އިންޑިއާއިން ރާއްޖޭގެ ތިން ސްކޫލަކަށް 4.6 މިލިއަން ރުފިޔާގެ އެހީ ހަމަޖައްސައިދީފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހއ. ދިއްދު އާއި ގދ. ތިނަދޫ އަދި ލ. ގަމުގެ ސްކޫލުތަކުގައި ހިންގާ އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްތައް ހަރުދަނާ ކުރުމަށް އިންޑިއާ ސަރުކާރުން 4.6 މިލިޔަން ރުފިޔާގެ ހިލޭ އެހީ ހަމަޖައްސައިދީފައިވާ ކަމަށެވެ.

މި ތަންތަނަށް ހަތަރު ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިންޑިއަން ހައިކޮމިޝަނުން މަޢުލޫމާތުދެއެވެ. އެގޮތުން އިންސާނީ ވަސީލަތްތައް ހޯދުމާއި، ބޭނުންވާ އިންފްރަސްޓްރަކްޗާ އާރާސްތުކޮށް، ތަރައްގީކުރުމާއި، ބޭނުންވާ ތަކެތި ހޯދުމާއި، އުނގަންނައިދިނުމާއި ކިޔަވައި ދިނުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ކަމަށް އިންޑިއާ ހައިކޮމިޝަނުގެ ބަޔާނުގައިވެއެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާގެ ތަރައްގީއަށް މީގެ ކުރިންވެސް ގިނަ އެހީތަކެއް އިންޑިއާއިން ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ފެހެންދޫ-ގޮއިދޫ ސްޓޫޑެންޓް ފެރީ ހަދިޔާކުރުމާއި، ރާއްޖޭގެ 67 ރަށެއްގައި ކުޑަކުދިންގެ ޕާކު ގާއިމްކުރުމަށް ބޭނުންވާ ސާމާނު ހަދިޔާކުރުމާއި، "ފިޔަވަތި – ހޯމް ފޯ ވަލްނަރަބަލް ޗިލްޑްރަންސް" މަރާމާތުކުރުމާއި، ފުވައްމުލަކާއި ކުޅުދުއްފުށީގައި އީއެސް ސަޕޯޓް ޔުނިޓްތައް ހަރުދަނާ ކުރުމާއި، ނ. ޅޮއްސާއި ކިނޮޅަހު ސްކޫލްގައި ކްލާސްރޫމްތައް އެޅުމުގެ މަސައްކަތް ކޮށްފައިވާކަން އިންޑިއާ ހައި ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ އެޤައުމުގެ 260 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި 45 އަށްވުރެ ގިނަ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ހިންގަމުން އަންނަ ކަމަށެވެ.

މީގެ ތެރެއިން ގާތްގަނޑަކަށް ވިއްސަކަށް މަޝްރޫއު ނިންމާ އިފްތިތާހު ކޮށްފައިވާ ކަމަށް ހައިކޮމިޝަނުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު


5

މޫސާސާއީދު

06-Jun-2022

އިންޑިއާ އިން ހިލޭ އެހީ އޭ ބުނަނީ ނަމވެސް ދެނީ ލޯނު އަދި އެވެސް ދީގައި ހުރީ %3 އާއި %5 ދެމެދުގެ އިންޓްރަސްޓް ރޭޓެއްގައި.



ޓްރެންޑިން