ރާއްޖޭގައި ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގި ނަމަވެސް ދަތުރުފަތުރުގެ ނިޒާމު ވަރުގަދަ ނުކޮށް ގައުމު ކުރިއަށް ނުދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ހިދުމަތް އިފްތިތާހު ކުރުމާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީރާއްޖޭގެ ތަރައްގީއަށްޓަކާ ދަތުރުފަތުރުގެ ނިޒާމު ވަރަށް މުހިއްމު ކަމަށާއި ލާމަރުކަޒީ ނިޒާމެއްގެ ހަގީގީ ސިފަ ޖެހިގެންދާނީ ދަތުރުފަތުރުގެ ނިޒާމެއް ވަރުގަދަވުމުން ކަމަށެވެ.

"ގައުމެއްގައި ބޮޑެތި ޕްރޮޖެކްޓުތަކެއް ހިންގިޔަސް އެގައުމެއްގައި ދަތުރުފަތުރުގެ ނިޒާމު ވަރުގަދަ ނުވާނަމަ އެގައުމެއް ކުރިއަކަށް ނުދާނެ. މިއަދު މި ފެއްޓޭ މި ވަރުގަދަ ނިޒާމުގެ ތެރެއިން ރާއްޖެ އަށް ހަމަ ގައިމުވެސް ތަރައްގީ ގެނުވާނެ، މި ސަރުކާރުގެ އަބަދުވެސް ވިސްނުމަކީ ތަރައްގީ އާއި ތަމައްދުން ރާއްޖެއަށް ގެނައުން." މިސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަބަލުން ނަހުލާ ވިދާޅުވިއެވެ.

މީގެ އިތުރުން ނަހުލާ ވިދާޅުވީ، ރާއްޖެ އަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމަކަށްވާއިރު ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމުން އެތައް ލުއިފަސޭހަތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި މިކަމަކީ އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ރާއްޖެ ކުރިއަރުވާ ތަރައްގީ ކުރަން ބޭނުންވާނަމަ އިސްކަންދޭންޖެހޭނެ އެންމެ މުހިއްމު އެއް ކަންތައް ކަން އެކަމަނާ ވަނީ ފާހަަގަކުރައްވާފައެވެެ.

"ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅާލާއިރު އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭނީ ސަލާމަތާއި ރައްކާތެރިކަމާއި ފަސޭހަ ކަމާއި އެކު އެމީހެއްގެ ރަށަށް ވާސިލްވެވޭނެ އަވަސް ނިޒާމެއް އޮތުން. މިއަދު އިފްތިތާހް ކުރި ނިޒާމަކީ މިކަމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު. މިއަދުގެ ސަރުކާރަކީ ޓްރާންސްޕޯޓް ޕޮލިސީ އަށް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދީގެން ގާތުން ބައްލަވަމުން ކުރިއަށް ގެންދަން ބޭނުންވާ ސަރުކާރެއް." ނަހުލާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު