ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް
މާލެއިން ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދެނެގަނެވިއްޖެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ރޭ ފަތިހު މާލޭގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައެވެ. އަދި އެމައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މުޅި މާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނެވެ. އެކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު މިހާރު ދެނެގަނެވިއްޖެ ކަމަށާއި އެކި ސަރަހައްދުތަކަށް މިހާރު ދަނީ އަލުން ކަރަންޓް ދެމުން ކަމަށެވެ.

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ އާތު ފޯލްޓަކުން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް، ވިދާޅުވީ، ރޭ ފަތިހު ހަތަރެއް ޖެހިއިރު 8 ފީޑާ ސްކިނުން ކަރަންޓް ދިޔަ ކަމަށާއި، މައްސަލަ ދެނެގަންނަން ފީޑަރުތަކަށް ވަކިވަކިން ކަރަންޓް ދެމުން ދިޔަ ކަމަށެވެ. އަދި މުޅި މާލެ އިން ކަރަންޓު ކެނޑުނީ 8 ވަނަ ފީޑަރު ޖެއްސުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ފޯލްޓް އައިޑެންޓިފައި ކުރެވިއްޖެ. 8 ވަނަ ފީޑަރުން ސްވިޗް ގިއަރެއްގެ މައްސަލަ ޖެހުނީ. މިހާރު ފީޑަރުތައް ޖައްސަމުން މިދަނީ. އަދި އެ ސްވިޗް ގިއަރުގެ ކޭބަލް އެހެން ގިއަރަކާ ގުޅުމުގެ މަސައްކަތް ދަނީ ކުރަމުން،" ސްޓެލްކޯގެ އެމްޑީ ޝަރީފް ވިދާޅުވި އެވެ.

މައްސަލަ ޙައްލު ކުރުމަށް ސްޓެލްކޯގެ މައި އިންޖީނުގެއިން ފެށިގެން ބޭންކް އޮފް މޯލްޑިވްސްއާ ހަމައަށް އިތުރު ކޭބަލެއް އަޅަން ޖެހޭ ކަމަށާއި މައްސަލަ އެއްކޮށް ޙައްލުކޮށް 8 ވަނަ ފީޑަރަށް ކަރަންޓު ދިނުމަށް ގަޑިއެއްހާއިރު ނަގާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ފީޑަރ 8 ގައި 9 ސަބްސްޓޭޝަން ހުންނާނެ. އެތަންތަނަށް އެހެން ފީޑަރަކުން ޕަވަރ ދެވޭތޯ ބަލަމުން މިދަނީ." ޝަރީފް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން ބުނެފައިވަނީ މާލެއަށް ކަރަންޓު ފޯރުކޮށްދޭ 13 ފީޑަރުގެ ތެރެއިން ފީޑަރު 8 ފިޔަވާ އެހެން ހުރިހާ ފީޑަރެއް އެނާޖައިޒް ކުރެވި މިހާރު އަންނަނީ ކަރަންޓުގެ ހިދުމަތް ދެމުން ކަމަށެވެ. އަދި ފީޑަރު 8 ގައި ހިމެނޭ 9 ސަބް ސްޓޭޝަނަށް އެހެން ފީޑަރުތައް މެދުވެރިކޮށް ވަގުތީގޮތުން ކަރަންޓު ފޯރުކޮށްދޭން ދަނީ މަސައްކަތްކުރަމުން ކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.

އެ މަސައްކަތް ނިމުމާއެކު މާލޭގެ ހުރިހާ ހިސާބަކަށް ކަރަންޓު ދެވިގެންދާނެ ކަމަށާއި މިފަދަ ދަނޑިވަޅުތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ. އަދި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން