މިދިޔަ އޭޕްރީލްމަހު ދައުލަަތަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އޭގެކުރީ މަހާއި އަޅާބަލާއިރު 17 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިޒޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ.

އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަަތަށް ލިބިފައިވަނީ 87.2 މިލިއަން ރުފިޔާއެވެ. މިއީ މާޗުމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 105 މިލިއަން ރުފިޔާއާ އަޅާބަލާއިރު 17 އިންސައްތަ ދަށް އަދަދެކެވެ.

އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއަށް ބަލާއިރު، އެންމެ ގިނައިން ގްރީން ޓެކްސް ލިބުނީ މާލެ އަތޮޅުންނެވެ. އެއީ 29.6 މިލިއަން ރުފިޔާއެވެ. ގްރީން ޓެކްސް ނިސްބަތުން ގިނައިން ލިބުނު އެހެން އަތޮޅުތަކަށް ބަލާލައިރު، ދ،އަތޮޅުން 8.2 މިލިއަން ރުފިޔާ، ރ.އަތޮޅުން 8.1 މިލިއަން ރުފިޔާ، ބ.އަތޮޅުން 6.6 މިލިއަން ރުފިޔާ، އދ.އަތޮޅުން 6.2 މިލިއަން ރުފިޔާ އަދި އއ. އަތޮޅުން 6.05 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެންމެ މަދުން ގްރީން ޓެކްސް ލިބުނު އަތޮޅުތަކަކީ ފ. އަތޮޅާއި، ފުވައްމުލައް ސިޓީ އާއި، އައްޑޫ ސިޓީއެވެ. އެގޮތުން ފ. އަތޮޅުން އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 7823 ރުފިޔާއެވެ. ފުވައްމުލައް ސިޓީއަށް ލިބުނީ 18784 ރުފިޔާއެވެ. އައްޑޫ ސިޓީއަށް އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ 221737 ރުފިޔާ ލިބިފައިވެއެވެ.

ގްރީން ޓެކްސްގެ ގޮތުގައި އޭޕްރީލްމަހު 87.2 މިލިއަން ރުފިޔާ ލިބުނުއިރު، ޢޭގެތެރެއިން 81.2 މިލިއަން ރުފިޔާއަކީ ރިސޯޓްތަކުން ލިބުނު އާމްދަނީއެވެ. 1.08 މިލިއަން ރުފިޔާ ސިޓީ ހޮޓެލްތަކުން ލިބިފައިވާއިރު، ގެސްޓް ހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 2.7 މިލިއަން ރުފިޔާއެވެ. އަދި ސަފާރީއާއި އެހެނިހެން ޓޫރިސްޓް އުޅަނދުތަކުން 2.12 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވެއެވެ.

ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ. ގްރީން ޓެކްސް ނަގަނީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން