ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވެރިކަން ހޯއްދަވަން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެހީ ހޯއްދެވި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު، ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރެއްވުމުން އެކަމާއި މެދު ރައީސް މުހައްމަދު ނަޝީދު ހިތްޕުޅު ހަމަނުޖެހުން ފާޅުކުރެއްވުމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް ކެންޑިޑެސީ އިއުލާން ކުރެއްވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާ މަޝްވަރާ ނުކުރަށްވައި ކަމަށެެވެ.

ރައީސް ސޯލިހް ކުއްލިގޮތަކަށް ގާސިމާ ބައްދަލުކުރެއްވުމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވަންޏާ ޕާޓީތަކާ ރައީސް ސޯލިހް މަޝްވަރާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި ނަަމަވެސް އެގޮތަށް އަމަލުކުރައްވާފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީ އުފެއްދުމުގައިވެސަ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ރީކޯ މޫސާ މަނިކު ވިދާޅުވީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ގާސިމްގެ އަރިހަށް ރައީސް ނަޝީދު ވަޑައިގެންނެވި ކަމަށެވެ.



އަދި 2013 ވަނަ އަހަރު ރައީސް ނަޝީދަށް ވެރިކަން ހޯދައިދޭން ވެގެން އޭރުގެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަތްޕުޅަށް ޗެކެެއް ދިނުމަށްފަހު ގާސިމްގެ ގެކޮޅު، މާފަންނު ވިލާއަށް ފޮނުއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އަޑު އެއްސެވި ކަމަށް މޫސަ ވިދާޅުވިއެވެ. މީގެ އިތުރުން 2018 ވަނަ އަހަރު ގާސިމް ޖަރުމަނުގައި ހުންނަވަނިކޮށް ރައީސް ނަޝީދު ގުޅުއްވި ކަމަށް ގާސިމްް ވިދާޅުވި ކަމަށް މޫސަ ވިދާޅުވިއެވެ.

ރައީސް ސޯލިހް އިއްޔެ ވަނީ މާމިގިއްޔަށް ވަޑައިގެން އެރަށް ކައިރީގައި އޮންނަ ސަން އައިލެންޑް ރިސޯޓްގައި ގާސިމާއި ބައްދަލުކުރައްވައި މަޝްވަރާ ކުރަށްވާފައެެވެ. މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ރައީސް ސޯލިހް ގާސިމާއި ބައްދަލުކުރައްވާފައިވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ކޯލިޝަންގެ ތެރެއިން ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވުމަށްފަހުއެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީ އިސްވެ ހަދާ ކޯލިޝަނެއްގެ ތެރެއިން އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައިފިނަމަ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު