ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފަށާފައިވާތީ މާސްކް އަޅަން އެޗްޕީއޭއިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ މަސްތަކުގައި ކޮވިޑް ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށްފަހު އަނެއްކާވެސް ކޭސްތައް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި 142 ކޭސް ފެނިފައިވާ ކަމަށާއި މިއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު 69 ޕަސެންޓްގެ އިތުރުވުމެއް ކަމަށް އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފައެެވެ.

މީގެ އިތުރުން ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑިމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް މިހާރު ދަނީ އިތުރުވަމުންނެެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑްގެ ހާލަތު އަލުން ގޯސްވިޔަ ނުދިނުމަށް ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، އެކަހެރިވެ ޓެސްޓުތައް ހެދުމަށާއި އަދި މާސްކް އަޅަން އިލްތިމާސްކޮށްފަވެ.

އަދި ހާއްސަކޮށް ބަލީގެ އަލާމާތްތައް ހުރި ފަރާތްތައް، އަދި ބަލީގެ ސަބަބުން ނުރައްކާވެދާނެ ފަރާތްތަކާއި އެފަދަ ފަރާތްތަކާއެކު ދިރިއުޅޭ ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައާއި އެތަންތަނަށް ޒިޔާރަތް ކުރާ މީހުން މާސްކު އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެއިތުރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ ގާތުން އެއްތާވި މީހުންގެ މައުލޫމާތު ފޯރުކޮށްދިނުމަށާއި އަދި ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައި ނުވާ މީހުން ވެކްސިން ޑޯޒްތައް ފުރިހަމަ ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

އެޗްޕީއޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި ޕޮޒިޓިވްވި 142 މީހުންގެ ތެރެއިން 50 މީހުންނަކީ މާލެ ސަރަހައްދުން އެ ބަލި ޖެހުނު މީހުންނެވެ. 40 މީހުން ނިސްބަތްވަނީ އަތޮޅުތަކަށެވެ. 52 މީހަކު ނިސްބަތް ވަނީ ރިސޯޓްތަކާއި އިންޑަސްޓްރިއަލް މަސައްކަތް ހިނގާ ރަށްތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު