މިދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އިވެނީ އިންޑިއާއާ ދެކޮޅަށް ބާއްވަމުން އަންނަ މުޒާހަރާތަކުގެ ވާހަކައާއި ހަބަރުތަކެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާއަށް އިންޑިޔާގެ ހަރުކަށި ބީޖޭޕީގެ ހައްދުފަހަނައަޅާފައިވާ ބަޔަކު ފުރައްސާރަ ކުރި ކުރުމާއި ދެކޮޅަށް އިސްލާމީ ގައުމުތަކުގެ އިތުރުން، ޔޫރަޕާއި އެމެރިކާގައިވެސް ދަނީ އެއްވުންތައް ބާއްވައި، އިންޑިއާއާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

އިންޑިއާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ އެއްވުންތަކުން އެންމެ ބޮޑަށް ފާހަގަވެގެންދާ ކަމަކީ، އިންޑިއާ ނޫނީ، އެއްވުންތައް ބާއްވާ ގައުމުތަކުން އެފަދަ އެއްވުންތަކަށް އެއްވެސް ވަރަކަށް ހުރަސް ނާޅާކަމެވެ. އިންޑިއާގައި ރަސޫލާގެ ދިފާއުގައި ނިކުތް މީހުން ތަޅާ ސުންނާފަތިކޮށް މެރިޔަސް، އެހެން ގައުމުތަކުގައި އެއްވުންތަކަށް ވަނީ ވަރަށް ބޮޑަށް ޖާގަ ދީފައެވެ. ރަސޫލާއަށް ފުރައްސާރަކުރުމާއި ދެކޮޅަށް ބޭއްވި އެއްވުންތަކުގެ އިތުރުން، އިންޑިއާއިން ހިންގާ އެހެނިހެން ޖަރީމާތަކާއި ދެކޮޅަށް ބާއްވާ އެއްވުންތަކަށްވެސް ޔޫރަޕްގެ އެންމެ ތަހުޒީބުވެފައިވާ ގައުމުތަކުން ވެސް ފުރުސަތުދެއެވެ.

ޔޫރަޕްގައި ބާއްވާ އެއްވުންތަކާއި އެހެން ގައުމުތަކުގައި ބާއްވާ އެއްވުންތަކުގައި ގައުމުތަކުގެ އެމްބަސީ ނުވަތަ ހައިކޮމިޝަން ދޮށަށް އެއްވެ އަޑު އުފުލުމުގެ ހައްގުވެސް އެ ގައުމުތަކުން އޮންނަނީ ދީފައެވެ. އެއީ ބައިނަލްއަގުވާމީ މުއާހަދާތަކުން މަނާ ކުރާ ކަމެއް ނޫނެވެ. ސުލްހަވެރިކަމާއެކު ހިޔާލު ފާޅުކުރުމުގެ ހައްގަކީ އެންމެ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ބޭރު ގައުމުތަކުގައި އެމްބަސީ ނުވަތަ ހައިކޮމިޝަން ދޮށަށް އެއްވެ އުޅުމުގެ މިނިވަންކަން ދީފައި އޮތްނަމަވެސް ރާއްޖޭގައި އެކަން ކުރުމަކީ މިހާރު މުޅިން މަނާ ކަމެކެވެ. ކުށެކެވެ. ސަލާމަތީ ބާރުތަކުން ހުރަސް އަޅައި ހުްްޓުވާ ކަމެކެވެ. ނަމަވެސް ކުރީގައި ރާއްޖޭގައި ވެސް އެކަން ކުރެވެއެވެ. ކޮށްފައިވާތަން ފެނިފައި ވެސް އެބަހުއްޓެވެ. މާދުރުނޫން މާޒީއަށް ބަލާއިރު ރާއްޖޭގެ އެކި ސިޔާސީ ފަރާތްތަކުން އެކި ކަންކަން ބައިނަލްއަޤްވާމީ ފާރާތްތަކާއި އެކި ގައުމުތަކުގެ ސަމާލު ކަމަށް ގެނައުމަށް ރާއްޖޭގައި ހުންނަ އެމްބަސީ ތަކާއި އދ. ގެ އޮފީސް ދޮށުގައި ވެސް އަޑު އުފުލައި ޝުޢޫރު ފައުޅުކޮށްފައި އެބަހުއްޓެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުން ވެސް އެމީހުން ނިސްބަތްވާ އެމްބަސީ ދޮށަށް އެއްވެ ޝުއޫރު ފަޅުކޮށްފައި އެބަހުއްޓެވެ. އެފަދަ ހާލަތްތަކުގައި ސަލާމަތީބާރުތަކުން ކުރާ ކަމަކީ އެތަންތަނުގައި ހަމަނުޖެހުމެއް ހިނގައިތޯ ބެލުމާއި ގާނޫނާއި ގަވާޢިދާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމެވެ.

ނަމަވެސް މިހާރު ރާއްޖޭގައި އެކަން ނުކުރެވޭ ސަބަބެއް ކަމަށް ވަނީ ވިއެނާ ކޮންވެންޝަނެވެ. ނަމަވެސް ވިއެނާ ކޮންވެންޝަނަކީ ކޮންމެ ގައުމަކަށް ވަކިން ހަދާފައިވާ މުއާހަދާއެއް ނޫނެވެ. އެނގި ޔަގީންވާ ކަމަކީ ހުރިހާ ގައުމަކުންވެސް އަމަލުކުރަނީ އެއް ވިއެނާ ކޮންވެންޝަނަކަށް ކަމެވެ.

މިއަދު ވަކި ގައުމެއްގެ ދިފާއުގައި އެންމެ ބާރަށް އަޑުއުފުއްލަވާ އެއްބޭފުޅަކީ ދިވެހީންނަށް މުޒާހަރާކޮށް އަޑުއުފުލާން ދަސްކޮށްދެއްވި އަދި އެކަން ކުރާން ވަކި ތަނެއް އަދި ވަކި ވަގުތެއް ނޯންނާނެކަން ވިދާޅުވެ ދެއްވައި ދަސްކޮށްދެއްވި މިހާރު ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ ރައީސް އަދި ރައްހިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް މިއަދު އެންމެ ގިނަ ބާރުތައް އަތްޕުޅަށް ލިބިވަޑައިގެންނެވުމުން އެމަނިކުފާނަށް ވެސް މިހާރު އެގޮތް ކަމަކު ނުދެއެވެ. އެކަމަކު އެއީ ވަކި ގައުމަކާ ޖެހުނީމައެވެ.

.

މިހުރިހާ ކަމެއް މިހެން ހިނގާއިރު، މިއީ ގާނޫނުއާސާސީއާ ހިލާފަށް ކުރާ ކަންތައްތަކެއް ކަމަށް ބުނާ ބުނުމަށް ބާރު ލިބޭނީ ރާއްޖޭގެ އެންމެ މަތީ ކޯޓުން މިކަމާއި މެދު ގޮތެއް ނިންމޭ ހިސާބުންނެވެ. ހައި ކޯޓުން މިކަމާއި ގުޅޭގޮތުން ނިންމި ނިންމުންތައް ހުރީ އަސާސީ ހައްގުތަކުގެ ދިފާއުގައެވެ. އެއީ ރައީސް ޔާމީންގެ ގެކޮޅުގައި ދެމި ބެނާ ފުލުހުން ނެގި މައްސަލައިގައި ނިންމެވި ނިންމެވުމެވެ. އެ ނިންމުން ދައުލަތުން ސުޕްރީމްކޯޓުގައި އިސްތިއުނާފް ކޮށްފައެއް ނުވެއެވެ. އެ މައްސަލަ އިސްތިއުނާފް ކުރިނަމަ ނިކުންނާނެ ނަތީޖާ ވެގެންދާނީ ވަރަށް ބޮޑު ނިންމުމަކަށްކަން ޔަގީނެވެ. ދައުލަތުން ސުޕްރީމްކޯޓުގައި އެމައްސަލަ އިސްތިއުނާފް ނުކުރީ އެ ސަބަބަށްޓަކައިކަމަށްވެސް ވެދާނެއެވެ.

މިހުރިހާ ވާހަކައެއް ދެއްކިޔަސް އަދި ކޮންމެ ބޭފުޅަކު ކޮންމެ އެއްޗެކޭ ވިދާޅުވިޔަސް ރާއްޖޭގައި މުޒާހަރާކޮށް އަޑުއުފުލާން އެއްވެއުޅުމުގެ ގާނޫނު އަދި އޮތީ ހަމަ ރައީސް ޔާމީންގެ ވެރިކަމުގައި ބަނދެލި ގޮތަށް އެއްވެސް ބަދަލެއް ނުގެނައިހެވެ. އެއެއް އަދި ނުމޮހައެވެ. މޮހާން އުޅޭހެނެއްވެސް ހިއެއް ނުވެއެވެ. ކުރިން ހުއްދަ ހޯދުމެއް ނެތި އެއްވެ އުޅެ ޚިޔާލުފާޅު ކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ރީއްޗަށް ލިޔެފައި އޮތަސް އެމަގު ގާނޫނަކުން އޮތީ ބަންދުކޮށްފައެވެ. މިއަދު އެކަން ކުރެވޭނީ ވެސް ވަޒީރު އިމްރާން ހުއްދަ ދެއްވީމައެވެ. އެ ހުއްދަވެސް ދޭނީ އާންމުންނަށް އަޑު ނީވޭ ގޮތަށް މާދުރުގައި އޮންނަ ވަކި ތަނެއްގައި ތިބެގެން އެކަން ކޮށްލާ ގޮތަށެވެ. އެއީ އެބުނާ ގާނޫނުގައި އޮންނަ ގޮތެވެ. އެހެންވީމާ އިމްރާންގެ ހުއްދަނެތީމާ މިއަދު ގާނޫނުގައި އެބުނާ ތަން ނޫން އެހެންތާކަށް އެއްވެވެން ނެތީމާ އެހެން ގައުމު ތަކުގައި ކަންކުރާ ގޮތާއި ރާއްޖެެއާއި އަޅާކިއެން ނެތަތީވެ މިހާހިސާބުން މިވާހަކަ ހުއްޓާލުން ނޫން ގޮތެއް އަދި ނެތެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން