އަޅުގަނޑު އުއްމީދު ކޮށްގެން ހުރީ ރާއްޖެއަށް މިހާ ތަރައްގީ އައިސް މީހުން ރޯފިލައި ލޯހުޅުވި ޑިމޮކްރެސީ ފައްކާވެ ރާއްޖޭގެ ހިންގުން ލާމަރުކަޒުވެ އަތޮޅުވެރިކަމާއި ކަތީބުކަމުގެ ސަގާފަތް އުވި ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ސިޓީ ކައުންސިލްތައް ވުޖޫދުވުމުން ކުރީގައި ރަށްރަށުގައި އޮތް އަޑުގަދަމީހާ ރުއްގިނަވާ އުސޫލާއި މުއްސަނދިންނާއި ބާރުގަދަ އަޑުގަދަ މީހުންގެ ބާރު ރަށުގެ ވެރިކަމުގެ މައްޗަށް އޮންނަ އުސޫލު މިހާރު އޮންނާނީ ބަދަލުވެފައި ކަމަށެވެ. އެބުނާ ބޮޑުކެކުރިއާއި ކުޑަކެކުރީގެ އުސޫލާއި ބޭއިންސާފާއި ވަކި މީހަކަށް ވަކިގޮތެއް އޮންނަ ނަހަމަކަމުގެ ސަގާފަތް މިހާރު މާޒީވެ ހިނގައިދާނެ ކަމަށެވެ.

ނަމަވެސް ރަށްފުށުގެ އެސަގާފަތް އަދި ވެސް އެގޮތުގައި ދެމި އޮތްކަން ރާއްޖޭގެ އެންމެ ބޮޑު އެއް އަތޮޅުކަމަށްވާ ހައްދުންމައްޗަށް މިފަހަކުން އަޅުގަނޑު ކުރި ދަތުރުން އަޅުގަނޑަށް އެނގި ޔަގީންވެއްޖެއެވެ. އެރަށުން ބައްދަލުވި އަންހެނުންނާއި ފިރިހެނުންގެ ވެސް ހުރީ ހުސް ޝަކުވާއެވެ. އެމީހުންގެ ވާހަކަތަކުން އެނގުނީ އަދިވެސް އަތޮޅުވެރިންނާއި ކަތީބުން ވޯޓުފޮށި މަތީގައި އަތް އަޅައި ބަނޑުއަޅައި ހެދި ދުވަސްވަރުގެ ގިނަ ސަގާފަތްތައް އެގޮތުގައި ދެމި އެބައޮތް ކަމެވެ. އެއްގޮތަކަށް ވެސް މިދަންނަވަނީ މިއަދު ވޯޓު ލުމުގައި ކުޑަކާފާއި ބޮޑުކާފުގެ ސަގާފަތް އޮތް ވާހަކައެއް ނޫނެވެ. އަދި ކަތީބާ އަތޮޅުވެރިޔާ ހުންނަ ވާހަކައެއްވެސް ނޫނެވެ. މިދަންނަވަނީ އޭރުގެ ބައެއް އުސޫލުތަކާއި ސަގާފަތްތައް އެގޮތުގައި ހަމަ ދެމި އޮތް ވާހަކައެވެ. އަޑުއައްސަވާށެވެ. މިއީ ހަގީގަތްކަން ހެއްކާއި ދަލީލާއެކު އަޅުގަނޑު ދަންނަވާލަދޭނަމެވެ.

އަޅުގަނޑާ ހައްދުންމަތީ ގަމުން ފުރަތަމަ ބައްދަލުވި މީހާއަކީ މާލޭގެ ރަށްވެއްސެކެވެ. ވަރަށް ހީވާގި ކަނބަލެކެވެ. އޭނާ ގަން މަތިމަރަދޫން ނަގާފައިވާ ގޯއްޗެއްގައި ތިން ބުރި އިމާރާތެއް ކުރަނީއެވެ. އެންމެ ޒަމާނީ ފަރުމާއަކަށެވެ. ގެ ހުރީ ނިމުމަކާއި ހަމައަށް ގޮސްފައެވެ. ތިރީ ބުރީގައި މީހުން ދިރިއުޅެވޭ ގޮތަށް ފުރިހަމަކޮށްފައެވެ. އެއާއިލާގެ ބަޔަކު އަބަދުހެން އެގޭގައި ތިބެއެވެ. އެކަމަކު އެމީހުންގެ ވެސް ހުރީ ހުސް ޝަކުވާއެވެ. ގެހަދައި ނިމެނީއެވެ. ނަމަވެސް އަދިވެސް އެހިސާބަށް ސާފު ބޯފެނުގެ ޚިދުމަތެއް ނުފޯރައެވެ. އެމީހުން ބުނާ ގޮތުން އަބަދުވެސް އިވޭ އަޑުތަކުން ހަމަ ހީވަނީ މާދަމާ ނޫނީ އަނެއް ދުވަހަކު އެ ޚިދުމަތް ލިބިދާނެ ހެނެވެ. ނަމަވެސް އަދި އަމަލީ ގޮތުން އެއްވެސް ކަމެއް ކުރާ ތަނެއް ނުފެނެއެވެ. އެހިސާބުގަނޑަކީ އާބަދުވާން ފަށާފައިވާ ހަމަ ވަރަށް ހިތްފަސޭހަ ހިސާބެކެވެ. މިއީ އޭނާ ނޫނަސް އެހިސާބުގައި ދިރިއުޅޭ ގިނަ މީހުންގެ ޝަކުވާއެވެ. އަދި މިމައްސަލަ އެކަންޏެއް ނޫނެވެ. ގިނަ ގެތަކެއް ހުރި އެމަގު އަދި ހަމަ އޮތީ ވަލެއްގެ ސިފައިގައެވެ. ދޭތެރެއަކުން ކައުންސިލުން ވާކޮށައި މަގު ހަދާލާ ކަމަށްވެއެވެ. ނަމަވެސް އާންމުކޮށް މަގު ހަދާ އުސޫލުން މަގު ނުހަދާތީ އަނެއްކާވެސް ވިނަފަޅައި ގަސްފަޅައި ވާވަނީއެވެ. ވާރޭކޮޅެއް ވެހިލާއިރަށް ޗަކަވަނީއެވެ.

އެހިސާބުން ބައްދަލުވި ދެ އަންހެނުންކުރެ އެކެއްގެ ޝަކުވާއަކީ އެމަގުގައި ހުރި މަގުބައްތި އަނދާފައިވާތާ އެތައް ދުވަހެއް ވެފައިވާއިރު ވެސް ކައުންސިލުން ނުވަތަ ކަމާބެހޭ ފަރާތުން މަގުބައްތިގަނޑުވެސް ޖަހާނުލާ ވާހަކައެވެ. އޭނާ ބުނީ މިހާރު އެކަން ކޮށްދޭނެހެން ހީވާ އެންމެންގެ ކައިރީގައި އެޝަކުވާ ކުރެވިއްޖެ ކަމަށާއި ނަމަވެސް އެމީހުން ކަހާތަން ހިރުވައި ވެސް ނުލާ ކަމަށެވެ. ކުޑަކުދިންނާއި ދުވަސްވީ މީހުން ވެސް އުޅޭއިރު މިހާރު އިރުއޮއްސިއްޖެއްޔާ އެމީހުން ގޭބަންދުގައި ތިބެން ޖެހޭ ކަމުގެ ޝަކުވާއެވެ.

ދެން އޮތީ އެއްކަލަ އަޑުގަދަ މީހާގެ ރުއްގިނަވާ އުސޫލު އެ އަތޮޅުގައި އަދިވެސް ހަމަ އެގޮތުގައި އޮތް ވާހަކައެވެ. މި ޝަކުވާގެ ވާހަކަ މިދެންނެވި ދެއަންހެނުންގެ ތެރެއިން އެކަކު ވަރަށް ތަފުސީލުކޮށް ކިޔައިދިނެވެ. އޭނާއަކީ މިދެންނެވި އަޑުގަދަ މީހާގެ ނުވަތަ ބާރުގަދަ މީހާގެ ސަބަބުން ވަރަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައިވާ ވެސް މީހަކަށް ވާތީއެވެ.

އޭނާ ދެއްކީ އޭނާގެ ގެއާއި ޖެހިގެން އޮތް ހުސް ގޯއްޗެއްގެ ވާހަކައެކެވެ. އޭނާ އެބުނާ ގޯއްޗަކީ އަދިވެސް ހަމަ ދިން ގޮތަށް އޮތް ތަނެކެވެ. ގަސްފަޅައި ވިނަ ފަޅައި ވަލަށް ވެފައި އޮތް ތަނެކެވެ. ވަށާ ފާރެއް ވެސް ނެތެވެ. އެތަން ސާފުނުކުރާތީ ދެފަރާތުގައާއި ކުރިމަތީގައި ހުރި ގެތަކުގައި ދިރިއުޅޭ މީހުންނަށް އެތަނުގައި އުފެދޭ މަދިރީގެ އުނދަގޫ ވެސް އިންތިހާއަށް ބޮޑެވެ. އެގޯތި އެހެން އޮންނަތާ މިހާރު ވިއްސަކަށް އަހަރު ވެދާނެ ކަމަށް ވެއެވެ. އެގޯއްޗަކީ ކުރިން މިދެންނެވި އަންހެން މީހާގެ ގޯތިން ބަޔަކާއި ޖެހިގެން އޮތް އެހެން ގޯއްޗެއްގެ ބައެއް ލައިގެން ފަހުން އެމީހަކަށް ދެއްވާފައިވާ ގޯއްޗެއް ކަމަށް ވެއެވެ.

އެގޯތީގެ ވެރިއަކީކާކުތޯ ސުވާލުކޮށްލުމުން އޭނާ ދިނީ ފުރަތަމަ ވެސް އެމީހާގެ ތަޢާރަފެކެވެ. އެބުނާ މީހާއަކީ އޭރުގެ އަތޮޅުތަކާ ބެހޭ ވަޒީރާއި ވަރަށް އަރިސް އެއޮފީހުން ހުސް ގޮނޑިކޮޅެއް ވެސް ހުންނަ އަތޮޅުތަކާބެހޭ ވަޒީރާ ޚާއްޞަ ގުޅުމެއް އޮންނަ މީހެއް ކަމަށް އޭނާ ބުންޏެވެ. އަދި އޭނާއަކީ އަތޮޅުވެރިއާއާއެކު ރޭގަނޑުގެ ގިނަ ވަގުތުގައި އުޅުއްވާ އޭނާގެ އެހީތެރިއެއް ކަމަށާއި އޭނާއަކީ މުޅި އަތޮޅަށް ވެސް އަމުރު މައުރޫފު ހިންގަވާ ވަރަށް ބާރުގަދަ ބޭފުޅެއް ކަމަށް ބުންޏެވެ. އަދި ވެސް ހަމަ އެބާރު އެގޮތުގައި އެބައޮތްހޭ އަޅުގަނޑު ވަރަށް ހައިރާންވެފައި އަހާލީމާ، އަޅުގަނޑުގެ އަނގައިގާ އެއްބައި އޮއްވާ "އާނއެކޭ، އާނއެކޭ، އަދިވެސް އެހެން އެއުޅެނީ އެބާރު އޮތީމާ ނޫންހޭ،" އޭނާ ބުންޏެވެ.

އަންހެން މީހާ ބުނި ގޮތުން އެއީ އެއަތޮޅު މުންޑޫއަށް ނިސްބަތްވާ މީހެކެވެ. އޭނާ ބުނި ގޮތުން އެއީ ކޮންމެވެސް މުޙަންމަދު ފުޅެކެވެ. މިދެންނެވި ގޯއްޗެއް އޭނާ ހޯދީ ސުނާމީގައި ލިބުނު ގެއްލުމުގެ ބަދަލުގައި އޭނާއަށް ލިބުނު ގޯތި ދަރިއެއްގެ ނަމަށް ބަދަލު ކުރުމަށްފަހު ކޯޓަށް ގޮސް އޭނާއަށް ގޯއްޗެއް ނުލިބޭ ކަމަށް ބުނެ އޭނާ ގޯތި ބޭނުންވަނީ ހަމަ މިދެންނެވި އަންހެން މީހާގެ ގެއާއި ޖެހިގެން އޮތް ތަނުން ކަމަށް ބުނެ ދަޢުވާ ކޮށްގެންނެވެ. މިދެންނެވި ބާރާއި އާރުގެ ބޭނުން ކޮށްގެން އޭނާ އެގޯތި ހޯދާފައި ކުރިން ދަރިފުޅުގެ ނަމަށް ބަދަލުކުރި ގޯތި ވެސް މިހާރު އޭނާގެ ނަމަށް އަނބުރާ އިއާދަކޮށް އޭނާގެ މިލްކިއްޔާތަށް އެފަދަ ތިން ހަތަރު ބިން އެރަށުން އިތުކޮށްފައިވާ ކަމަށް އަންހެން މީހާ ބުންޏެވެ.

އަޅުގަނޑާ ބައްދަލުވި ގިނަ މީހުން ބުނާ ގޮތުން ގޯތި ގެދޮރު މައްސަލައިގައި އަދި ވެސް އެއަތޮޅުގައި އޮތީ އެއުސޫލެވެ. ގޯތި ނެގިތާ ވިހި ތިރީސް އަހަރުވެގެން ދިޔައިރުވެސް ވަށާފާރު ވެސް ރާނާ ނުލައި އެތައް ގޯއްޗެއް އެރަށުގެ މުހިންމު ސަރަހައްދު ތަކުގައި އެބަހުއްޓެވެ. އަދި ވަށާފާރު ރަނާލާފައި ދޫކޮށްލާފައި ހުރި އެތައް ގޯތި ތަކެއް ވެސް އެއަތޮޅުގެ އެއްފަސްކޮށް އޮންނަ ރަށްތަކުގެ މުހިންމު ސަރަހައްދު ތަކުގައި އެބަހުއްޓެވެ. ޑިމޮކްރެސީއާއި އިންސާފާއި ހަމަހަމަ ކަމާއި އައިސްގެން ކައުންސިލް ތަކާއި ހިންގުން ހަވާލު ކުރިއަސް ގިނަ ކަންކަން ހިނގާ އުސޫލަކަށް ބަދަލެއް ނާދެއޭ ދަންނަވަން މިޖެހުނީ އެހެން ވެގެންނެވެ. އޭނާ ބުނާ ގޮތުންނަމަ މިހާރު ދެން ވާގޮތަކީ ކައުންސިލުން ވަކި މީހަކަށް ވަކި ތަނަކުން ގޯއްޗެއް ދޭން ބޭނުން ވެއްޖެއްޔާ އެތަނެއްގައި އޮންނަ އެއްކަލަ "ގަވާޢިދާ ޚިލާފަށް އޮންނަ" ގޯތި ވަކިކުރަނީ އެވެ. އާދައިގެ "ރައްޔިތު މީހާ" އަށް، ނުވަތަ އަލަށް ގޯތި ބޭނުންވާ ޒުވާނުންނަށް ގޯތި ލިބެނީ ރަށުގެ ވަލުތެރެއިންނެވެ. މިއިން ޒަމާނަކު ދިރިއުޅެވޭ ވަރު ނުވާ ރަށުގެ ވަލު ސަރަހައްދުންނެވެ.

އެހެންވީމާ އަޅުގަނޑަށް ވެސް ގަބޫލުކުރެވުނު ގޮތުގައި ލާމަރުކަޒުވެގެން ބަދަލުވީ ސިސްޓަމެވެ. ނުވަތަ ވެރިކަން ހިންގާ ނިޒާމެވެ. ކުރިން ވެސް އޮތް ގިނަ ސަގާފަތް ތަކެއް ބަދަލެއް ނުވެއެވެ. އަޑުގަދަ މީހާ އަދިވެސް ހަމަ ރުއްގިނައެވެ. މިދެންނެވި މުހަންމަދުފުޅު ކަހަލަ އެތައް މުހަންމަދު ފުޅެއް އެއަތޮޅުގައި އަދިވެސް އެބަ އުޅެއެވެ. އެމީހުންނަކާ ހަމައަކަށް އާ ސިސްޓަމްގެ އަތެއް ނުފޯރައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން