އެމްޓީސީސީގެ ހިއްސާގެ ފައިދާ ބަހަން ފަށައިއެވެ.

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާއިން ވަނީ މޫނުމަތީ އަގުގެ ކޮންމެ 5 ރުފިޔާގެ ޙިއްޞާއަކަށް، 3.50 ރުފިޔާ ބަހަން ފާސްކޮށްފައެވެ. މިގޮތަށް ފާސްކޮށްފައިވަނީ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 64 އިންސައްތަ ވޯޓުންނެވެ.

އެމްޓީސީސީން ބުނީ ޙިއްޞާގެ ފައިދާ ނަގަން ބޭނުންވާ ބޭންކް އެކައުންޓް ރަޖިސްޓްރީ ކޮށްފައިނުވާ އަދި އެކައުންޓަށް ބަދަލު އައިސްފައިވާ ޙިއްޞާދާރުން، އެކުންފުނީގެ "ޙިއްޞާގެ ފައިދާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުމުން އެފަރާތްތަކުގެ ޙިއްޞާގެ ފައިދާ ޖަމާކޮށްދޭނެކަމަށެވެ. ހަމައެއާއިއެކު ޙިއްޞާގެ ފައިދާ ނެންގެވުމަށް ޙިއްޞާދާރުންގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުމުން އެފަރާތްތަކުގެ ޙިއްޞާގެ ފައިދާ ޖަމާކޮށްދޭނެކަމަށެވެ.

މިއަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމާފައިވަނީ އަށާވީސް މިލިއަން އެއްލައްކަ ތިރީސްދެހާސް އެއްސަތޭކަ ބާވީސް ރުފިޔާއެވެ. މިއީ އެމްޓީސީސީގެ 41 އަހަރުގެ ދިގު ތާރީޚުގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދެވެ.

މާލީ ހިސާބުތައް ދައްކާގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާ 21 އިންސައްތަ އިތުރެވެ. މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން