވަނުމަށް މާލޭގެ އެކި ސަރަހައްދުގައި ލެޑް ޓީވީ ހަރުކުރުމަށް ނިންމާފައިވާކަމަށާ، މާލޭގެ ކޮންމެ ސަރަހައްދަކުން ފަސް މިނަޓަކުން އެ ޓީވީގެ އިސްތިހާރު ފެންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ރިސޯޓް ވިޔަފާރިއަށް ވަނުމަށް، ސްޓެލްކޯގެ ސާރވިސް ސެންޓަރު މެދުވެރިކޮށް ރިސޯޓް މާކެޓްގައި ހަކަތަ އުފެއްދުމާއި، އިންޖީނުގެ ސާރވިސްކުރުމާއި، އިންޖީނުގެ ސެޓަޕް ހެދުމާއި ވަޔަރިންފަދަ މަސައްކަތް ކުރުމަށް ވެސް ވިސްނަވަމުން ދާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި ވިޔަފާރިތަކުގެ ތެރެއަށް ސްޓެލްކޯއިން ވަނުމުން ކަރަންޓުގެ ޚިދުމަތުން ނަގާ އަގަށް ބޮޑު ބަދަލެއް އަންނާނެކަމަށެވެ. އެގޮތުން މިހާރަށްވުރެ ދެބައިކުޅަ އެއްބަޔާ އެއްވަރަށް ސަބްސިޑައިޒްކުރެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ ކުރިންވެސް އިންޖީނުގެ ހޫނުން އުފެދޭ ފެން، ފުޅީގައި ބަންދުކޮށްގެން "ސްޓެލްކޯ ފެނު"ގެ ނަމުގައި ފެން މާކެޓަށް ނެރުނެވެ. ނަމަވެސް ފަހުން އެކަން ވަނީ ހުއްޓާލާފައެވެ. އާއްމުކޮށް ރާއްޖޭގައި ބޭނުންކުރާ ރިވާސް އޮސްމޯސިސް (އާރުއޯ) ޕްލާންޓުން އުފައްދާ ފެނަށް ވުރެ ސްޓެލްކޯގެ ފެން ސާފުވާނެކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން