ހުޅުމާލޭގައި ބުދު ދީނުގެ ޝިއާރުފާޅުކުރާ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެމައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ބުދު ދީނުގެ ޝިއާރުފާޅުކުރުމުގެ ހަރަކާތްތަކެއް ހުޅުމާލޭގެ ފޭސް ދޭއްގައި އިންޑިއާގެ ކުންފުންޏަކުން އިމާރާތުގެ މަސައްކަތް ކުރާ ސައިޓެއްގައި ހިންގާކަން މީޑިޔާގެ ސަމާލު ކަމެއް ގެނެސްފައިވަނީ ދީނީ އިލްމުވެރިޔާ އަައްޝައިހް ޒަމްޒަމް ފާރިސް އެވެ. ޝައިހް ވަނީ އެ ސައިޓް ހިމެނޭ ސަރަހައްދަށް ގޮސް ވީޑިއޯކޮށް އެ ތަނުގައި ހިނގަމުންދާ ކަންކަމާއި ބެހޭ ބައެއް މައުލޫމާތު އާންމުކޮށްފައެވެ.

އެގޮތުން ކޮންސްޓްރަކްޝަން ސައިޓްގެ ބޭރުގައި ބޮޑު ބޯޑެއްގައި ބުދު ދީނުގެ އަހުލުވެރީން އެ މީހުންގެ ކަލާނގެއެއް ކަމަށް ގަބޫލުކުރާ ފަރާތެއްގެ ނަން ވަނީ ލިޔެފައެވެ. އެގޮތުން އެ ނަން ވަރަށް ބޮޑު އަކުރުން ލިޔެ ހަރުކޮށްފައިވެއެވެ. އެ ބޯޑްގައި އެ ސައިޓަކީ ޖޭއެމްސީ ޕްރޮޖްކެޓް (އިންޑިއާ) ލިމިޑެޓްގެ ތަނެއް ކަމަށް ޖަހާފައިވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި ކަމާގުޅުން ހުރި މުއައްސަސާތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެެެވެެ.

އެ ވީޑިއޯ އާއެކު ދީނީ އިލްމްވެރިޔާ އައްޝައިހްްް ޒަމްޒަމް ފާރިޝް ވަނީ އެކަން ހުއްޓުވައިދިނުމަށް ގޮވާލައްވާފައެވެ.

"މިއީ އަޅުގަނޑު ދެންނެވި ބޮޑު ވާހަކައަކީ، މިކަން ހުއްޓުވައިދެއްވާ. ސީދާ ކަޑައެޅިގެން ބޮޑެތި ހަރާމް ޝިރުކު މިއޮތް ފަތުރަނީ." ޒަމްޒަމް ވިދާޅުވިއެވެ.

ރާއްޖޭގައި ފާޅުގައި ޝިރުކުގެ އަމަލުތައް ހިންގުމާއި އިސްލާމްދީނާއި މާތް ނަބިއްޔާއަށް ފުރައްސާރަ ކުރުން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅު ކަމާބެހޭ ފަރާތްތަކުން ނާޅާ ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެެ.



ކިޔުންތެރިންގެ ހިޔާލު