މާލޭގެ ތާށިކަމަށް ދޫޖެއްސެން އޮތް ހަމައެކަނި ގޮތަކީ ބްރިޖް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި މިއަދު އއ. އުކުޅަހުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރުން ހިންގާ މަޝްްރޫޢުތައް ލާމަރުކަޒީ ނިޒާމާ ގުޅިފައިވަނީ މައިގަނޑު ދެ ބޭނުމެއްގައި ކަމަށެވެ. އެއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއް ކުރިއަރައި ތަނަވަސްވާނެ ގޮތެއް ހޯދުމާއި، މާލެއަށް އޮތް ހުރިހާ ބުރައަކަށް ދެވެން އޮތް އެންމެ ބޮޑު ލުއެއްދީ، ހިތްފަސޭހަ ތަނަކަށް މާލެ ހެދުން ކަމަށެވެ.

އެގޮތުން ތިލަމާލެ ބްރިޖާމެދު އުފައްދާ ސުވާލަށް ޖަވާބެއް އޮތްކަން ފާހަގަކުރަށްވަމުން ރައީސް ވިދާޅުވީ، އެއީ މާލޭގެ ތާށިކަމަށް ދޫޖެއްސެން އޮތް ހަމައެކަނި ގޮތް ކަމަށެވެ. އަދި ރާއްޖޭގެ މައި ބަނދަރު މާލެއިން ބޭރުކޮށްގެން ނޫން ގޮތަކުން ރާއްޖޭގެ ޢާމްދަނީ އިތުރުކުރެވެން ނެތްކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

"ޖަވާބަކީ އެއީ ބާރުވެ ތާށިވެފައިވުމަށް ދޫޖެއްސުމަށް ދެން އޮތް ހަމައެކަނި ގޮތް. ރާއްޖޭގެ މައި ބަނދަރު ފުރަމާލޭން ބޭރުކޮށް، ދޫޖެއްސުމަށް ދެން އޮތް ހަމައެކަނި ގޮތް. ރާއްޖޭގެ ބަޖެޓަށް އާމްދަނީ ކައިރި ކުރެވޭކަށް ނެތް." ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޅި ރާއްޖެ ލާމަރުކަޒު ވާއިރު، މާލެއަށް މިގެނެވެނީ އެއާ ގުޅޭ އިޖުތިމާއީ ދުޅަހެޔޮކަމާއި އިގްތިސާދީ ވެށި ތަނަވަސްކުރުމުގެ ބަދަލު ކަމަށާއި މާލޭ ރަށްވެހިންނަށް ގޯތިދިނުމަށް ނިންމަވާފައިވަނީވެސް އެ ވިސްނުމުގައި ކަމަށެވެ. ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކުރާނެކަން ފާހަގަކުރަށްވަމުން ރައީސް މިއަދު ވިދާޅުވީ މި ކޮންފަރެންސްގެ ބޭނުމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރާއި ކައުންސިލްތައް އެއްމޭޒުދޮށުގައިތިބެ ތަރައްގީގެ ވާހަކަ ދައްކަން ފެށުން ކަމަށެވެ. އަދި އެމަގުންގޮސް ވަދެވޭނީ، 'ޖަޒީރާ ރާއްޖެ'އަށް ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

"ސަރުކާރުގެ ހުރިހާ ސިޔާސަތުތަކާއި އަމާޒު ގޮސް ނިމޭ ވަކި ހާއްސަ ދިމާއެއްވޭ. އެއީ، މާނަވީ "ޖަޒީރާ ރާއްޖޭ"'ގެ އަމާން ބަނދަރު." ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ތަރައްޤީގެ ވާހަކަދައްކާއިރު ޖަދަލުކުރުމާއި ބަދަލުހިފުމުގެ ވިސްނުންދޫކޮށް، މަޝްވަރާގެ އުސޫލު އިސްކުރާނަމަ ކަންކަމުގެ ހެޔޮނަތީޖާ ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން