ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުންނަށް ފިޓްނަސް ޓެސްޓެއް ތައާރަފްކުރުމަކީ ވަރަށް ރަނގަޅުކަމެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ އަމިއްލަ ބްލޮގްގައި "ޞިއްޙަތު ރަނގަޅު ދައުލަތެއް" މި މައުޟޫއަށް ލިޔުއްވި މަޒުމޫނެއްގައެވެ.

ޝަމީމްގެ މަޒުމޫން ފެއްޓެވީ މިދިޔަ ހުކުރު ދުވަހު ބޭއްވި ދުވުމެއްގެ ވާހަކައިންނެވެ. ކޯވިޑަށްފަހު އެފަދަ ދުވުމެއްގައި ބައިވެރިވުމަށް ފުރުސަތު ލިބިވަޑައިގެންނެވުމުން ކުރެވޭ އިހުސާސްތަކުގެ ވަހަކައިންނެވެ.

"ޓީއެފްޖީން އިންތިޒާމުކޮށްގެން ބޭއްވި 10 ކިލޯ މީޓަރުގެ އެރޭހުގައި ބައިވެރިވެ، އަޅުގަނޑަށް ރޭސް ނިންމުނީ 46 މިނިޓު 54 ސިކުންތުންނެވެ. މިއީ އަޅުގަނޑުގެ ޕަރސަނަލް ބެސްޓެއް ނޫނެވެ. ނަމަވެސް، މިވަގުތު ހުރި ފިޓްނަސްއަށް ބަލާއިރު، މާ ގޯސް ވަރެއްވެސް ނޫނެވެ. ހުރިހާ ޢުމުރަކާއި ޖިންސެއް އެއްކޮށް، އެންމެ ބާރު 40 ދުވުންތެރިންގެ ތެރޭގައި ހިމެނެއެވެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ދުވުމަށް ކިތަންމެ ލޯތްބެއް ހުއްޓެއްކަމަކު މަސައްކަތް ހުއްޓާލާފައި ދުވަން ދިއުމުގެ ވިސްނުމެއް ނެތްކަމަށެވެ.

"އަޅުގަނޑަކީ ދުވާ މީހެއް ނޫނެވެ. އަޅުގަނޑަކީ ޤާނޫނީ ވަކީލެކެވެ. މިވަގުތު ޕްރޮސިކިއުޓަރ ޖެނެރަލެވެ." ރަސްމީ މަސައްކަތް ދޫކޮށްލާފައި ދުވަން ދާންވީތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދަވައި އެސުވާލަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އޭނާގެ ރަސްމީ މަސައްކަތުގެ ގޮތުން، ހިތްހަމަ ނުޖެހޭ މީހުން ތިބުމަކީ ޠަބީޢީ ކަމެެއްކަމަށާއި އެއީ މައްސަލައެއްވެސް ނޫންކަމަށެވެ. އަދި އެމީހުންނަށް ޝަމީމް ކުރައްވާ ބައެއް ކަންކަން ރަނގަޅުނުވުމަކީވެސް އެންމެ ރަނގަޅު ކަމެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އޭނާގެ ނަޒަރުގައި، ފިޓުކޮށް ހުރުމަކީ އެމަނިކުފާނާއިމެދު ހިތްހަމަ ނުޖެހޭ މީހުންގެ މަޞްލަޙަތުވެސް އޮތް ކަމެކެވެ. އަދި އޭގެ މިސާލެއްވެސް ދެންނެވިއެވެ.

"(ސިވިލް ސަރވިސް އޮފީހުގެ) ކައުންޓަރުގައި ޚިދުމަތްދޭން އިންނަ (އަޅުގަނޑު ހިތްހަމަ ނުޖެހޭ މީހާ) އަކީ ޞިއްޙަތު ރަނގަޅު މީހަކަށްވުމަކީ އަޅުގަނޑުގެ މަޞްލަޙަތުވެސް އޭގައި އިންތިހާއަށް ހިމެނޭ ކަމެކެވެ. އެއީ، އެކައުންޓަރު ކައިރިއަށް އަޅުގަނޑު ޕާސްޕޯޓު ނުވަތަ އައިޑީ ކާޑު ނުވަތަ އެނޫންވެސް ޚިދުމަތެއް ހޯދުމަށް ދާއިރު، އެތަނުގައި އިންނަ މީހާ ފިޓު ނުވެގެން، ބޮލެއްގައި ރިއްސާތީ، ބަނޑެއްގައި ރިއްސާތީ ނުވަތަ އެނޫންވެސް ސަބަބަކާހުރެ ސަލާމް ބުނާނަމަ، އެކަމުގެ ތުރާ އަޅުގަނޑަށްވެސް ކުރިމަތިވާނެތީއެވެ."

ޝަމީމް ވިދާޅުވީ އެކަން ގުޅިފައިވަނީ ހަމައެކަނި ޖިސްމާނީ ފިޓްނަސްއަކަށް ނޫންކަމަށެވެ. ނަފްސާނީ، ރޫޙާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމާވެސް އެކަން ގުޅުފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.



"ކައުންޓަރުގައި ޚިދުމަތްދޭން އިންނަ މީހާއަކީ، ނަފްސާނީގޮތުން ނުވަތަ އިޖްތިމާޢީ ގޮތުން ދުޅަހެޔޮނޫން މީހެއްނަމަ، އެމީހާގެ އެހުންނަ (މިސާލަކަށް) ސިނގު ރުޅީގެ އަސަރު ޚިދުމަތް ހޯދުމަށްދާ މީހާއަށްވެސް ނުކޮށް ނުދާނެއެވެ."

މިސަބަބުތަކަށްޓަކައި، ދައުލަތުގެ އިދާރާތަކުގައި ޢާންމުންނަށް ޚިދުމަތްދޭން ހުންނަ މީހާއަކީ ޖިސްމާނީ، ނަފްސާނީ، ރޫޙާނީ އަދި އިޖްތިމާޢީ ގޮތުން ދުޅަހެޔޮ މީހަކަށްވުމަކީ، މުޅި ޤައުމުގެ މަޞްލަޙަތު އޮތް ކަމެެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިކަންކަމަށް ވިސްނައިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި މިއަހަރުން ފެށިގެން، ޕަރފޯމަންސް އިވެލުއޭޝަންގައި ފިޓްނަސް ޓެސްޓެއް ހިމަނާފައިވާކަމަށެވެ.

"މިޓެސްޓުގައި ބަލާނީ ހިތުގެ ދުޅަހެޔޮކަމާއި، ގައިގާ ބާރު ހުރިވަރާއި، ފްލެކްސިބިލިޓީއާއި ބީއެމްއައި އަށެވެ. އެމުވައްޒަފަކު ފާސްވާންޖެހޭ މިންގަނޑު ބަލާނީ ޢުމުރާއި، ދާއިމީ ބައްޔަކަށް ބޭސްކުރާނަމަ، އެކަންކަމަށްވެސް ބަލައިގެންނެވެ."



ޝަމީމް ވިދާޅުވީ އޭނާގެ ނަޒަރުގައި މުޅި ސިވިލް ސަރވިސްގައިވެސް ފިޓްނަސް ޓެސްޓު ތަޢާރަފް ކުރަންޖެހެއެވެ. އަދި އެކަމަށް އަހައްމިއްޔަތުކަން ދޭންޖެހެއެވެ.



ޝަމީމްގެ މަޒުމޫންގައި ދިރިއުޅުމުގެ ކަންނެތް އާދަތަކަށް ދީލައިނުލައި، ޙަރަކާތްތެރި ދިއިއުޅުމަކަށް އެނބުރި ދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، 7 އޭޕްރިލް 2019 ވަނަ ދުވަހު ދެއްވި ޚިޠާބުގައި އޮތީ ގޮވާލައްވާފައިކަން ހަނދާން ކޮށްދެއްވާފައި ވެސް ވެއެވެ.



އަދި ދުޅަހެޔޮ، ހަށިހެޔޮ ސިޔާސަތަކީ މިސަރުކާރުގެ މައިގަނޑު އެއް ސިޔާސަތުކަމަށާއި، އެސިޔާސަތު ތަންފީޒުކުރުމަށްޓަކައި، ރައީސް ޢައްޔަންކުރައްވާ ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުންނަށް ފިޓްނަސް ޓެސްޓެއް ދޭގޮތަށް މިމަސައްކަތް ފަށައިގަނެވިދާނެކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެއަށްފަހު، ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށް އެސިޔާސަތު ފުޅާކުރުމުން، މުޅި ދައުލަތުގެ ހިންގުން ހަރުދަނާވާނެކަމަށް ޝަމީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު