ފިނިނޭވާ
ފިނިނޭވާ
04 ވަނަ އެޕިސޯޑް

==========

އޭރު ޝިޔާޒް އިނީ ސީދާ ސީނާގެ ޙަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. ޝިޔާޒްގެ ނަޒަރު، އޭނާއަށް ހުއްޓިފައިވާ ތަން ފެނުމުން، ސީނާއަށް އިސްޖަހާލެވުމާއެކު ލަދުން މޮޅިވެލެވުނެވެ.

[ކީއްވެ ތިވަރަށް ތިބަލަނީ....އަހަރެން ލަދުގަނޭ....] ޙަޤީޤަތުގައިވެސް ސީނާ ލަދުގެންފިއެވެ.

[ރީތިކަމުން، ފަރިކަމުން، ފުރިހަމަކަމުން. ހިތަށްއަރާ ރީތިކަމަކީ މޮޅު ޖާދޫއެކޭ. ތި ރީތިކަމުގެ ޖާދޫގައިޖެހި، ކިތައް ފިރިހެނުން މޮޔަވާނެބާއޭ.]

ލާނެތް މިޒާޖުގެ ޝިޔާޒް ހިތުގައި އެއްޗެއް ނެތަސް ބުންޏެވެ. އެއީ އޭނާގެ ޠަބީޢީ ސިފައެކެވެ. އޭނާއަކީ ފެންނަ ކޮންމެ އަންހެން ކުއްޖަކަށްވެސް ތަޢުރީފު ކުރާ މީހެކެވެ. އެއީ އޭނާގެ ލާނެތް ސިފަތަކުގެ ތެރެއިން ސިފައެކެވެ. އެހެންކަމުން ބައެއްފަހަރު ގިނަ އަންހެން ކުދިންނަށް އޭނާ ބުނާ ބަހުގެ މާނަ އޮޅެއެވެ. އޭނާގެ ކާމިޔާބީއަކީވެސް އެއީއެވެ.

ޝިޔާޒް ވެއިޓަރު ގެނެސް އެތުރި ކާއެއްޗިއްސަށް އިންޞާފް ކުރަން ފެށިއެވެ. ކޮންމެވެސް ވަރަކަށް ލަދުގެންފައި އިނދެ ސީނާވެސް ފެށިއެވެ.

މިފަދަ ކިތަންމެ ރެއެއް ވޭތުވެދިޔައިރުވެސް، ސީނާގެ ހިތުގައި ޝިޔާޒަށްޓަކައި ބިންވަޅު ނެގިފައިވާ ލޯބި ހާމަކުރުމަށް އޭނައަށް ވަނީ ނުކުޅެދިފައެވެ. އެފަދައެވެ. ޝިޔާޒްވެސް އެފަދަ ވާހަކައެއް ނުދައްކައެވެ. އޭނާވެސް ކުރަނީ އިޝާރާތްތަކެވެ. އޭނާގެ ވާހަކައިން ބައެއްފަހަރު އޭނާ ސީނާދެކެ އިންތިހާއަށް ލޯބިވާހެންވެސް ހީވެއެވެ. ހީވާކަހަލައެވެ. އެއްވެސް މީހަކު އިސްވެ ލޯބި ހުށަހަޅަން ބޭނުންނުވަނީއެވެ. ނޫންނަމަ، ސީނާ ހީކުރާގޮތާ ޚިލާފަށް ޝިޔާޒްގެ ޚިޔާލު ތަފާތީއެވެ. އެހެން ނޫންނަމަ، ހިތުގައިވާނަމަ ވާލޯތްބެއް ފާޅުކުރުމުގައި ފަސްޖެހެންވީ ކީއްވެގެން ހެއްޔެވެ؟ ގައިމެވެ. އޭނާއަށް ޔަޤީންވެއެވެ. ސީނާ އޭނާއާ ދޭތެރޭ ވިސްނާ ވިސްނުން ތަފާތެވެ. ސީނާ ހުންނަނީ އަބަދުވެސް އޭނާ ގާތު ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެފައެވެ.

މެންދަންވެއްޖެއެވެ. ސިކުނޑިއަށް ފުނިޖެހެމުން އަންނަ ޚިޔާލުތަކުގެ ސަބަބުން މިހާދަށް އޮށޯވެ އޮންނަންވެސް އުނދަގޫވަމުންދެއެވެ. އޭނާއަށް ހަމަނިދި ނުލިބޭތާވެސް މިހާރު ފަސްވަރަކަށް ދުވަސްވެސް ވެދާނެއެވެ. ދުވާލުދާ ހަތަރުދަމު ކުރެވޭ ކަމަކީ ޝިފާ ފެނޭތޯ، ކާރު މާލޭގެ އެތަންމިތަނުގައި ދުއްވުމެވެ. ރޭގަނޑު ނިދަން ކިތަންމެ މަސައްކަތް ކުރިޔަސް، ޝިފާގެ ޚިޔާލުތައް ކުރެވޭތީ ނިދޭ ކަމަކަށް ނުވެއެވެ. މިރޭވެސް މިހާރު އެއުޅެނީ އެފަދަ ޙާލެއްގައެވެ. އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮތުމަށްފަހު އޭނާ ތެދުވެ އެނދުގެކޮޅުގައި ހުރި ސޯނާގަޑިއަށް ބަލައިލިއެވެ. ހީވާކަހަލައެވެ. ގަޑީގެ ފްރޭމްގަނޑުތެރޭން މިހާރުވެސް އޭނާއަށް ސިފަވަމުންދަނީ ޝިފާގެ ފަރި ޙަރަކާތްތަކެވެ. އެހިތްގައިމު ހިނިތުންވުމެވެ. މިފަދަ ހިތްދަތި ޚިޔާލުތަކެއް ސިކުނޑިއަށް ފުނިޖެހެމުން އިސާހިތު ނާހިދުގެ ދެލޯ ފެންކަޅިވެއްޖެއެވެ.

[ޝިފާ....އަހަންނަށް ތިހެން ނަހަދާ. ޝިފާގެ ތި ނުރުހުމުން އަހަރެންގެ ކެތްތެރިކަން ކޮޅުންލާފާނެ.....އަހަރެން މޮޔަވެދާނެ....ބުނޭ އާއެކޭ...ބުނޭ އަހަރެންދެކެ ލޯބިވެއޭ.....] މިހާދަށް ހިތާހިތާ ކިޔާލެވުނެވެ. އޭރު އޭނާގެ ބޮޑު ދެލޮލުގެ އެސްފިޔަތައް ކަރުނައިން ތެމިއްޖެއެވެ. އެއީ އޭނާގެ ހިތް އެދި ކުރާ އާދޭހެކެވެ. އޭނާގެ ހިތް އެދެއެވެ. ދެން ކިތަންމެ އަވަހަކަށް ޝިފާއާ ދިމާވިޔަސް އާދޭސް ކުރުމަށެވެ. އޭނާގެ ލޯތްބާ ޝިފާ އިންކާރުކުރި ސަބަބު ހޯދުމަށެވެ. އޭނާގެ ނުކުޅެދުންތެރި ސިފައަކީ ކޮބައިތޯ ބެލުމަށެވެ.

އިރު އުދަރެހުން ދައްކާލިއިރުވެސް މިހާދު އޮތީ މިފަދަ ހާލެއްގައެވެ. މަންމަގެ އާދޭހާއެކު ކުޑަގޮތަކަށް ނާސްތާ ކޮށްލއިގެން އަނެއްކާވެސް އޭނާ ކާރު ދުއްވަން ފަށައިފިއެވެ. މަންޒިލް އަތުޖެހޭތޯއެވެ. ކާރު ދުއްވަމުން ދުއްވަމުން ދަނިކޮށް މިއަދުވެސް އޭނާއަށް ޝިފާ ފެނުނީ ކޮންމެވެސް ގެއަކަށް ވަންނަނިކޮށެވެ. އޭނާ ވަގުތުން ކާރު ޕާކް ކުރުމަށް އެއިން ފޭބިއެވެ. ޝިފާ ވަން ގެއާ ދިމާއަށް ގޮސް ދޮރާށި ކުރިމައްޗަށް ހުއްޓިއްޖެއެވެ. އޭރު އޭނާގެ ހިތް އެދި ގޮވަމުންދާ ކަހަލައެވެ. [ޝިފާގެ ކުރިމަތީގައި ލޯތްބަށް އެދި ސަލާމް ޖަހާށެވެ. ތިހެން ދޮރުމަތީގައި ނުހުރެ އަވަހަށް އެތެރެއަށް ވަންނާށެވެ. ކާމިޔާބު ލިބޭނީ ކެރޭ މީހުންނަށެވެ.] ހިތުގެ މިގޮވުމާއެކު އޭނާ ފުން ނޭވާއެއް ފަޒާއަށް ދޫކޮށްލިއެވެ. ބޭއިޚްތިޔާރުގައި އަތުކުރީގައި އޮތް ގަޑިއަށްވެސް ބަލައިލެވިއްޖެއެވެ. ބާރަޖަހާ ބޮޑުވެއްޖެއެވެ. އެއަށްފަހު އޭނާ ދޮރުފަތުގައި ހިފައި މަޑުމަޑުން އެތެރެއަށް ކޮއްޕާލިއެވެ. ރީތި ބަގީޗާއެކެވެ. ބައެއް ގަސްތަކުގައި ފަރިވެ ފޮޅިފައިވާ މާތަކުން ގޯތިތެރެވަނީ އެއްވަސްވެފައެވެ. މިނިވަން މާޙައުލެކެވެ. ގޯތިތެރޭ ހުސްތަންކޮޅުވެސް ވަނީ ތަފާތު ވައްތަރުތަކުގެ ރީތި މާގަސްތަކުން ޒީނަތްތެރި ކުރެވިފައެވެ.

މިހާދު މަޑުމަޑުން އެތެރެއަށް ވަނެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވާ ބޮޑު ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ދާދި ދެންމެއަކު ވަން ޝިފާގެ އެއްވެސް ހިލަމެއް ނެތެވެ. ސަލާމް ގޮވައިލާނަމޭވެސް މިހާދުގެ ހިތަށް އެރިއެވެ. ނަމަވެސް، އޭގެކުރިން އޭނާގެ ހުރިހާ ޚިޔާލުތަކަށް ހުއްޓުން ގެނައީ ބޮޑުކޮޓަރި ޓީ.ވީ ރެކްމަތީގައި ހުރި ފޮޓޯ ފްރޭމް ފެނުމުންނެވެ. އޭނާގެ ދެލޯ ތައްމިނަށް ހުޅުވުނެވެ. އޭނާ ގަބޫލުކުރަން ބޭނުންނުވިޔަސް، ޓީ.ވީ ރެކްމަތީ ހުރި ފޮޓޯގައި ޝިފާއާއެކު ގައިގޯޅިކޮށް ކައިވެނީގެ ހެދުމުގައި އެހުރި މީހަކީ ދެވަނަ މީހެއް ނޫނެވެ. އެއީ އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާއެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވާ އެގެއަށް ވަދެ އޭނާ އެފޮޓޯ ނަގައި ރަނގަޅަށް ބަލައިލިއެވެ. އެވަގުތު ގޭތެރޭން މީހަކު ހިނގާފައި އަންނަ އަޑު އިވުމުން، އޭނާ ފޮޓޯ ފްރޭމްވެސް ހިފައިގެން ބާރަށް ހިނގާފައި އެގެއިން ނުކުތެވެ.

އޭނާ ނުކުތްތަން ބަދިގެފަރާތުން އައިސް ބޮޑު ކޮޓަރިއަށް ވަން ޝިފާ ދުށްޓެވެ. އެމަންޒަރު ފެނުމުން ޝިފާގެ ހިތަށްވެރިވީ ފާޑެއްގެ ބިރުވެރިކަމެކެވެ. އޭނާގެ ހިތަށް އެވަގުތު އަރަމުންދިޔައެވެ. [އޭނާ މޮޔަވީކީ ނޫންބާއެވެ. އޭނަ އެބުނާ ވަރަށް އަހަރެންދެކެ ހަމަ ލޯބިވަނީ ހެއްޔެވެ؟ ނޫނީ ދައްކާ ދަޅަތަކެއް ހެއްޔެވެ؟] އޭނާގެ މަންމަ ޒާހިޔާ ގެއަށް އައިސްވަނީ އެ ޚިޔާލުގައި އޭނާ ހުއްޓައެވެ. މަންމަ ވަން އަޑަށް އޭނާ ސިހުނެވެ. އެހެންކަމުން، އޭނާ ފުން ޚިޔާލެއްގައި ހުރިކަން ޒާހިޔާ ނިކަން ފަސޭހައިން ދެނެގަތެވެ.

[ދަރިފުޅާ ކިހިނެއްވެފަ ތިއިނީ؟] ޒާހިޔާ އެއްސެވެ.

[މަންމާ....ދެންމެ ކޮންމެވެސް މީހަކު މިގެއަށް ވަދެފައި ގޮއްސި. އަހަރެން ބަދިގޭގައި ހުރެފައި އައިއިރު، އޭނަ ދުވެފައި ނުކުމެއްޖެ. އޭނަ ދިޔައިރު ދިޔައީ މި ރެކްމަތީގައި ހުރި އަހަރުމެންގެ ކައިވެނީގެ ދުވަހު ނަގާފައިވާ ފޮޓޯވެސް ހިފައިގެން....] ޝިފާ މިހެން ބުނުމާއެކު ޒާހިޔާ ބާރަށް ހިނގާފައި ގޮސް ބޭރަށް ނުކުތެވެ.

[ކޮންތަނަކަށް ތިދަނީ؟] ސީނާއާއި މާއިޝާ ވާހަކަ ދައްކަން ތިބީ ވިލިނގިލީ އަތިރިމަތީގައެވެ.

[މިދަނީ ޝިޔާއަށް ގުޅަން ގެއަށް. މިހާރު މިތާނގަ ތިބޭތާވެސް ވަރަށް ގިނައިރު ވެއްޖެއެއްނު، ހިނގާދާން......] ސީނާ ހިނގައިގަތެވެ.

[ގުޅިޔަސް ނުނިމޭނެ، އަދިވެސް ކާމިޔާބީގެ އަލިމަގެއް ނުފެނޭތަ؟] ފަހަތުން ހިނގައިގަންނަމުން މާއިޝާ ބުންޏެވެ.

[ކެތްތެރިންނަށް މާތްރަސްކަލާނގެ ކާމިޔާބު ދެއްވާނެ.....އިރާދަކުރެއްވިއްޔާ، އަހަންނަށް އަހަރެންގެ ލޯބި ލިބޭނެ. މާއިއަށް އެނގޭތަ؟ އަޞްލު ޝިޔާވެސް އަހަރެންދެކެ ވަރަށް ލޯބިވޭ. އޭނައަށް ފާޅުގައި ބުނަން ނުކެރިގެން އެއުޅެނީ.] ޝިޔާގެ ލާނެތް އިޝާރާތްތަކަށް އަލިއަޅުވާފައި ސީނާ ބުންޏެވެ.

ސީނާ ގެއަށް އައިސް ޝިޔާޒަށް ގުޅަން ވަރަށް މަސައްކަތް ކުރިއެވެ. މޯބައިލްވެސް އޮތީ އޮފްކޮށްފައެވެ. ދެން އޭނާ ގުޅީ އޮފީހަށެވެ. އޮފީހުންވެސް ދިމާވާ ކަމަކަށްނުވިއެވެ. ކުރެވުނު މަސައްކަތުން ހިތްއެދޭ ބައިވެރިޔާގެ އަޑު ކަންފަތުގައި ނުޖެހުމުން ސީނާ މާޔޫސްވެއްޖެއެވެ. އޭނާ ފޯނު ހިފައިގެން ގޮސް ގޯތިތެރޭހުރި ފަތްޖެހި ގޮނޑިއެއްގައި އޮށޯވެލިއެވެ. އެވަގުތު ބޭރުން ގެއަށް އައިސް ވަން އޭނާގެ މަންމަ ވަރަށް ފަސޭހައިން ސީނާގެ މާޔޫސީ ޙާލަތު ދެނެގަތްކަހަލައެވެ.

[މިހާރަކަށްއައިސް ކޮންހާ ފިކުރުތަކެއްތަ ދަރިފުޅު ތިޔަކުރަނީ؟] އަމީނާ އައިސް ސީނާގެ ގާތަށް ހުއްޓެމުން ވާހަކަ ދެއްކިއެވެ. ސީނާ ވިސްނާލިއެވެ. މަންމަ ގާތު ލަފާ ހޯދަންވީބާއެވެ؟ މަންމަ ކުރީގައި ދީފައިވާ ނަޞޭޙަތެއްގައިވެއެވެ. [ރަޙްމަތްތެރިއަކަށްވެސް މަންމަ ފުދޭނެއެވެ.]

[މަންމަ މި ވާހަކަ ދައްކަނީ ދަރިފުޅާއޭ. ދަރިފުޅު ތިކުރާ ޚިޔާލުތަކާއި ފިކުރުތަކަކީ ކޮބައިތަ؟] އަމީނާ ސީނާގެ ބޮލުގައި ނުހަނު ލޯތްބާއެކު ފިރުމާލިއެވެ.

[މަންމާ.....] ސީނާ އުޑުމަތިން ދައުރުވަމުންދިޔަ ވިލާތަކަށް ބަލަން އޮވެފައި މަންމައާ ކުރިމަތިލެވޭތޯ މަސައްކަތް ކުރިއެވެ.

[ބުނެބަލަ މަންމަ ގާތު.] އަމީނާ ގޮނޑީގެ އަތްގަނޑުމަތީގައި އިށީނދެލިއެވެ. ސީނާ ލަދުރަކި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވައިގެން އިނދެ އަނެއްކާވެސް ވިލާތަކާ ދިމާއަށް ބަލާލިއެވެ.

[މަންމާ....އަހަންނަށް ލޯބިވެވިއްޖެ، އެންމެ ރަނގަޅުދޯ.] ޢުމުރުން ވިހި އަހަރު ވެފައިވިޔަސް އަދިވެސް ސީނާ މަންމައާ ވާހަކަ ދެއްކުމުގައި ޅަގޮތެއް ހުރެއެވެ.

[އެހެންތަ؟ ތިބުނާ ކުއްޖަކީ ކާކުތަ؟ ކޮންމެހެންވެސް ވާނެ ތިބުނާ ކުއްޖަކު މަންމައަށް ދައްކަން...އެކަމަކު ދަރިފުޅާ، ތިއީ ދެން ތިގޮތަށް ފިކުރުކޮށް ވިސްނަންޖެހޭވަރުގެ ކަމެއް ނޫނެއްނު. ދަރިފުޅަށް ހީވަނީދޯ މަންމަ ގަބޫލުނުވެދާނޭ. ދަރިފުޅުގެ ޙަޔާތުގެ ހުންގާނު ޙަވާލުކުރާނެ މީހަކު ޚިޔާރު ކުރާނީ ދަރިފުޅު.] އަމީނާގެ ވާހަކައިން ސީނާއަށް ހިތްވަރު ލިބުނެވެ.

[އަޅެ ތޭންކްސް މަންމާ. މަންމަ ހާދަ ރަނގަޅޭ، އަހަރެން ވަރަށް އަވަހަށް މަންމައާއި ޝިޔާ ބައްދަލުކުރުވާނަން. މަންމަ ޕްރޮމިސްތަ، މަންމަ ގަބޫލުވާނެ ކަމަށް؟] ސީނާ އަމީނާގެ ރުހުމަށް އިތުރު ޔަޤީންކަން ބޭނުންވިއެވެ.

[ދަރިފުޅު މަންމައަށް އިތުބާރުކޮށްބަލަ. ތިބުނާ ކުއްޖަކު ގާތު ބުނޭ، މިރޭ ތަރާވީސްދަމަށް މިގެއަށް އައިސްދޭށޭ.] އަމީނާ ޔަޤީންކަން ދެމުން ބުންޏެވެ. ސީނާގެ ތުންފަތްމައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިވިއެވެ.

[އަޅެ އަޞްލުވެސްތަ، އެއޮފީސް އެންމެނަށް އަހަރެން މިރޭ [އިންވައިޓް] ކުރާނަން. ދެތިން ހަތަރު ވައްތަރެއް ތައްޔާރު ކުރާނީދޯ؟] މިހާރު ސީނާއަށް ލިބިފައިވަނީ އިންތިހާ ދަރަޖައިގެ އުފާވެރި ކަމެކެވެ. އޭނާގެ މަންމަގެ ފަރާތުން ލިބުނީވެސް އޭނާ އުންމީދުކުރިފަދަ ޖަވާބެކެވެ. އެހެންކަމުން، އޭނާގެ ހިތް ބުނަމުންދާ ކަހަލައެވެ. [ހަތަރުފަރާތުން ކުރިމަތިވަނީ އުފަލާއި ހިތްހަމަޖެހުމެއް.]

މިހާދު ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. އެއަށްފަހު އޭނާ ގަމީސްދަށަށް ޖަހާފައިވާ ފޮޓޯފްރޭމް ނަގައިފިއެވެ.

[ނޫން...ޝިފާއަކީ އަހަރެންގެ މީހެއް. އަހަރެންގެ މީހެއް.] މިހާދުގެ ދެލޯ ކަރުނައިން ތެމިފޯވިއެވެ. އޭނާ އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ރަޙްމަތްތެރިޔާގެ އަންހެނުންދެކެ ލޯބިވެވުނީ ކީއްވެގެން ހެއްޔެވެ؟ ކުރިން ޝިފާއަކީ ކާކުކަން ނޭނގުނީ ކީއްވެގެން ހެއްޔެވެ.] މިކަހަލަ ޚިޔާލުތަކެއްގައި ހުރެފައި އޭނާ ފޯނު ނަގައިފިއެވެ. ވެދާނެއެވެ. އޭނާ ބޭނުންވަނީއެވެ. ޝިފާގެ ކިބައިން މަޢާފަށް އެދުމަށެވެ. އެހެން ނަމަވެސް، މަޢާފަށް އެދުމަށް އޭނާއަށް ހިތްވަރު ލިބިދާނެ ހެއްޔެވެ؟

ފޯނު ރަނގަބީލުވާން ފެށުމާއެކުހެން ޝިޔާޒް ފޯނު ނެގިއެވެ. އޭރު އޮފީހުގައި ޝިޔާޒް ފިޔަވައި އިތުރު އެއްވެސް މީހަކު ނޫޅެއެވެ.

[އައްސަލާމް ޢަލައިކުމް، މިއަދު.] އޮޕަރޭޓަރުގެ ޙައިޘިއްޔަތުން ޝިޔާޒް ވާހަކަ ފެށިއެވެ.

[ވަޢަލައިކުމުއްސަލާމް، ޝިޔާ އަހަންނޭ.] އިވުނީ ސީނާގެ އަޑެވެ.

[އާނ ހާދަ އަވަސްއަރައިގެންފަ.] ޝިޔާޒް ފޯނާއެކު ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ.

[ޝިޔާ މިރޭ ތަރާވީސްދަމަށް މިގެއަށް އޮފީސް މީހުންވެސް ގޮވައިގެން އަންނައްޗޭ.] ސީނާ ޝިޔާޒަށް ދަޢުވަތުދިނެވެ.

[އިރާދަކުރެއްވިއްޔާ އަހަރެމެން ދާނަން. މިރޭ ސީނާއާ މުޅިން އާ މީހަކާވެސް ބައްދަލުކޮށްދޭނަން.] ދަޢުވަތު ގަބޫލުކުރުމަށްފަހު ޝިޔާޒް ބުންޏެވެ.

[ހެދިކާތަކެއް ހަދަން ހުރެފައޭ މިގުޅީވެސް، އިހަށް ބާއްވަނީ އިނގޭ.] ޝިޔާޒްގެ ހުއްދައާއެކު ސީނާ ފޯނު ބޭއްވިއެވެ. ފޯން ބޭއްވުމަށްފަހު އުފަލުން ފުމެމުން ކަހަލަ ގޮތަކަށް ސީނާ ގޮސް ބަދިގެއަށްވަނެވެ. އޭރު އަމީނާ ހުރީ ގުޅަ ތެއްލާށެވެ. ބަދިގެތެރޭ ކޮންމެވެސް ކަމެއްގައި އަވަދިނެތި މާއިޝާވެސް އުޅެއެވެ. އޭނާވެސް ވައްތަރެއްގެ ލުއި ކާނާއެއް ތައްޔާރު ކުރަނީއެވެ.

[ހީވަނީ އަންނާނީ ދިހަވަރަކަށް މީހުންހެން. އެކަމަކު އަހަރުމެން ލަފާކުރާ ވަރަށްވުރެން ގިނައިންވެސް އަތުވެދާނެ. އެކަމަށްވެސް ވާނެ ތައްޔާރުވާން.] ތަށިތައް ދޮންނަން ފަށަމުން ސީނާ މާއިޝާއާ މުޚާޠަބު ކުރިއެވެ.

**************************

"ފިނިނޭވާ" ވާހަކަ އެއްކޮށް ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިފޮތް ބައްލަވައިގަންނަން ބޭނުންނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން