މިދިޔަ އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީންގެ ފޮޓޯ ނޫސްތަކުގައި ޝާއިއު ނުކުރުމަށް ކްރިމިނަލް ކޯޓުން އަންގައިފިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލަ ބަލަނީ ކްރިމިނަލް ކޯޓުގެ ތިން ގާޒީން ހިމެނޭ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތުގައި އިންނަވާ ގާޒީ އާދަމް މުހައްމަދު އެ މައްސަލައިން މިއަދު ވަނީ ތަނާޒުލްވެފައެވެ. ގާޒީ އާދަމް އެމައްސަލައިން ތަނާޒުލްވުމުން މިހާރު އެމައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ ޞަފްވަތު ހަބީބާއި ގާޒީ މުޙައްމަދު މިސްބާހެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގެ ޒާތާއި ބާވަތުން އަދި އެ މައްސަލަތަކުގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބަލައި ގާޒީންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީންގެ ފޮޓޯ ނޫސްތަކުގައި ޝާއިއު ނުކުރުމަށް އިލްތިމާސްކުރާ ކޮށްފައެވެ.

ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިން ގާޒީ އާދަމް މުހައްމަދު ތަނާޒަލްވީ އޭނާގެ މަސްލަހަތު ފުށުއަރާކަމަށް ބުނެ އެ މައްސަލައިގެ ދައުވާ ލިބޭ މ. ކުދެހިގެ، އިސްހާގު ގެ ފަރާތުން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

މިއަދުގެ އަޑުއެހުން ފައްޓަވަމުން ޤާޟީ އާދަމް މުޙައްމަދު ވިދާޅުވީ އިސްޙާޤުގެ ކޮއްކޮއަކަށް ދަޢުވާ ރައްދުވާ މައްސަލައެއް ބެއްލެވި ކަމަށް ސިޓީގައި ބުނެފައިވާ ކަމަށެވެ. އަދި އެ މައްސަލާގެ ތެރޭގައި އިސްޙާޤުގެ އާއިލާގެ އެހެން މެމްބަރަކު ޤާޟީ އާދަމްް މުޙައްމަދަށް އިންޒާރު ދިން މައްސަލައެއް ފެންމަތިވެފައިވާ ކަމަށް ސިޓީގައިވެއެވެ.

އެހެންކަމުން އިސްޙާގުގެ ސިޓީގައި އެދިފައިވަނީ އިސްޙާޤުގެ މައްޗަށް ޤާޟީ އާދަމްގެ ތަޢައްޞުބެއް އޮވެދާނެކަމުގެ އިޙުތިމާލެއް އޮތުމުން ޤާޟީ އާދަމް މުޙައްމަދު މި މައްސަލައިން ތަނާޒުލްވެވަޑައިގަތުމަށެވެ. އެހެންކަމުން ގާޒީ ވަނީ އެމައްސަަލައިން ތަނާޒުލްވުމަށް ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު