އިމާމުންނާއި ޚަޠީބުންނަކީ ޤާބިލް ބަޔަކަށް ހެދުމަށްޓަކައި އިތުރު ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ލަސްތަކެއްނުވެ ފަށާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ އިމާމުންނާއި ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ މިފަދަ ކޯސްތަކާއި، ތަމްރީނުތައް ހިންގުމުގެ އެންމެބޮޑު ބޭނުމަކީ ތަމްރީނުތަކުގައި ބައިވެރިވާ ބޭފުޅުންނަކީ ޤާބިލް ބަޔަކަށް ހެދުން ކަމަށާއި އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް، ރާއްޖެއިން ބޭރުން ފުރުސަތު ދެވޭ ބޭފުޅުން ހޮވާއިރު ރާއްޖޭގައި ހިންގާ މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވާ މިންވަރަށް ބެލޭނެ ކަމަށެެވެ. އެހެންކަމުން މިފަދަ ތަމްރީނު ޕްރޮގްރާމުތަކަށް އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށާއި އެގޮތަށް ކުރިއަށްދާން ތިބިކަމުގައިވާނަމަ އެ ބޭފުޅުންނަކީ ރަނގަޅު، ޤާބިލް، ހުނަރުވެރިބަޔަކަށް ހަދަން ބޭނުންވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.  

އިމާމުންނާއި ޚަޠީބުންނަކީ ރައްޔިތުން ބަލައިގަންނަ ބަޔަކަށް ހަދަން ސަރުކާރުން ބޭނުފުޅުވާކަމަށާއި އެހެންކަމުން އެ ބޭފުޅުންނަށް މިފަދަ ޕްރޮގްރާމްތައް ހިންގަން ބޭނުންވާކަމަށްވެސް މިނިސްޓަރ ޒާހިރު ވިދާޅުވިއެވެ.





އިމާމުންނާއި ޚަޠީބުންނަކީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރާ ބަޔަކަށް ވުމާއި، މިސްކިތަކީ މުޤައްދަސް ތަނަކަށްވާއިރު، އާންމުން، އިމާމެއްގެ ކިބައިން ފެންނަން ބޭނުންނުވާ، ނުވަތަ އިމާމަކަށްވާތީ ބަލައިނުގަންނަ ކަންކަމުން އިމާމުން ދުރުހެލިވުމަށް މިނިސްޓަރވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ފުވައްމުލައް ސިޓީގައި އިމާމުންނާއި ޚަޠީބުން ތަމްރީނުކުރުމަށް، މިމަހުގެ 09 އަކުން 3 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 38 ފަރާތަކުން ބައިވެރިވިއެވެ. މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ކިޔަވައި ދެއްވާފައިވަނީ ތަޖުވީދު، ހުކުރު ޤަވާޢިދާ އުސޫލު، ސިވިލް ސާވިސްގެ ޤަވާޢިދާ އުސޫލު، މަސައްކަތުގެ އަޚްލާޤާއި އެހެން މީހުންނާއި މުޢާމަލާތްކުރުން، ނަމާދުގެ ޙުކުމްތައް އަދި ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެގޮތްތަކާ ބެހޭގޮތުންނެވެ.



ކިޔުންތެރިންގެ ހިޔާލު