ފޮޓޯ: ފުލުހުން
ފޮޓޯ: ފުލުހުން
މަސްތުވާތަކެތި ކަމަށް ބެލެވޭ 43 ކަރުދާސްކޮޅާއި އެހެނިހެން ތަކެއްޗާއެކު ޅ. އަތޮޅުން ތިން ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ހިންގި މި އޮޕަރޭޝަންތަކުގައި އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަން 13 ގްރާމަށް ވުރެ މައްޗަށް އަރައެވެ.

ފުލުހުން ބުނީ މި ހިނގާ މަހުގެ 23 ވަނަ ދުވަހު ނައިފަރާއި އޮޅުވެލިފުށީގައި ހިންގި ދެ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު، ހިތްވަރު، އުމުރުން 19 އަހަރުގެ އަނަސް ޢަބްދުﷲ އާއި، ޅ. އޮޅުވެލިފުށި، ކޮތަރިވިލާ، އުމުރުން 25 އަހަރުގެ މުޙައްމަދު މިފްޒާލްގެ އިތުރުން ޅ. އޮޅުވެލިފުށި، ޑައިމްވިލާ، އުމުރުން 20 އަހަރުގެ އަޙްމަދު އާދިލް ކަމަށެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން ފުރަތަމަ އޮޕަރޭޝަނަކީ އޮޅުވެލިފުށި ޕޮލިހާއި، ކުރެންދޫ ޕޮލިހާއި، ނައިފަރު ޕޮލިހުގެ އިތުރުން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އަނަސް އާއި މިފްޒާލް ހައްޔަރުކޮށް، އެ ދެ މީހުން ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި 43 ކަރުދާސްކޮޅު ވަނީ ފެނިފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.93 ގްރާމެވެ.

ދެވަނަ އޮޕަރޭޝަން ހިންގާފައި ވަނީ ނައިފަރުގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ނައިފަރު ޕޮލިހުންނެވެ. އެ އޮޕަރޭޝަނުގައި އަޙްމަދު އާދިލް ނައިފަރު މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި 10.79 ގްރާމް ހުއްޓެވެ.

މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަނަސް ޢަބްދުﷲ އާއި މުޙައްމަދު މިފްޒާލް 8 ދުވަހަށް އަދި އަޙްމަދު އާދިލް 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މި ދެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު