ށ. ނޫމަރާގެ ތަރައްގީއަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ އިސްކަން ދެއްވާނީ އެރަށުގެ ބަނދަރު ބޭނުންކުރުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނޫމަރާގެ ތަރައްގީއަށް ކުރިޔަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އެރަށު ކައުންސިލާއިއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ނޫމަރާ ކައުންސިލާ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލައެއްގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރައްވާފައި ވަނީ އެރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމާއި ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތަކެވެ. އޭގެ އިތުރުން ރަށްގިރުމުގެ މައްސަލައާއި ސްކޫލާއި ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި ވަސީލަތުގެ ގޮތުން އެތަންތަނަށް ކުރިމަތިވާ ދަތިތަކާއި ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާއި އަދި ރަށަށް އައު މިސްކިތެއްގެ މުހިމުކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

އަދި ކައުންސިލަރުން ވަނީ ސިއްހީ މަރުކަޒަށް މިވަގުތު ކުރިމަތިވެފައިހުރި ގިނަ މައްސަލަތަކަށް ހައްލު ލިބޭގޮތަށް މިސަރުކާރުން އެ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތެއްގެ މަޝްރޫއު ހަމަޖައްސަވައިދެއްވާފައިވާތީ އާއި ސްކޫލަށް 4 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކައުންސިލު އިދާރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން އަޅުއްވާ އައު އިމާރާތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާތީ، ކައުންސިލު މެންބަރުން ވަނީ އެކަން ވެސް ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ނޫމަރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ވަނީ މާލީ ގޮތުން އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ކުރިމަތިވާ ދަތިތައް ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގެ ތަރައްގީއަށް ކުރިޔަށްދާ މުހިންމު މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތު ކައުންސިލާ ހިއްސާ ކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން