ޔޭލް ޔުނިވަސިޓީ އާއި ކޮލަމްބިއާ ޔުނިވާސިޓީން އެކުލަވާލި 'އެންވަޔަރަމަންޓަލް ޕާފޯމަންސް އިންޑެކްސް 2022' ގެ 113 ގައި ރާއްޖެ ހިމެނިއްޖެއެވެ.

ދުނިޔޭގެ 180 ގައުމެއްގެ މައުލޫމާތު ބޭނުންކޮށްގެން އެކުލަވާލި މި ރޭންކިން ބިނާކުރީ މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށްޓާއި އިކޯސިސްޓަމް ވައިޓަލިޓީ ހިމެނޭ ގޮތަށް 40 ކަމެއްގެ މައްޗަށް ބިނާކޮށެވެ.

އިންޑެކްސްގެ އެންމެ ކުރީގައި ޑެންމާކް، އިނގިރޭސިވިލާތް، ފިންލޭންޑް ހިމެނޭއިރު ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތައް އުޅެނީ ވަރަށް ފަހަތުގައެވެ. އެގޮތުން ރާއްޖެއަށް ލިބުނީ 113 ވަނަ އެވެ. ލިސްޓުގެ އެންމެ ފުލުގައި އޮތީ އަވަށްޓެރި އިންޑިއާ އެވެ. ގިނަޢަދަދަކަށް ގްރީންހައުސް ގޭސް ބޭރުކުރާ ޗައިނާ އޮތީ ލިސްޓުގެ 160 ވަނައިގައެވެ.

2050 އަންނަ އިރު ދުނިޔެއިން ބޭރުކުރާ ގްރީންހައުސް ގޭސްތަކުގެ 50 އިންސައްތައަށް ވުރެ މަތީ މިންވަރެއް ހިއްސާކުރާނީ ޗައިނާ، އިންޑިއާ، އެމެރިކާ، އަދި ރަޝިޔާ ކަމަށް ރިޕޯޓުގައި އަންދާސާކޮށްފައިވެއެވެ.

ލިސްޓުގެ 113 ވަނައިގައި ރާއްޖެ ހިމެނިފައިވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ސަރުކާރުން ވަނީ މާލެ ސަރަހައްދުން އުކާލާ ކުނި ނައްތާލައި، އެއިން ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ފަށައިފައެވެ. އެ މަޝްރޫއަށް ދީފައިވާ ނަމަކީ "ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓް" އެވެ. އެ މަޝްރޫއު ނިމޭއިރު ތިލަފުށި ފެންނަން ހުންނަ ކުނީގެ ފަރުބަދަ ގެއްލި ތިލަފުށީގެ މަލަމަތި ރީތިވާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެއީ ކުނި އަންދާލުމުގެ ބަދަލުގައި ކުނިން މެނޭޖްކޮށްގެން އެއިން ހަކަތާ އުފައްދެއްމުގެ މަޝްރޫއެކެވެ.

ގްރޭޓާ މާލޭ އޭރިއާގެ ސަރަހައްދުން ތިލަފުއްޓަށް ދުވާލަކަށް 500 ޓަނާއި 700 ޓަނާ ދެމެދުގެ ކުނި ޖަމާކުރެއެވެ. "ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓް" ޑިޒައިންކޮށްފައިވަނީ އިމާރާތްކުރުމުގެ ތެރޭގައި އުފެދޭ ކުންޏާއި ޕްލާސްޓިކް ކުނި ރީސައިކަލްކޮށް އަލުން ބޭނުންކުރެވޭނެ ގޮތަށެވެ. އަދި ތިލަފުށީގައި ބޭލިން މެޝިނެއް ބޭނުންކޮށްގެން ކުނިތައް ރެޕްކޮށް ރައްކާތެރި ގޮތުގައި ގުދަން ވެސް އެ މަޝްރޫއުގެ ދަށުން ކުރާނެއެވެ.

304 މިލިއަން ޑޮލަރުގެ އެ މަޝްރޫއަށް ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ އޭޑީބީގެ ހިލޭ އެހީ އާއި ކޮންސެޝަނަލް ލޯނު އަދި އޭއައިއައިބީގެ ކޮންސެޝަނަލް ލޯން އެހީ އާއި ޖަޕާނު ފަންޑްފޯ ޕަވަޓީރިޑަކްޝަންގެ ހިލޭ އެހީގެ އިތުރުން ސަރުކާރުންނެވެ. އެ މަޝްރޫއުގެ ދަށުން ތިލަފުށީގައި ދުވާލަކު 500 ތަނުގެ ކުނި ޕްރޮސެސްކޮށް 8.5 މެބަވޮޓްގެ ކަރަންޓް އުފައްދައި ވިއްކާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން