ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ ވިނަރެސް ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7،000 ރުފިޔާ ކަމުގައި ކުރީ ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ، ވިނަރެސް ފްލެޓްތަކުގެ ކުލި ބޮޑުވެގެން، އެކަމުގެ ޝަކުވާ ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. ނަމަވެސް، ރަސްމީކޮށް ފްލެޓްގެ ކުލި މިހާތަނަށް އެޗްޑީސީން އިއުލާނު ކޮށްފައެއް ނުވެއެވެ. ނަމަވެސް ފައިސާ ދެއްކުމަށް އިހުތިޔާރުކުރާ ގޮތަކަށް ބަލާ މަހު ކުލީގެ ގޮތުގައި 17000 ރުފިޔާ ދައްކަން ޖެހޭނެކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިއަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ސަރުކާރުން ކުރި ކަމަކީ، ރައީސް ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ފްލެޓްތަކަށް "ވިނަރެސް"ގެ ނަމުން ނަންދީ ފްލެޓްގެ އަދަދު މަދުކޮށް ބޮޑު އަގުގައި ދިނުން ކަމަށެވެ. އެހެންކަމުން އެކަން ބަދަލު ކުރުމަށް މުއިއްޒު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.



"ރައީސް ޔާމީން ސަރުކާރުގައި ފެއްޓި 1530 ޔުނިޓުގެ ހައުސިންގ މަޝްރޫއު، މި ސަރުކާރުން 1340 އަށް މަދުކޮށް، "ވިނަރެސް" ގެ ނަންދީ، އަތް ނުފޯރާހާ އަގުބޮޑުކޮށް ވިއްކަމުންދާ ދިޔުން ބަދަލުކުރެއްވުން އެދެން. ރައީސް ޔާމީންގެ ސަރުކާރުގައި މި ފްލެޓްތައް ދިނުމަށް ނިންމާފައިވަނީ މަހަކު 7000ރ އަށް." މުއިއްޒު ވިދާޅުވެފައިވެއެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ފްލެޓްތައް ތަރައްގީ ކޮށްފައިވަނީ 4 ކޮންސެޕްޓަކަށެވެ. އެއީ އިނާ ވިއު، އައުޓާ ވިއު، މެރީނާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓްތަކެވެ. މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނެއެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު