މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން
އައްޑޫ ގޭދޮށު މަސް ޕްލާންޓްތަކުގެ މަސައްކަތް ދަނީ ކުރިޔަށް ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަންއާ ސުވާލުކުރެއްވުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މެންބަރ ޝިޔާން ސުވާލު ކުރަށްވާފައިވަނީ ރަސްދޫ އައިސްޕްލާންޓާ ގުޅޭގޮތުންނެވެ.

ވަޒީރަށް އިތުރު ސުވާލުކުރުމުގެ މަރުޙަލާގައި އައްޑޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ގޭދޮށު މަސް ޕްލާންޓްތަކާއި ގުޅޭގޮތުން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އައްޑޫ ގޭދޮށު މަސް ޕްލާންޓްތަކާ ބެހޭ ތަފުސީލުތައް އަތްޕުޅުގައި ނެތް ކަމަށެވެ. ނަމަވެސް އެމަސައްކަތް ދަނީ ކުރިޔަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މީގެ އެއްމަސް ކުރިން އަޅުގަނޑު އައްޑުއަށް ކުރި ދަތުރުގައި އެކަން ކުރިއަށްދާ ގޮތް ބެލިން. އޭރު ފާހަގަކުރެވުނީ ބިން ދީފައިހުރި ބައެއް ރަށްރަށުގައި އެމަސައްކަތް ފަށައިގެން ކުރިޔަށްދާކަމަށް. އެކަމަކު އެއް ރަށެއްގެ މަސައްކަތް ބިން ދީފައި އޮތަސް ފެށިފައި ނުވާކަމަށް." މިނިސްޓަރ މިއަދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިތުރުބާރެއް އަޅައިގެން އެމަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށާއި، އައްޑޫ މަސް ފެކްޓްރީތަކާ ގުޅޭގޮތުން ތަފްސީލް ޖަވާބެއް ލިޔުމުން އަރުވާނެ ކަމަށެވެ.

އައްޑޫ ސިޓީގައި ގޭ ދޮށު 3 މަސް ޕްލާންޓް ހެދުމަށް ވަނީ ނިންމާފައެވެ. އައްޑޫގައި ހަދާ ގޭދޮށު މަސްޕްލާންޓްތައް ޤާއިމުކުރާނީ ހިތަދޫގެ އިތުރުން މަރަދޫއާއި ހުޅުމީދޫގައެވެ. މި ތިން މަޝްރޫއަށް އިންޑިއާ ސަރުކާރުން 23 މިލިއަން ޑޮލަރުގެ އެހީ ދޭނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

އައްޑޫގައި ޤާޢިމު ކުރާ ގޭދޮށު މަސް ޕްލާންޓްތަކުގައި 20 ޓަނުގެ އައިސް އުފައްދައި 10 ޓަނުގެ މަސް ރައްކާކުރެވޭނެއެވެ. އަދި މިމަސް ޕްލާންޓުތަކުގެ ސަބަބުން 400 ޓަނާއި 800 ޓަނާ ދެމެދުގެ ޢަދަދަކަށް މަސްގަނެ ޕްރޮސެސް ކުރުމަށް މަގުފަހިވެގެން ދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން