ރައީސް ކަމަދޫ ކައުންސިލާއި ބައްދަލު ކުރެއްްވުމުގެ ތެރެއިން
ރައީސް ކަމަދޫ ކައުންސިލާއި ބައްދަލު ކުރެއްްވުމުގެ ތެރެއިން
އެކިއެކި ކައުންސިލްތަކާއިއެކު ބޭއްވޭ ބައްދަލުވުންތަކުން ލިބޭ މައުލޫމާތުގެ އަލީގައި ކަންކަން ކުރަން ފަސޭހަވެގެން ދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ، ބ. ކަމަދޫ ކައުންސިލާއި އެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. މި ބައްދަލުވުމުގައި އެރަށުގެ ތަރައްގީއަށް ކުރިޔަށްދާ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލާއިއެކު ރައީސް ޞާލިޙް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ ރާއްޖެ ހިންގަވާގޮތާއި މެދު ކަމަދޫ ރައްޔިތުން ތިބީ ހިތްހަމަޖެހިގެންކަމަށާއި، މީގެ ކުރިން ދުވަހަކުވެސް ކަމަދޫއަށް ހަމަޖެހިފައިނެތް ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ހަމަޖައްސަވައި ދެއްވައިފައިވާތީ ރައީސްއަށާއި އެމަނިކުފާނުގެ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.

ރައީސް ވިދާޅުވީ، މިފަދަ ބައްދަލުވުންތަކުން ރަށްރަށުގެ ކަންކަމާގުޅޭގޮތުން ލިބޭ މައުލޫމާތަކީ ކަންކަން ރަނގަޅުކުރުމަށް ވަރަށް ފަސޭހަ ވެގެންދާކަމެއްކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ކަމަދޫ ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ގޮތުގައި ކައުންސިލުން ފާހަގަކުރީ ރަށްގިރާ މައްސަލައާއި، ކަމަދޫ ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ރަށުގައި ފުލުހުންގެ ހިދުމަތް ނެތުމުން ހުރި ކަންބޮޑުވުންތަކާއި، ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި، މިސްކިތުގެ އިމާރާތް ގިނަ ދުވަސްވެފައިވުމުގެ ސަބަބުން ހުރި ދަތިތަކާއި، ކަމަދޫގައި ތަރައްގީކުރާ ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތަކެވެ.

މީގެ އިތުރުން ވެސް ކަމަދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ކައުންސިލުން ކުރަމުންދާ ބައެއް ކަންކަން ރައީސްއާއި ހިއްސާ ކުރައްވައި، ކަމަދޫގެ ތަރައްގީއަށް ސަރުކާރުން ހިންގާ މަޝްރޫއުތައް ކަމަދޫގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ކުރެވޭނެ އުސޫލެއް ފަހިކޮށްދެއްވުމަށް އެމަނިކުފާނު އަރިހުގައި ދަންނަވާފައެވެ.

އަދި ފުލްޓައިމްކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް ކުރުމުގައި ދިމާވާ ދަތިތައް ކައުންސިލްގެ ފަރާތުން ވަނީ ރައީސްއަށް ހިއްސާ ކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި މުހިންމު މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތު ކައުންސިލާ ހިއްސާ ކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި އެދެވޭ ނަތީޖާއެއް ހޯދުމަށްޓަކައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން