ދަރަނި ނަގައިގެން ގައުމު ހިންގާއިރު، ސިޔާސީ ޕާޓީތަކަށް ފައިސާދޭން ނުޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އުފައްދާ ހަރަކާތްތެރިވަމުންދާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގައި މިހާރު އަމަލު ކުރަމުންދާ، މެންބަރުންގެ އަދަދަށް ބަލައި ފައިސާ ދޫކުރާ އުސޫލަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވާކަމަށް ލިޔެފައިވާ ހަބަރަކާއި ގުޅިގެން ޢަލީ ޙުސައިން ވިދާޅުވީ، ރާއްޖެއަކީ ދަރަނި މައްޗަށް ދަރަނި ނަގައިގެން ދައުލަތް ހިންގާ ގައުމެއް ކަމަށެވެ. އަދި އެގޮތަށް ހިނގާ ގައުމެއްގައި ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭކަށް ނުޖެހޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޢަލީ ޙުސައިން މިފަދައިން ވިދާޅުވެފައިވާއިރު، އޭނާ މީގެ ކުރިންވެސް ވަނީ ރާއްޖޭގެ ދަރަންޏާއިމެދު ކަންބޮޑުވާކަން ހާމަ ކުރައްވާފައެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރެއެވެ. ނަމަވެސް، ޕާޓީގައި ތިބޭ މެންބަރުންގެ އަދަދަށް ބަލައި، ފައިސާ ދޫކުރާ އުސޫލެއް އޮންނާތީ، ދައުލަތުން ދޭ ފައިސާ ލިބެނީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

ފައިސާ ދޫކުރުމުގެ އުސޫލު ބަދަލު ކުރަން ނިންމި މައިގަނޑު ބޭނުމެއްގެ ގޮތުގައި އީސީން ބުނަނީ، މެންބަރުންގެ އަދަދަށް ބަލާ ފައިސާ ދޭނަމަ، ކިތަންމެ ހަރަކާތްތެރި ޕާޓީއަކަށް ވެސް އެއްވެސް ފައިސާއެއް ނުލިބި ތިބެންޖެހޭކަމަށެވެ. އަދި އޭގެ ބަދަލުގައި ޕާޓީތަކުން ހޯދާ ކާމިޔާބީ ނުވަތަ ވޯޓުގެ ނިސްބަތަށް ބަލާ އެ ޕާޓީތަކަށް ފައިސާ ދޫކުރާކަހަލަ އުސޫލެއް އޮންނަ ނަމަ، ކުދި ޕާޓީތަކަށް ވެސް ކުރިއަށް ދިޔުމުގެ މަގު ފަހިވެގެން ދާނޭ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.

ރާއްޖޭގެ ދަރަނީގެ އަދަދު ބޮޑުވެ މިހާރުވަނީ 100 ބިލިއަނާއި ކައިރިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު