ކޫއްޑުއަށް ދުވާލަކު 800 ޓަނުގެ މަސް ގަނެވޭނެ ވަރަށް އެ ތަނުގެ ގާބިލްކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ނުކިރޭ މައްސަލައަށް އެކަށީގެންވާ ހައްލެއް ގެނައުމަށް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ކޫއްޑޫއިން ގަނެވެނީ ދުވާލަކު 400 އެއްހާ ޓަނުގެ މަސް ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް މޫސުމުގައި މަސްވެރިކަން ތިޔާގިވުމުގެ ކުރިން މަސްވެރިން ބާނާ މަސް ގަތުމުގެ ގާބިލުކަން ދެގުނަ އިތުރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުމުގައި 800 ޓަނު ކޫއްޑޫއަށް ކިރުމަށް ގެންނާނެ ކަމަށް ބަލާއިރު، ޝޯޓް ޓާމް ހައްލެއްގެ ގޮތުން މަދުވެގެން އިތުރު 400 ޓަނު ގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މި ގާބިލްކަން ގާއިމްކުރެވޭނެ ހަމައެކަނި ގޮތަކީ މަސްގަނޑުކޮށް ފިނި ކުރާ ފްރީޒާ ވެސެލްސް ގަތުން ކަމަށެވެ. އެގޮތުން އެމަސައްކަތް މިހާރު ކުރިއަށްދާ ކަަމަށާއި އޭގެ ދެ ބޯޓު ނުވަތަ ތިން ބޯޓު ބޭނުންވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކޫއްޑޫގައި މިހާރު ހުރި ފްރީޒިން ކެޕޭސިޓީއަކީ ދުވާލަކު 240 ޓަނެވެ. އަދި މިހާރު ބޭނުންކުރަމުން އަންނަ ކަލިމިންޖާ ބޯޓާއެކު ގަނެވެނީ ދުވާލަކު 400 ޓަނުގެ ކަނޑުމަހެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން