ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރައްވައިފި އެވެ.

ރައީސް ސޯލިހް ގާސިމް އިބްރާހިމާއި ބައްދަލުކުރެއްވީ މިރޭ އެމަނިކުފާނުގެ އަމިއްލަފުޅު ރިސޯޓް ސަން އައިލެންޑްގައެވެ. ރައީސް ސޯލިހާއި ގާސިމާއި އެކު މިރޭ ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި ސަރުކާރުގެ އިސްވެރިންނާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބައެއް މަޖިލިސް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެެވެ.

އެގޮތުން މި ބައްދަލުވުމުގައި ރައީސް އަރިހުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް ޞާލިހު ގާސިމާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކެއް އަދި ސާފެއް ނުވެއެވެ.

ބައެއް މީޑިޔާ ތަަކަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ، ސިޔާސީ ހަތަރު ލީޑަރަކާ އެކު ރައީސް ސޯލިހުގެ ވެރިކަން ފެއްޓެވި ކޯލިޝަންގައި ހީނަރުވެފައި އޮތް ގުޅުން އާލާވި މަންޒަރު މިރޭގެ ބައްދަލުވުމުގައި ފެނިގެންދިޔަ ކަމަށެވެ.

ރައީސް ސޯލިހް ދާދި ފަހުން ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެ ކަން އިއުލާން ކުރައްވާފައެވެ. ރައީސް ވިދާޅުވީ ކޯލިޝަނާއެކު ނުކުމެ ވަޑައިގެން 2023ގެ ރިޔާސީ އިންތިހާބު އެ މަނިކުފާނަށް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. ޖުމުހޫރީ ޕާޓީން ވެސް ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަން އިއުލާންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު