ފިނިނޭވާ
ފިނިނޭވާ
03 ވަނަ އެޕިސޯޑް

==========

[ނޫން، އާޓިކަލް ވަރަށްމޮޅު. އެކަމަކު ހިތަށްއަރާ ކީއްވެބާއޭ ޞަފްޙާއަށް އަހަރެންގެ ފޮޓޯ ޚިޔާރުކުރީ. އަހަރެން ނޫނަސް ނިވާކަންކުޑަ ހެދުން ލައިގެން އަންހެން ކުދިން ތިއްބެއްނު.] ސީނާގެ ވާހަކައިގެ އޮއިވަރު މަޑުމަޑުން ބަދަލުވަމުންދިޔައެވެ.

[ކުށަކަށް ވެއްޖިއްޔާ މަޢާފް ކުރައްވާ. އަޅުގަނޑު ފޮޓޯ ނެގިއިރު ވިސްނަން އިނީ، އެވަގުތު މޫދުގައި ތިބި ކުދިންތަކުގެ ތެރެއިން އެންމެ ރީތި، ހިތްގައިމު ކުއްޖާއަށް.] ހީނލަމުން ޝިޔާޒް ބުންޏެވެ.

[ފޮޓޯ ޖެހުމުން ވަރަށް ނުރުހުންވެލައްވާފައިތޯ ތިޔަ ހުންނެވީ؟] ޝިޔާޒް ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ.

[އުނހު، ފޮޓޯ ޖެހުމަކުން މައްސަލައެއް ނޫން. ފާޑުފާޑުގެ ހެދުންލަންޏާ ނޫހުގައިވެސް ޖަހާނެ. އެކަމަކު އަހަރެން ދެން ދުވަހަކުވެސް ނިވާކަންކުޑަ ހެދުމެއް ނާޅާނަން ޝިޔާޒް....އެކަމަކު މަޒްމޫނު ލިޔަން ވަރަށްމޮޅު.] ސީނާ ޝިޔާޒަށް ތަޢުރީފް ކުރިއެވެ.

[ޝުކުރިއްޔާ ވަރަށް ބޮޑަށް. ކޮން ނަމެއްތަ ކިޔަނީ؟] ޝިޔާޒްގެ ވާހަކަވެސް މަޑުމަޑުން ބަދަލުވަމުންދިޔައެވެ.

[ސީނާ، ރައްޓެހިން ކިޔަނީ ސީނު] ސީނާ ތަޢާރަފްވިއެވެ.

[ތިހެންވީއިރު އަހަރެންވެސް ކިޔާނީ ސީނު.] ހީނލަމުން ޝިޔާޒް ބުންޏެވެ.

[އެންމެ ރަނގަޅު، އަހަރެންވެސް މުޚާތަބް ކުރާނަން ޝިޔާގެ ނަމުން.] ސީނާ އެއްކޮށް ލަދުކެނޑުނެވެ.

[މައްސަލައެއް ނެތް، ސީނާ ބޭނުންތަ ފޮޓޯތައް.] ޝިޔާޒް އެއްސެވެ. އެދުވަހު ސީނާ ޝިޔާޒާ ވާހަކަ ދައްކަން ބައިގަޑިއެއްހާއިރު ވަންދެން އިނެވެ. އެއްވެސް ފޫހިކަމެއް ނެތިއެވެ. ޝިޔާޒަކީވެސް ސަމާސާ މިޒާޖެއްގެ ބަސްގިނަ މީހަކަށްވުމުން، އޭނާވެސް ފޫހިކަމެއްނެތި ސީނާ ފޯން ބާއްވަންދެން ވާހަކަ ދައްކަން ހުއްޓެވެ. ސީނާ ފޯން ބޭއްވީވެސް ހިތާ ދެކޮޅަށެވެ. އިރުކޮޅެއްގެފަހުން އޭނާ އަނެއްކާވެސް ފޯން ނަގައިފިއެވެ. ވެދާނެއެވެ. އަދިވެސް ޝިޔާޒަށް ގުޅައިގެން ޝިޔާޒާ ވާހަކަ ދައްކަން ބޭނުންވަނީއެވެ.

ފޯނު ރިންގުވާން ފެށުމާއެކު ޝިފާ ފޯނު ނެގިއެވެ. ނަންބަރު ފެނުމާއެކު ކަނޑާލަން ހިތަށްއެރިނަމަވެސް، އޭނާ ފޯނު ކަންފަތުގައި ޖައްސާލިއެވެ.

[ޝިފާ....އަހަންނަށް މަޢާފްކުރޭ....އެކަމަކު އަހަރެން ގަބޫލެއް ނުކުރާނަން، އަހަންނަށް މިކުރެވެނީ އުނދަގުލެއް ކަމަކަށް. ހިތަށްއަރާ އެންމެ ފެނިލުމަކުން ކީއްވެބާއޭ އަހަންނަށް ލޯބިވެވުނީ.] ނުހަނު އަސަރާއެކު މިހާދު ވާހަކަ ދެއްކިއެވެ.

[އާދޭސް ކުރަން މިހާދު. އަހަންނަށް އުނދަގޫ ނުކުރޭ. މިހާދުގެ ސަބަބުން މިހާރު އަހަރެން ހާސްވާން ފަށައިފި.....އެކަމަކު އަހަރެން ޔަޤީންކަން ދީފާނަން، އަހަރެންގެ ހިތުގެ މިޞްރާބު، މިހާދު ކިތަންމެ ގިނައިން ގުޅިޔަސް ބަދަލެއް ނުވާނެ.] ޝިފާ ފޯން އޮފްކޮށްލިއެވެ. ވީދެރައިން މިހާދަށް ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ.

މިހާދުގެ މަންމަ ނަސީމާއަށް މިހާދުގެ އެ ޙަރަކާތްތައް ފެނުނެވެ. އޭނާ އައި ގޮތަށް އައިސް މިހާދުގެ ގާތަށް ހުއްޓުނެވެ. ނަސީމާ ހުއްޓުނުއިރުވެސް މިހާދު އިނީ އެއިންގޮތަށް ބޮލުގައި ހިފަހައްޓައިގެނެވެ.

[ދަރިފުޅާ....ކިހިނެއްތަ ދަރިފުޅަށް ތިވަނީ؟] ނަސީމާ މިހާދުގެ ބޮލުގައި އަތް ކާއްތާލިއެވެ.

[މަންމާ....އަހަންނަށް.....ލޯބިވެވިއްޖެ....އަހަންނަށް ލޯބިވެވިއްޖެ....] މަންމަގެ ކުރިމަތީގައިވެސް މިހާދު އިޚްތިޔާރުން ބޭރުވެއްޖެއެވެ. އޭރު އޭނާގެ ދެލޯވަނީ ކަރުނުން ތެމިފައެވެ.

[ކޮންކުއްޖެއްދެކެތަ، ތިބުނާ ކުއްޖަކު ދަރިފުޅާ ދޭތެރޭ ހިތްހަމަނުޖެހެނީތަ؟] ނަސީމާ ދަރިފުޅު ގާތުގައި އިށީނެވެ.

[އާނ...މަންމާ....އަހަންނަށް ހީވަނީ ޝިފާދެކެ ލޯބިވެވުން މިއީ އަހަރެންގެ ބަދުނަޞީބުހެން.] މިހާދު އަތުގެ ނުފުށުން ދެލޯ ފޮހެލަމުން އެނދުގައި އޮށޯވެލިއެވެ.

[ތިހެން ނުބުނޭ ދަރިފުޅާ....ތިބުނާ ކުއްޖަކުދެކެ ލޯބިވެވުން ތިއީ ދަރިފުޅުގެ ނަޞީބު....އިރާދަކުރެއްވިއްޔާ، ތިލޯބީގެ ސަބަބުން ނާކާމިޔާބީއާ ކުރިމަތިވާހިނދުވެސް ދިރިއުޅުމާއިގެން ކުރިއަށް ދިޔުމަށް ދަރިފުޅަށް ހިތްވަރު ލިބޭނެ.] ނަސީމާ މިހާދަށް ހިތްވަރު ދިނުމުގެ ގޮތުން ބުންޏެވެ.

[ނޫން...އަހަންނަކަށް ހިތްވަރެއް ނުކުރެވޭނެ. އަހަރެން ހާދަ އާދޭހެއް ކޮށްފީމޭ އޭނައަށް. އެކަމަކު އޭނާ އަހަންނަކަށް ޖާގައެއް ނުދިން.] މިހާދުގެ އަޑު ބެދުނެވެ. އެދުވަހު ނަސީމް މިހާދަށް ނިކަން ގިނައިރު ވަންދެން ހިތްވަރާއި ނަޞޭޙަތް ދިނެވެ. ނަމަވެސް އެހިތްވަރާއި ނަޞޭޙަތުން ޖޯޝް އަންނަ ވަރަށްވުރެން އޭނާއަށް ޝިފާދެކެ ވެވިފައިވަނީ މާ މަތިވެރި ލޯތްބެކެވެ.

[ނޭނގެ މިހާރަކަށް އައިސް ވާގޮތެއްވެސް. ލޮލަކަށް ނިންޖެއްވެސް ނާދޭ. ލޯމަރާލާއިރަށް ސިފަވަނީ އޭނަގެ ހިތްގައިމު ޙަރަކާތްތައް. އަހަރެން ބޭނުންވާ ހުރިހާ ސިފަތަކެއްވެސް އޭނަގެ ކިބައިގައި އެބަހުރި.] ސީނާ ރަޙްމަތްތެރިޔާ މާއިޝާގެ ކުރިމަތީގައި ހިތް ހުޅުވަމުން ދިޔައެވެ. މާއިޝާ ހީނގަތެވެ.

[ހަމަ ރަނގަޅަށް ހިތް ކިޔައިފިދޯ؟ އޭނަ ގާތު ލޯތްބާ ބެހޭގޮތުން އެއްވެސް ވަރަކަށް ވާހަކަ ދައްކައިފިންތަ؟] މާއިޝާ އެހިއެވެ.

[ތެދެއް ތިބުނީ، ލޯބިވެވިއްޖެ. ލޯބި ހޯދާނަންވެސްމެ. ލޯބި ލިބޭނެވެސްމެ.] ސިކުނޑިއަށް ފުނިޖެހެމުން އައި ޝިޔާޒްގެ ޚިޔާލުތަކުގެ ތެރޭގައި ހުރެ ސީނާ ވާހަކަ ދެއްކިއެވެ.

[މިކަހަލަ ހަމަހަމަ ޒަމާނެއްގައި ތިހެން އޭނާގެ އިޝާރާތަކަށް ބަލަބަލާނުހުރެ، ހިތް އޭނާގެ ކުރިމައްޗަށް ބަންޑުންކޮށްލާ. ފަސްނުޖެހި ކުރިމަތިލާ. ލޯބީގައިވެސް އަދި އެނޫން ކަމެއްގައިވެސް ކާމިޔާބު ލިބޭނީ ކެރޭ މީހުނަށް.] މާއިޝާ ސީނާއަށް ލަފާދިނެވެ. ސީނާ ތިރީ ތުންފަތުގައި ދަތް އަޅާލުމަށްފަހު ބޯޖަހާލިއެވެ. ވެދާނެއެވެ. މާއިޝާ ލަފާދިންގޮތަށް ޢަމަލުކުރަން އޭނާ ނިންމީއެވެ. އެހެން ނަމަވެސް، އެއީ އަދި އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށްވެސް ވެދާނެއެވެ.

ލޯތްބެއް ހޯދުމަށްޓަކައި ވިސްނާއިރު، ބަލަންޖެހޭ ކަންތައްތަކެއް ހުންނަ ކަމަށް ގަބޫލު ކުރެވެއެވެ. ފުރަތަމަ އެދޭ މީހާއަކީ ކާކުކަން އެނގުން އެއީވެސް މުހިންމު ކަމެކެވެ.

[ނޫނޭ އަހަރެން ތިބުނާހާ ފަސޭހައިން ލޯބި ހުށަހަޅާކަށް ޤަޞްދެއް ނުކުރަން. ފުރަތަމަ އަހަރެން ބޭނުން ޝިޔާ ދެނެގަންނަން.] ހީކުރިގޮތާ ޚިލާފަށް ސީނާ ހިމެނުނީ އެންމެ ދުރު ވިސްނޭ ކުދިންގެެ ތެރޭގައެވެ.

[އޭނަގެ ޙަރަކާތް އެދުވަހު ހުރިގޮތުން ހާދަ ހީވެޔޭ ސީނުއަށް އެކަންވާނެހެން.] މާއިޝާ ސީނާގެ އުންމީދު އާކޮށްދިނެވެ. ސީނާ ހިތްހަމަޖެހުމުގެ ނޭވާއެއްލިއެވެ.

މި އާދައިގައި ދުވަސް މާޒީގެ ޞަފްޙާތަކުގައި ލިޔެވެމުންދެއެވެ. މާޒީއަށް ފާއިތުވި ކޮންމެ ދުވަހެއްގައިވެސް އެއްފަހަރު ނޫނީ ދެފަހަރު ސީނާ ޝިޔާޒަށް ގުޅައެވެ. އެކަކު އަނެކަކަށް ލޯބި ހުށަނޭޅިނަމަވެސް، ޝިޔާޒްގެ ވާހަކައިން ބައެއްފަހަރު ސީނާދެކެ ލޯބިވާހެންވެސް ހީވެއެވެ. ފާޅުގައި ނުބުންޏަސް ސީނާވެސް އައީ ފުން މާނައިގައި އޭނާ ޝިޔާޒްދެކެ ލޯބިވާ ކަމުގެ އިޝާރާތް ކުރަމުންނެވެ.

[މިހާރު ފޯނުން ވަރަށް ގާތް ދެމީހުނަށް ދެމީހުން ވެއްޖެ. ބައްދަލުވެސްވާންވާނެއެއްނު.] ސީނާ ފޯން ކަންފަތުގައި ޖައްސައިގެންހުރެ ވަށައިގެން ހޯދާލިއެވެ.

[އާނ ބައްދަލުވާންވީ. ކިހިނެއް ބައްދަލުކުރަން ހަދާނީ. ޙަޤީޤަތުގައި އަހަރެންވެސް މިހުންނަނީ ބައްދަލުވާން ބޭނުންވެފައި.] ޝިޔާޒް ބުންޏެވެ.

[މާދަމާރޭ ތަރާވީސްދަމަށް، ޓުވިންޕީކްސްއަށް ދަމާ. އެކަމަކު ބުނަން އަހަރެންދޭނީ.] ސީނާ ދަޢުވަތު ދިނެވެ.

[އަހަރެން އެކަނިތަ ދާންވީ؟] ޝިޔާޒް އެއްސެވެ.

[އާނ އެކަނި. ހަނދާންކޮށްދައްޗޭ އަޅެ.] ސީނާ ބުންޏެވެ.

[ގަޑި ކިޔާބަލަ.] ޝިޔާޒް އެދުނެވެ.

[ނައިން ފިފްޓީންގަ ދާތި. ދެން ބާއްވަނީ.] ގަޑި ކިޔުމަށްފަހު ސީނާ ފޯނު ބޭއްވިއެވެ. ފޯނު ބޭއްވުމަށްފަހު އޭނާއަށް އިންތިޒާރު ކުރެވެން ފެށުނެވެ. އެވަގުތަކަށެވެ. ހިތްއެދޭ މީހާއާ ގާތުން ފެނި ބައްދަލުވުމަށެވެ. ހިތްފުރެންދެން އެޖާދުވީ މޫނަށް ބަލައިލުމަށެވެ. އޭނާއަށް މިއަދުވެސް ހީކުރެވެއެވެ. އޭނާއާ ދާދި ގާތުގައި ޝިޔާޒް ހުރެއެވެ. އޭނާ ޔަޤީން ކުރެއެވެ. ފާޅުނުކުރިޔަސް ޝިޔާޒް އޭނާދެކެ ލޯބިވެއެވެ. މާދަމާރޭގެ ބައްދަލުވުމަށްފަހު ޝިޔާޒް އެ ލޯބި ފާޅުކުރާނެވެސްމެއެވެ. މިފަދަ ހީކުރުންތަކާއެކު ސީނާ އިންތިޒާރުގެ ވަގުތުތައް ގުނަމުންދިޔައީ ކެތްތެރިކަން ކުޑަވެފައިވާ ހާލުގައެވެ.

[ތެދަށް މިބުނީ އަހަންނަށް މިހާރު ކެތްވަނީކީ ނޫން.] ސީނާ ވާހަކަ ދެއްކީ މާއިޝާއާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ ސީނާގެ ކޮޓަރިތެރޭގައެވެ.

[ތިހެން ބުނީމައޭ މިހަނދާންވީ. އަހަރެމެން މިއުޅެނީ ވަރަށް އަވަހަށް މެރީކުރަން....] މާއިޝާ ބުންޏެވެ. އެހާ ހިސާބުން މަޢުޟޫޢުވެސް ބަަދަލުވިއެވެ.

[މާއިޝާ ބައްޕަމެން ހީވޭތަ ނާޞިޙާ ޤަބޫލުވާނެހެން.] ސީނާ ވިސްނާލުމަށްފަހު އެއްސެވެ.

[ނޭނގެ، އޭނަ މިހާރު ވަރަށް ރަނގަޅޭ....އަހަރެންގެ ކުރިމަތީގައި ސިނގިރެޓެއްވެސް ނުބޮއެ. ބައްޕަ ނުރުހުނަސް އަހަރެން ބޭނުން ނާޞިޙާ އިންނަން. އަހަރެން އޭނައަކީ ރަނގަޅު މީހެއްގެ ގޮތުގައި މުޖްތަމަޢަށް ގެންނާނަން.] މާއިޝާ ޢަޒުމް ކަނޑައެޅިއެވެ.

[އެކަމަކު.....އަހަންނަކަށް ގަބޫލެއް ނުކުރެވޭ، މަސްތުވާ ތަކެއްޗަށް ދެވި ހިފައިފި މީހަކަށް ސެންޓަރަށް ނުގޮސް ތިކަމުން ސަލާމަތްވެދާނެ ކަމަކަށް. އަޞްލު ވާގޮތަކީ އެމީހަކު އެކަމަށް (ސަލާމަތްވެ ރަނގަޅު މީހަކަށްވާން) މަސައްކަތް ކުރިޔަސް، ފުރްޞަތު ކުޑައީ. މަގުމަތިން ދިމާވެދާނެ ކުރީގެ ބައިވެރިން. އެމީހުން ވަރަށް ފަސޭހައިން އޭނާގެ ޚިޔާލު ބަދަލުކޮށްލާނެ.....] މާއިޝާ ހީކުރިގޮތާ ޚިލާފަށް ސީނާ ވާހަކަ ދެއްކީ މާއިޝާއާ ދެކޮޅަށެވެ. ނަމަވެސް އެއީ ދުރު ވިސްނޭ ރަޙްމަތްތެރިއެއްގެ ޙައިޘިއްޔަތުން މާއިޝާއަށް ވިސްނައިދިނުމަށެވެ.

[އެކަމަކު ސީނު އަހަރެން ހާދަ ލޯބިވެއޭ އޭނަ ދެކެ. ވަރިހަމަ އަހަރެން އޭނަ ރަނގަޅު މީހަކަށް ހަދާނަން. މުޖްތަމަޢަށް ބޭނުންތެރި މީހަކަށް އޭނާ ހަދާނަން.] މާއިޝާ އޭނާގެ އެންމެފަހުގެ ނިންމުން ނިންމިއެވެ.

ޙަޤީޤަތެކެވެ. ލޯބިވެވޭއިރަކު މީހާއަކީ ކޮންކަހަލަ މީހެއްތޯއެއް ނުބެލޭނެއެވެ. އެކަން އެހެން ކުރެވޭނީވެސް ލޯތްބަކީ އިޚްތިޔާރުގައިވާ އެއްޗެއްނަމައެވެ. އެންމެ ފޯރާ މީހާގެ ދަރިއަށްވެސް އެންމެ ނިކަމެތި މީހާގެ ދަރިއަކުދެކެވެސް ލޯބިވެވިދާނެއެވެ. ނަމަވެސް ބުނާތީ އަހަމެވެ. މަސްތުވާތަކެތީގެ އަވައިގައި ޖެހިފައިވާ މީހަކަށް، އެނޫން ދެވަނަ ކަމަކާ ދޭތެރޭ ވިސްނާނެ ވަގުތެއް ނުވާނެއެވެ. ވެދާނެއެވެ. ލޯބި ކާމިޔާބު ކުރުމުގައި، ގިނަ މައިންބަފައިންގެ ނުރުހުން ލިބެނީވެސް އެހެންވެގެނެވެ.

ގަޑީގެ ކަށި އެނބުރެމުންގޮސް ސީނާގެ އިންތިޒާރުގެ ވަގުތުވެސް ކުޑަތަންވެއްޖެއެވެ. މިހާރު ސީނާ ދެކޮޅަށް ފުށްޖަހައި ތައްޔާރުވަމުން އެދަނީ ހިތްއެދޭ ބައިވެރިޔާއާ ކުރިމަތިލުމަށެވެ. މިރޭ އޭނާ ބޭނުމެވެ. އޭނާއަށް ޤުދްރަތުން ދެއްވާފައިވާ ހުރިހާ ރީތިކަމެއްވެސް ޝިޔާޒަށް ދައްކާށެވެ.

[ދަރިފުޅާ މާރީއްޗަށް ނަލަހެދިގެން ކޮންތަނަކަށް ދާންތަ ތިއުޅެނީ؟] ކޮޓަރި ދޮރުމައްޗަށް ހުއްޓިހުރެ އަމީނާ އެއްސެވެ. ސީނާ ސިހިފައި މަންމައާ ދިމާއަށް އެނބުރުނެވެ.

[ރައްޓެއްސަކާއެކު ފިހާރައަކަށް ދާން ކަމަށް.] ސީނާ ފުރަތަމަފަހަރަށް މަންމަ ގާތު ދޮގު ހެދިއެވެ.

[މިހާރު ދެން ބޮޑުވެގެން ތަނަކަށްދާއިރު މަންމަ ގާތު އަހާލުމެއްވެސް ނޯވޭދޯ؟] އަމީނާ ހިތްހަމަނުޖެހިފައި ބުންޏެވެ.

[ނޫން މަންމާ...އަހަރެން ތައްޔާރުވެލައިގެން މަންމަ ގާތު އަހަން ކަމަށް މިހުންނަނީ.] ސީނާ ތުންފަތުގައި މަޑުމަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކް އުނގުޅާލިއެވެ.

[ހެޔޮދޯ ދިޔަޔަސް.] ސީނާ އެއްސެވެ.

[އެންމެ ރަނގަޅު، ލަސްނުވެ އަންނާތި.] އަމީނާ ހުއްދަ ދިނެވެ.

[އާނ ހިއެއްނުވޭ، މާ ލަސްވާނެހެނެއް، ދެން ދަނީ.] ސީނާ ނިކަން ފުރިހަމައަށް ތައްޔާރުވެލުމަށްފަހު ހިނގައިގެންފިއެވެ. އަމީނާ ލުއި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވައިގެން ބަލަހައްޓައިގެން އިނެވެ.

ޝިޔާޒް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު ޓުވިންޕީކްސްގެ ނަން ބޯޑާ ދިމާއަށް ބަލައިލިއެވެ. އެއަށްފަހު އޭނާ ވަށައިގެން ހޯދާލިއެވެ. ޓެކްސީއެއްގައި އައިސް ސީނާ އެތަނަށް ފޭބީ އެވަގުތުއެވެ. ވާހަކަ ދައްކަންވެސް ނޭނގިފައި ޝިޔާޒް ހުރީއެވެ. އެހެންވެ އިރުކޮޅެއްގެ ފަހުން އިސްވެ ވާހަކަ ދެއްކީވެސް ސީނާއެވެ.

[ޝިޔާ ވަންނަންވީނު.] ސީނާ ޝިޔާޒްގެ މޫނަށް ބަލައިލިއެވެ. ޝިޔާޒް ހީނލަމުން އެތެރެއަށް ވަނެވެ. ފަހަތުން ސީނާވެސް ވަނެވެ. އެމީހުން އެއްފަރާތެއްގައި ހުރި މޭޒެއްގެ ކައިރި އިށީނުމާއެކުހެން ވެއިޓަރު އައިސް އޯޑަރު ނަގައިފިއެވެ.

އޯޑަރު ދިނީވެސް ސީނާއެވެ. އޭނާ ޝިޔާޒަށްވެސް އޯޑަރުދިނީ އޭނާއަށް މީރު އެއްޗެއްސަށެވެ. އިއްތިފާޤުން ބާމިގޯރެންވީ ޝިޔާޒަށްވެސް އެންމެ މީރު ކެއުމަށެވެ.

[ކިހިނެއް ސީނުއަށް އެނގުނީ އަހަރެންގެ ފެވަރިޓަކީ އެއީކަން.] ޝިޔާޒް ކޮންމެވެސް ވަރަކަށް ޙައިރާންވިއެވެ.

[އެއްވެސް މީހަކު ނުބުނޭ. އަހަރެންގެ ހިތަށްއެރި ޝިޔާއަށް މީރުވާނެއޭ. އެހެންވީމާ، ވަރަށް މިޒާޖު އެއްގޮތްދޯ؟] ސީނާ މަޑުމަޑުން ހިތް ހުޅުވަން ފެށިއެވެ.

[އަޞްލުވެސް ވަރަށް ބޮޑަށް މިޒާޖު އެއްގޮތް. ކޮބާ އެއްކަލަ އޮފީހުން ޖޮބް ހަމަޖެހުނުތަ؟] ޝިޔާޒް މަޥްޟޫޢު ބަދަލުކުރިއެވެ.

[އަދި ނޭނގެ. އިއްޔެ ނޫން އޭގެ ކުރީ ދުވަހު އިންޓަރވިޔުއަށް ދިޔައިން. ހީވޭ ވަރަށް ހަމަޖެހޭނެހެން.] ސީނާ ބުންޏެވެ.

[ހާދަ ބޮޑު އަތް ދަބަހެއް، ކޮން އެއްޗެހިތަކެއްތަ ތީގަ ތިހުރީ؟] ޝިޔާޒް ސީނާގެ އަތްދަބަހަށް އިޝާރާތްކޮށްފައި އެއްސެވެ.

[މީގެތެރޭ އޮތީ ފޮޓޯކެމެރާއަކާއި އަހަރެން ލިޔަން ގެންގުޅޭ ފޮތްތައް. އަޅެ އަހަރެން ޝިޔާގެ ފޮޓޯއެއް ނަގަންތަ؟] ޝިޔާޒަށް ޖަވާބު ދިނުމަށްފަހު ސީނާ އެއްސެވެ. ޝިޔާޒް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

[އަނެއްކާ އަހަރެންގެ ފޮޓޯ ނަގާފައި، ނޫހެއްގައި ޖަހާކަށް ނޫންތަ ތިއުޅެނީ؟] ހީނލަމުން ޝިޔާޒް ބުންޏެވެ.

[އަޅެ އަހަރެން ޝިޔާއަކަށް އެހެނެއް ނަހާދަނަމެއްނު. ފޮޓޯގެ ބޭނުމަކީ އަހަރެންގެ ހިތުގެ އަޑީގައި ޝިޔާގެ ތަޞްވީރު ރައްކާކުރުން.] ސީނާ މިހެން ބުނި ވަގުތު ޝިޔާޒްއާ ހަތަރުކަޅި ބައްދަލުވިއެވެ. ނަމަވެސް ޝިޔާޒް ސީނާ އެބުނި އެއްޗަކާ ދޭތެރެއަކު ނުވިސްނައެވެ. އިރުކޮޅެއްނުވެ ސީނާ، އޭނާގެ ދަބަސްތެރޭ އޮތް ކުޑަކުޑަ ކެމެރާ ނަގައިފިއެވެ. ކެމެރާ ނެގިއިރު ދަބަސްތެރޭން ކަރުދާސްގަނޑެއް ބިންމައްޗަށް ވެއްޓުނުތަން ޝިޔާޒަށް ފެނުމުން، އޭނާ ތެދުވެ އެގަނޑު ނަގައިފިއެވެ. އެއީ ސީނާ ލިޔެފައިވާ ޅެމެކެވެ.

[ތިޔައީ އަހަރެން އިހަކަށްދުވަހު ހެދި ޅެމެއް. ތި ޅެން ކޮންމެވެސް ރާގަކަށް ކިޔާދީފާނަންތަ؟] ސީނާ ތެދުވެ ޝިޔާޒްގެ ދެތިން ފޮޓޯ ނަގަމުން ވާހަކަ ދެއްކިއެވެ. ޝިޔާޒް ހީނހީނފައި ރާގަކަށް ފައްތައިގެން ކުޑަ ތަންކޮޅެއް ކިޔާލަދިނެވެ.

[ޝިއާ ވަރަށްމޮޅު ލަވަކިޔަން.] ޝީނާ ޝިޔާޒަށް ތަޢުރީފު ކުރިއެވެ. އަދި ވެއިޓަރުވެސް ތަބަކެއްގައި އެމީހުން އޯޑަރު ދިން އެއްޗެހި އަތުރައިގެން ގެނެސްދިނެވެ. ސީނާ ކެމެރާ އަތްދަބަހަށްލިއެވެ.

**************************

"ފިނިނޭވާ" ވާހަކަ އެއްކޮށް ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިފޮތް ބައްލަވައިގަންނަން ބޭނުންނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން