މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީއަށް 2.4 މިލިއަން ޑޮލަރު ދެއްކުމަށް ކޮށްފައިވާ ޙުކުމަށް ސުޕްރީމް ކޯޓުންވެސް ތާޢީދުކޮށްފިއެވެ.

މި މައްސަލައަކީ ކ. ގުޅިފަޅުން 6.25 ހެކްޓަރުގެ ބިމެއް ހިއްކުމާއި، ތޮށިލުމުގެ މަސައްކަތްކުރުމަށް 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 9 ގައި ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ޖީޕީޑީއާ ހަވާލުކޮށްފައިވާ މުއްދަތަށް އެ މަސައްކަތް ނިންމާފައި ނުވާތީ ގެއްލުމުގެ ބަދަލު ހޯދުމަށް އެމްޑަބްލިއުއެސްސީން ސިވިލްކޯޓަށް ހުށައެޅި މައްސަލައެކެވެ.

31 ޖުލައި 2012 ގައި ނިންމުމަށް ކަނޑައަޅާފައިވާ ގުޅީފަޅު ބިން ހިއްކުމުގެ މަސައްކަތް އެ މުއްދަތަށް ނިމިފައިނުވާތީ މަސައްކަތް ނިންމަންޖެހޭ ތާރީޚަކީ 31 މާޗު 2013 ކަމަށް ދެ ފަރާތުން އެއްބަސްވެ އެގްރީމެންޓަށް އިސްލާޙު ގެނެސްފައިވެއެވެ. ނަމަވެސް އެ މަސައްކަތް ނިންމުމަށްފަހު، ޕްރޮޖެކްޓް ކޮމްޕްލީޝަން ސެޓްފިކެޓްގައި ދެފަރާތުން ސޮއިކޮށްފައިވަނީ 24 ސެޕްޓެމްބަރު 2013 ގައެވެ. މަސައްކަތް ލަސްވެ މުއްދަތަށް ނިމިފައި ނުވަނީ ފޯސް މެޖުއަރގެ ހާދިސާއެއް ކުރިމަތިވުމުން ކަމަށް ޖީޕީޑީން ވަނީ ބުނެފައެވެ.

ކަނޑައަޅާފައިވާ ތާރީހަށް މަސައްކަތް ނިންމާފައި ނުވާތީ، އެއްބަސްވުމުގައިވާ ގޮތަށް ބަދަލުގެ ގޮތުގައި 3.1 މިލިއަން ޑޮލަރު 20 ދުވަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީއަށް ދެއްކުމަށް އެކުންފުނިން ޖީޕީޑީއަށް އެންގިއެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ދައްކާފައި ނުވާތީ، އެކަމަށް އިތުރު ހަތް ދުވަހުގެ މުއްދަތެއް އެމްޑަބްލިއުއެސްސީން އެ ކުންފުންޏަށް ވަނީ ދީފައެވެ. އަދި މުއްދަތު ހަމަވާ ތާރީހުން ފެށިގެން އެ ފައިސާ ދެއްކުމާ ހަމައަށް އިންވޮއިސްގައިވާ ޖުމުލަ އަދަދުގެ 0.5 އިންސައްތައިގެ ރޭޓުން ކޮންމެ ދުވަހަކަށް ޖޫރިމަނާވާނެ ކަމަށްވެސް އެންގިއެވެ.

އެ މުއްދަތުގައިވެސް ފައިސާ ދައްކާފައި ނުވާތީ، 3.1 މިލިއަން ޑޮލަރާއި އެ ފައިސާ ނުދެއްކުމުން އަރާ ޖޫރިމަނާ ފައިސާ އެކީ އެއްފަހަރާ އެމްޑަބްލިއުއެސްސީއަށް ދެއްކުމަށް ޖީޕީޑީއަށް އަމުރުކޮށްދިނުމަށް އެދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށައެޅުމުން 27 އޮކްޓޫބަރު 2017 ގައި އެކޯޓުން ކޮށްފައިވާ ހުކުމްގައި ވަނީ، އެމްޑަބްލިއުއެސްސީއަށް ދޭންޖެހޭ ކަމަށް އެ ކުންފުނިން ބުނާ 3.1 މިލިއަން ޑޮލަރުގެ ތެރެއިން، ޖީޕީޑީން ކޮށްފައިވާ މަސައްކަތަށް 629،689.13 ޑޮލަރު ކެނޑުމަށްފަހު، ބާކީ އޮތް 2.4 މިލިއަން ޑޮލަރު އެމްޑަބްލިއުއެސްސީއަށް ދެއްކުމަށް ޖީޕީޑީގެ މައްޗަށް އަންގާ ހުކުމް ކުރާ ކަމަށެވެ.

ސިވިލްކޯޓުގެ އެ ހުކުމް ބާތިލުކޮށްދިނުމަށް ޖީޕީޑީގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން، 11 ފެބްރުއަރީ 2021 ގައި ހައިކޯޓުން ހުކުމް ކޮށްފައިވަނީ ސިވިލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ. އެޙުކުމާމެދު ހިތްހަމަނުޖެހިގެން ޖީޑީޕީން މައްސަލަ އިސްތިއުނާފްކުރީ ސުޕްރީމް ކޯޓުގައެވެ.

މައްސަލާގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާޤުން ކޮށްފައިވާ ހުކުމްގައި ވަނީ ޖީޑީޕީން އިސްތިޢުނާފްކުރި ނުކުތާތަކަށް ބަލާއިރު ހައިކޯޓުގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ. އެގޮތުން ޖީޕީޑީން އަމަލުކޮށްފައިވަނީ އެއްބަސްވުމުގެ ދަށުން އޭގެ މަންފާ ޖީޕީޑީއަށް ލިބޭފަދައަކުން ކަމަށް ބެލެވެން ނެތް ކަމަށާއި، މައްސަލައިގެ ވާޤިޢާތަކަށް ބެލުމުން ޖީޕީޑީއަށް ޕްރޮމިސަރީ އެސްޓޮޕަލްގެ މަންފާ ލިބިދެވޭންޖެހޭ ޙާލަތެއް ނެތް ކަމަށްވެސް ޙުކުމުގައި ވެއެވެ.

އޭގެ އިތުރުން އެއްބަސްވުމުގެ ދަށުން ލިކުއިޑޭޓަޑް ޑެމެޖަސް ލިބުމުގެ ޙައްޤު އެމްޑަބްލިއުއެސްސީއަށް ލިބިގެންވާކަމަށް ފެންނަކަމަށްވެސް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރާއި، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނުގެ ޙުކުމުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން