ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް
ކަރަންޓުން އެކަނި ލިބޭ ޢާމްދަނީއަށް ބަރޯސާވެފައި އޮތްއޮތުން ބަދަލުކޮށް އިތުރު ދާއިރާތަކުން ޢާމްދަނީ ލިބޭނެގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ރިއަލް އެސްޓޭޓްގެ ވިޔަފާރިއާއި، އިސްތިހާރުކުރުމާއި ރިސޯޓްތަކުގެ ކަރަންޓުގެ ޚިދުމަތުގެ ވިޔަފާރިއާއި ފެނުގެ ވިޔަފާރިއަށް ވަނުމަށް ސްޓެލްކޯއިން މަސައްކަތް ކުރަމުންދާކަމާށެވެ. އަދި އެހެން ވިޔަފާރިއަކަށް ސްޓެލްކޯއިން ވަނުމުން އެކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ޢިމާރާތްކުރި ދެ ޓަވަރަކީ ސްޓެލްކޯއަށް ރިއަލްއެސްޓޭޓް ވިޔަފާރި ކާމިޔާބުކަމާއެކު ގެންދެވޭނެކަން ހާމަވި ކަމެއްކަމަށެވެ. އެހެންކަމުން ރިއަލްއެސްޓޭޓްގެ އައު މަޝްރޫޢުއެއް ވިޔަފާރި އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާކަމަށާ، ލަގްޒަރީ ހައުސިންގއަށް ވަނުމަށްޓަކައި ދިރާސާތައް ހަދަމުން އަންނަކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިސްތިހާރުކުރުމުގެ ވިޔަފާރިއަށް ސްޓެލްކޯއިން ވަނުމުގެ ޝަޢުގުވެރިކަންވެސް އެބަހުރިކަމަށާއި އިޝްތިހާރުގެ މާކެޓަށް ވަނުމަށް މާލޭގެ އެކި ސަރަހައްދުގައި ލެޑް ޓީވީ ހަރުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ސްޓެލްކޯގެ ސާރވިސް ސެންޓަރު މެދުވެރިކޮށް ރިސޯޓް މާކެޓްގައި ޕަވަރ އުފެއްދުމާއި، އިންޖީނުގެ ސާރވިސްކުރުމާއި، އިންޖީނުގެ ސެޓަޕް ހެދުމާއި ވަޔަރިންފަދަ މަސައްކަތްކުރުމަށްވެސް ވިސްނަމުންދާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ހުލުމާލޭ އިންޖީނުގޭގައި ހުރި ފަންސާސް މެގަވޯޓުގެ އިންޖީނުން، ފެން ކުންފުންޏަކުން ފެން އުފެއްދޭނެ މިންވަރަށް ފެން އުފެއްދުމުގެ ޤާބިލްކަން ހުރުމުން ފެން އުފައްދައި އެ ފެން މާކެޓްކުރުމަށްވެސް ވިސްނާފައިވާކަަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އައު ވިޔަފާރިތަކުގެ ތެރެއަށް ސްޓެލްކޯއިން ވަނުމުން ކަރަންޓުގެ އަގަށް ހެޔޮ ބަދަލެއް އައިސް، މިހާރަށްވުރެ ދެބައިކުޅަ އެއްބަޔާ އެއްވަރަށް ސަބްސިޑައިޒްކުރެވޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން