ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ދައުލަތުގެ ބަޖެޓުން ފެނާއި ނަރުދަމާއަށް ކޮންމެ އަހަރަކުކުރާ ހަރަދުތައް 2024 އިން ފެށިގެން ދެން ކުރަން ނުޖެހޭނެކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ، އެމްޑަބްލިއުއެސްސީއަށް 27 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، މިހާރު ކުރިޔަށްމިދާ 2022 ވަނަ އަހަރަކީ އެމްޑަބްލިއުއެސްސީގެ ހަޔާތުގައި ވެސް ފެނާއި ނަރުދަމާގެ އެންމެ ގިނަ މަޝްރޫއު ހިންގަމުންދާ އަހަރު ކަމަށާއި މިހާރު ވެސް 31 ރަށެއްގައި އެ ކުންފުނިން ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން އެ މަސައްކަތްތައް ވެސް ނިންމާލުމަކީ އަޒުމެއް ކަމަށް ވިދާޅުވިއެވެ.

"މި މުހިންމު ބަދަލާއެކު، ދިވެހިންގެ ދިރިއުޅުމަށް ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް އަންނާނެކަން ހަމަ ޔަގީން. އެންމެ މުހިންމު ބަދަލަކީ، ނަޖިހުން ތަގައްޔަރުނުވާ ފެނުން، ސާފުތާހިރުވުމުގެ ފުރުސަތު ލިބުމާއެކު، ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށް އަންނާނެ ހެޔޮ ބަދަލު. އެއީ އެތައް ބަލިތަކަކުން ދިފާއުކޮށްދޭނެ ކަމެއް. އަދި ފެނަށް ޖެހުމުގެ މައްސަލައަށް ލިބޭނެ ދާއިމީ ހައްލަކަށްވެސް ވެގެންދާނެ." ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހުރިހާ ރަށެއްގައި ނަރުދަމާގެ މަޝްރޫއުތައް ހިންގާ ނިމުމުން ދެން ރާއްޖެ ކުރިމަތިލާނީ ތަރައްގީގެ މުޅިން އައު ފިޔަވައްސަކަށް ކަމަށެވެ. އެގޮތުން ރަށްރަށުގެ ފެނާއި ނަރުދަމާއާއި ބޯފެނުގެ ނިޒާމު ގާއިމު ކުރުމަށް ދައުލަތުގެ ބަޖެޓުން ކުރަމުން އަންނަ ބޮޑެތި ހަރަދުތައް 2024 ވަނަ އަހަރުން ފެށިގެން ކުރަން ނުޖެހޭނެކަމަށާއި އެއާއިއެކު، ކުރިން ނަރުދަމާއަށް ބޭނުންކުރަންޖެހޭ ފައިސާ، ތަރައްގީގެ ކޮންމެވެސް އެހެންކަމަކަށް ބޭނުން ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، މީހުން ދިރިއުޅޭ ރަށްރަށުގެ 70 އިންސައްތަ ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރެވިފައި ނެތްކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ އެއްކަންތައްކަމަށްވާ ފެނާއި ނަރުދަމާގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމު ކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން