ކުށުގެ ވެއްޓަށް ހުށައެޅޭ ކުދިން މަދުކުރުމަށް ކުޅިވަރު ދާއިރާގެ ދައުރުބޮޑު ކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ސަރުކާރު މުވައްސަސާތަކާއި ކުޅިވަރު ޖަމިއްޔާތަކަށް އަމާޒުކޮށް ޔޫތް މިނިސްޓްރީއާއި ކައުންޓަރ ޓެރަރިޒަމް ސެންޓަރު ގުޅިގެން މިއަދުފެށި ވޯކްޝޮޕް އިފްތިތާޙްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ މަޙްލޫފް ވިދާޅުވީ، މިވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިން ރާއްޖޭގައި އިންގިލާބީ ކުރިއެރުންތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން ފުޓުބޯޅަ ނޫން ކުޅިވަރުތަކުންވެސް ރާއްޖޭގެ ނަން މިހާރު ވިދާލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މުޖުތަމަޢުގައި ތިބި އެކިގޮތްގޮތުން އެހީތެރިކަމަށް ބޭނުންވާ ކުދިން ކުށުގެ ވެއްޓަށް ދިޔުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް އެކުދިންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމަށްވެސް ކުޅިވަރުގެ ދައުރު ބޮޑުކަމަށެވެ. އެގޮތުން ކުދިން ކުޑައިރުން ފެށިގެން އެކުދިންނަށް ކުޅިވަރުގެ ދާއިރާގައި ހުރި ފުރުސަތުތައް ދައްކައިދިނުމަކީ މުޖުތަމަޢުގެ ހަމަޖެހުމަށްޓަކައި އެޅޭނެ މުހިއްމު ފިޔަވަޅެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން ކުރިއަށްގެންދާ މި ވޯކްޝޮޕަކީ އެންޓި ޓެރަރިޒަމާއި ހައްދުފަހަނައައެޅުމާއި ދެކޮޅަށް މަސައްކަތްކުރުމާއި، ކުޅިވަރު ޙަރަކާތްތައް ބޭއްވުމުގައި ސެކިއުރިޓީ ހަރުދަނާ ކުރުމާއި ގުޅޭގޮތުން ބާއްވާ ވޯކްޝޮޕެކެވެ.

ހޮޓެލް ޖެންގައި ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މިބައްދަލުވުމުގައި ސަރުކާރުގެ މުވައްސަސާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ކުޅިވަރު ތަމްސީލުކުރާ ފަރާތްތައް ހިމެނޭހެން 70 ފަރާތަކުން ބައިވެރިވާކަމަށް އެންސީޓީސީން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން