ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ދެކޮޅަށް ކޮށްފައިވާ މުޒާހަރާއެއް-
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ދެކޮޅަށް ކޮށްފައިވާ މުޒާހަރާއެއް-
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަން ޝަރީޢަތަށް ސާބިތުވެ، ޢަބްދުއްނާފިޢު ޢީސާ 15 އަހަރުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ޢަބްދުއްނާފިޢު ޢީސާގެ މައްޗަށް މި ކުށް ސާބިތުވެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އަދި މި ކުށުގެ އުޤޫބާތެއްގެ ގޮތުން އެ މާއްދާގެ (ށ) އާ ހަވާލާދީ، އޭނާ 15 (ފަނަރަ) އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީ، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ކްރިމިނަލް ކޯޓުގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައެއް ނުވެއެވެ.

މިފަހުން ޝަރުޢީ ކޯޓުތަކުން ނިންމާފައިވާ މިފަދަ އެހެން ބައެއް މައްސަލަތަކަށް ބަލާއިރު، 11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގި މައްސަލައެއްގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން އެ މައްސަލައިގައި ދައުވާ ލިބުނު މީހާ 16 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގިކަން ސާބިތުވެ، މީހަކު 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ދާދިފަހުން ހުކުމްކޮށްފައެވެ. އަދި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގައި އިތުރު މީހަކު 10 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކާއި، ފުރައްސާރައިގެ ޢަމަލުތަކުން ކުދިން ރައްކާތެރިކުރުމަކީ މުޅި މުޖުތަމަޢުގެ ފަރުދީ އަދި ޤާނޫނީ ޒިންމާއެކެވެ. އެހެންކަމުން، މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާމެދު ޤާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަކީ މުޖުތަމަޢުގެ އަމާންކަމާއި އަޚްލާޤީ މިންގަނޑުތައް ދެމެހެއްޓުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށް ކަމާގުޅޭ އިދާރާތަކުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު