ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ސިޔާސަތުތައް ތަންފީޒުކުރުމުގައި މުޅި މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.



ރައީސް ސާލިހު މިހެން ވިދާޅުވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމް.އޯ.ސީ) "ޗައިލްޑް ސޭފްގާޑިންގ ޕޮލިސީ" އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި، ދެއްކެވި ވާހަކަފުޅުގައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު މި އިފްތިތާޙް ކުރެވެނީ، ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުގައި ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ އެންމެހައި ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި މިފަދަ ސިޔާސަތެއް އެކުލަވައިލެއްވި ކަމަށްޓަކައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށާއި، (އާރކް) އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަަށް ރައީސް ވިދާޅުވިއެވެ.

"މި ސިޔާސަތު އިފްތިތާޙް ކުރެވިގެން މިދަނީ، ކުޑަކުދިން ޙިމާޔަތްކުރުމަށް ވަރަށް ބޮޑަށް އަޑު އުފުލަމުންދާ ދުވަސްވަރެއްގައި. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް ސަރުކާރުންވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ދުވަސްވަރެއްގައި. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ހުރިހާ ދާއިރާއަކުން އަދި ހުރިހާ މައިދާންތަކެއްގައި ވެސް، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް މި ސިޔާސަތު އެހީތެރިވެދޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ވަރަށް ފަހަކާ ޖެހެންދެން ކުޑަކުދިންގެ ކުޅިވަރުތައް ރޭވިފައި އޮންނަނީ، އެކުދިންގެ ހުސް ވަގުތު ފުރައިލަދޭ ކަމެއްގެ ގޮތުގައިކަމަށެވެ. ނަމަވެސް ޙަޤީޤަތުގައި ކުޅިވަރުތަކުގައި ކުޑަކުދިން ބައިވެރިކުރުމަކީ، އެއަށްވުރެ މާ މަތިވެރި މަޤްޞަދެއް އޭގައިވާ ކަމެއްކަމަށާއި އެއީ އެ ކުދިންގެ ޖިސްމާނީ ހަށިހެޔޮކަމާއި، ނަފްސާނީ އަދި ޞިއްޙީ ދުޅަހެޔޮކަން ހޯދައިދިނުންކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން އެކަމުގެ ސަބަބުން އެކުދިންގެ ވިސްނުމުގެ ފެންވަރު މަތިކުރުމަށް އެހީތެރިވެދޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މި ފަށަނީ އެކަމުގައި ވެސް އިތުރު އެއް ފިޔަވަޅު ކުރިއަށް އަޅަން. އެއީ ކުޅިވަރުގެ މައިދާނުގައިވެސް، އަދި ކުޑަކުދިން ޝާމިލުވާ ގޮތަށް ކުރާ ކޮންމެ ކަމެއްގައިވެސް، އެ ކުދިންނަށް ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުން" ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލާއިރު، ޢާންމު މުޖުތަމަޢުން އެކަހެރިވެ، ކުށުގެ ވެށްޓާ ލާމެހިފައިވާ ކުދިންތަކެއް، މަދުން ނަމަވެސް މުޖުތަމަޢުގައި އެބައުޅޭކަމަށެވެ. ހަމައެފަދައިން، މައިންބަފައިންގެ ލޯތްބަށް އެންމެ ބޭނުންޖެހޭ ޢުމުރުފުރާގެ ކުދިން ވެސް، އެ ލޯބިން މަޙްރޫމްވެ، ދައުލަތުގެ ބެލުމުގެ ދަށުގައި ވެސް އެބަތިބިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިފަދަ ކޮންމެ ޙާލަތަކީ، އެކުދިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ހުރަސްއެޅޭ ޙާލަތެއްކަމަށާއި. އަދި އެކުދިންނަށް ލިބެންވާ ޙަޤީޤީ ޙިމާޔަތާއި ރައްކާތެރިކަން ލިބުމަށްވެސް ހުރަސްތައް ކުރިމަތިވާ ޙާލަތްތަކެއްކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ މިއަދު މި އިފްތިތާޙްކުރާ ޗައިލްޑް ސޭފްގާޑިންގ ޕޮލިސީ ނުވަތަ ކުޑަކުދިން ރައްކާތެރިކުރުމުގެ ސިޔާސަތު ތަންފީޒު ކުރަން ފެށުމުން، މިފަދަ މައްސަލަތަކަށް ކޮންމެވެސްވަރެއްގެ ޙައްލެއް ފެނިގެންދާނެ ކަމަށެވެ. އަދި މި ސިޔާސަތުގެ ބޭނުމަކީ، ކުޅިވަރުގެ މައިދާންތަކުގައި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން އެކަނި ނޫންކަމާއި މި ސިޔާސަތު ތަންފީޒުކުރަން ފެށުމުން، ކުދިންނަށް ލިބެންވާ ރައްކާތެރިކަމާމެދު އެކުދިންގެ ހޭލުންތެރިކަން ވެސް އިތުރުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މިފަދަ ސިޔާސަތެއް އެކުލަވައިލުމަށްފަހު، ދެން އޮންނަ އެންމެ މުހިންމު ކަމަކީ، އެ ސިޔާސަތު ތަންފީޒު ކުރުން. އެކަމުގައި މުޅި މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ. ޢާއިލާތަކުގެ ބައިވެރިވުމާއި، އެންމެހައި މަދަނީ ޖަމުޢިއްޔާތަކުގެ ބައިވެރިވުން ވެސް ބޭނުންވާނެ. ދައުލަތުގެ އެންމެހައި އިދާރާތަކާއި، އަމިއްލަ ކުންފުނިތަކުގެ ޙިއްޞާވެސް ވަރަށް ބޮޑަށް ބޭނުންވާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މިއަދު އިފްތިތާހު ކުރެވުނު ޕޮލިސީ ތަންފީޒުކުރުމުގައި ސަރުކާރުގެ އެންމެހައި އިދާރާތަކުގެ ބައިވެރިވުން އެންމެ ފުރިހަމަ ގޮތުގައި ލިބޭނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ. އަދި މުޅި މުޖުތަމަޢުގެ ބައިވެރިވުން ވެސް އިރާދަކުރެއްވިއްޔާ މިކަމުގައި ލިބޭނެކަމަށާއި އުންމީދަކީ، މި ސިޔާސަތު ތަންފީޒުކުރަން ފެށުމުން، ރާއްޖޭގެ މުޖުތަމަޢަކީ ކުޑަކުދިންނަށް ފުރިހަމަ ރައްކާތެރިކަން ލިބިގެންދާނެ މުޖުތަމަޢަކަށް ވެގެން ދިއުންކަމަށް ރައިސް ސާލިހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން