މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުން
މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުން
ސަރުކާރުގެ މުހިންމު ތިން ވުޒާރާއެއް ހިންގަމުން ދިޔަ އިމާރާތުގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ އެއްވެސް ފަރާތަކުން ގަސްތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށާއި، ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ވަޔަރިންގއަށް ދިމާވި މައްސަލަތަކަކުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބައިނަލްއަޤްވާމީ ތަހުގީގީ މާހިރުންގެ އެހީތެރިކަމާއެކު ފުލުހުން ކުރިއަށްގެންދިޔަ ފުޅާ ތަހުގީގުގެ ތަފުސީލު ހާމަކުރަމުން ފުލުހުން ބުނީ، މި ހާދިސާ ހިނގި ގޮތް ދެނެގަތުމަށް 14 ކެމެރާއަކުން ޖުމްލަ 676 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް ފުންކޮށް ދިރާސާކޮށްފައިވާ ކަމަށެވެ. އަދި އޮފީސްތައް ބަންދުކުރި ވަގުތުން ފެށިގެން ހާދިސާ ހިނގުމާ ހަމައަށް އެއްވެސް ބީރައްޓެހި މީހަކު އެ އިމާރާތަށް ވަދެފައިނުވާކަން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ތަހުގީގުން އެނގިފައިވާ ގޮތުގައި އަލިފާން ފުރަތަމަ ފެނިފައިވަނީ ހައުސިންގ މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީއާ ދެމެދު ހުރި ހަނި ގޯޅިގަނޑެއްގެ ތެރެއިންނެވެ. އެ މަންޒަރު އެންމެ ފުރަތަމަ ފެނުނު ސެކިއުރިޓީ ގާޑަށް ގުޅާނެ އިދާރާއެއް ސީދާ ނޭނގުމުގެ ސަބަބުން، މަގުމަތިން ދިޔަ ސިފައިންގެ އޮފިސަރެއްގެ އެހީތެރިކަމާއެކު ފަޔަރ އެންޑް ރެސްކިއުއަށް ރިޕޯޓްކުރިއެވެ.

ފަޔަރ ފައިޓަރުން ސީންއަށް ވަދެ އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ނަމަވެސް، އަލިފާން އަނދަމުންދިޔަ މައިގަނޑު ސަރަހައްދުތައް ދެނެގަތުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ފުލުހުން ފާހަގަކުރި ގޮތުގައި އެކަން އެހެން ދިމާވީ އިމާރާތުގެ ކަރަންޓު ނަރުތައް އަތުރާފައި ހުރި ގޮތް ވަރަށް ބޮޑަށް ދަތިވެފައި ބޮއްސުންލާފައި އޮތުމުންނެވެ. މީގެއިތުރުން، އެ އިމާރާތުގެ ޖިއޮމެޓްރިކްސް ޑިޕާޓްމަންޓުގައި ކަރަންޓުގެ މައްސަލަތަކެއް ކުރިންވެސް އުޅޭކަން މުވައްޒަފުންގެ ބަޔާންތަކުންނާއި ފޮރެންސިކް ތަހުލީލުތަކުން ވަނީ ހާމަވެފައެވެ.

ފާއިތުވި 2024 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ހިނގި މި ބޮޑު ހާދިސާގައި، އަނދައި އަޅިއަށްވި ސަރުކާރުގެ ތިން އިދާރާގެ ތެރެއިން އިންޝުއަރެންސް ރައްކާތެރިކަން އޮތީ ހަމައެކަނި އެންވަޔަރަންމަންޓް މިނިސްޓްރީގެ އިމާރާތުގައެވެ. މި އަލިފާނުގެ އަސަރު ކައިރީގައި ހުރި އާންމުންގެ 3 ގެއެއްގެ 9 އެޕާޓްމަންޓަކަށާއި، ދެ ވިޔަފާރި ފިހާރައަކަށް ކޮށް، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް