ކީރިތި ރަސޫލާގެ ދިފާއުގައި ދިވެހި ޒުވާނުން ތެދުވި ތެދުވުމުން ވަރަށް ވަރުގަދަ މެސެޖެއް ލިބިގެން ހިގައްޖެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީން ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި ކުރުން ކުށްވެރިކޮށް "މަގޭ ނަބިއްޔާ"ގެ ނަމުގައި ދިވެހި ޒުވާނުން އިސްނަގައިގެން މާލޭގައި މިއަދު ސައިކަލް ބުރެއް ވަނީ ބާއްވާފައެވެ. އެ ސައިކަލު ބުރު ނިންމާލުމުގެ ގޮތުން ރަސްފަންނު ސަރަހައްެދުގައި ބޭއްވި ހަރަކާތުގައި ބައިވެރިވި ޒުވާނުނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ ކީރިތި ރަސޫލާއަށާއި އެކަލޭގެ ފާނުގެ މަތިވެރި ޝަރަފަށް އުނިކަން ލިބުނު ހިނދު، އެކަންތައް ކުށްވެރިކޮށް އެކަލޭގެ ފާނުގެ މަތިވެރި ޝަހުސިއްޔަތުގެ ދިފާއުގައި ތެދުވި ތެދުވުމުން ވަރަށް ވަރުގަދަ މެސެޖެއް ލިބިގެން ހިގައްޖެ ކަމަށެވެ. ކީރިތި ރަސޫލާގެ ޝަޚްސިއްޔަތަށް އުނިކަން ލިބިގެންދާ ހިނދުގައި އަޅުގަނޑުމެން މުސްލިމުން އެކަން ބަލައިގަނެގެން ނުވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެެ.



"ކީރިތި ރަސޫލާގެ ދިފާއުގައި ދިވެހި ޒުވާނުން މިއަދު ތެދުވި ތެދުވުން މިއިން ވަރަށް ވަރުގަދަ މެސެޖެއް ލިބިގެން މިދިޔައީ ދިވެހި ރާއްޖެއަކީ އިސްލާމީ އުއްމަތުގެ ބައެއްކަން ދުވަހަކުވެސް މި ދީބު އިސްލާމީ އުއްމަތުން ވަކިވެގެން ނުދާނެކަން." ސައިކަލު ބުރުގައި ބައިވެރިވި އެތައް ސަތޭކަ ޒުވާނުންނާއި މުޚާތަބު ކުރައްވަމުން ޝަހީމް ވިދާޅުވިއެެެވެ.

މީގެ އިތުރުން ޑރ.ޝަހީމް ވިދާޅުވީ އަޅުގަނޑުމެންނަކީ މާތް ނަބިއްޔާގެ ދިފާއުގައި ތެދުވާނެ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އަޅުގަނޑުމެންގެ އީމާންކަން ފުރިހަމަވެގެން ދާނީ އޭރުން ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

މިއަދުގެ ސައިކަލް ބުރުގައި ބައިވެރިވި ޒުވާނުން ވަނީ އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ވާހަކަ ފާހަގަކޮށް އެކަންކަން ވަގުތުން ހުއްޓާލުމަށް ގޮވާލާ އަޑު އުފުލާފައެވެ. މީގެ އިތުރުން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުން ފަދަ އަމަލުތައް ބަލައިނުގަންނާނެ ކަމަށާއި އެފަދަ ކަންކަމާ ދެކޮޅަށް އަޑު އުފުލުމަށް ކޮންމެ ވަގުތަކުވެސް ދިވެހީން ނުކުންނާނެ ކަމަށް ޒުވާނުން ވަނީ ބުނެފައެވެ.

ރަސޫލާއަށް ފުރައްސާރަކޮށްފައި ވަނީ އިންޑިއާގެ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ އާއި ވެރިރަށް ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ޖިންދާލްއެވެ. މި ދެ މީހުންގެ ތެރެއިން ތަރުޖަމާނު ސަސްޕެންޑް ކުރިއިރު، ނަވީން ވަނީ ޕާޓީން ވަކިކޮށްފައެވެ. ދިވެހި ސަރުކާރުން ވެސް ރަސޫލާ އަށް ފުރައްސާރަ ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބަޔާނެއް ވަނީ ނެރެފައެވެ.



ކިޔުންތެރިންގެ ހިޔާލު