ދައުލަތުގެ ދަރަނި ރީސްޓްރަކްޗާ ކުރުމަށް އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު ރައްޔިތުންގެ މަޖިލީހަށް ވައްދަން ހުށަހެޅި ގަރާރުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގުރޫޕުން ރުހުން ނުދީ ބޭރުކޮށްލައިފިއެވެ.

ދައުލަތުގެ ދަރަނި ރީސްޓްރަކްޗާ ކުރުމަށް އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު ގަރާރެއް ހުށައެޅުއްވީ މިދިޔަ ބުދަ ދުވަހުއެވެ. އިއްޔެ ބޭއްވި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގެ އެޖެންޑާގައި އެމައްސަލަ މަޖިލީހަށް ހުށައެޅުމާއި މެދު ގޮތެއް ނިންމުމަށް ވޯޓަށް އެހުމުން ފެންނަ ކަމަށް ވޯޓް ދެއްވީ އެންމެ 8 މެންބަރުންނެެވެ.

32 މެންބަރުން ހާޒިރުވި ޕީޖީ ގުރޫޕްގެ އެ ބައްދަލުވުމުގައި 16 މެންބަރުން ވަނީ އެ މައްސަލަ ބޭރުކޮށްލަން ވޯޓް ދެެއްވާފައެެވެ. ބާކީ ތިބި މެންބަރުން ވަކިކޮޅަކަށް ވޯޓު ނުދެއްވައެެވެ. ނަމަވެސް އެ ވޯޓު އެއްވަރުވީ ކަމަށް ބަލައި މައްސަލަ ބޭރުކޮށްލަން ރިޔާސަތުން ވޯޓު ދެއްވުމުން އެމައްސަލަ ބޭރުވީއެވެ. އެހެންކަމުން އެމައްސަލަ މަޖިލީހަށް ހުށައެޅުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ރުހުމެއް ނުލިބުނެވެެ.

ހޯމަ ދުވަހު އޮތް އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މިވަގުތު ރާއްޖޭގައި ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ފަދަ އެއްވެސް ހާލަތެއް ނެތް ކަމަށެވެ. އަދި ދަރަނި ރީސްޓްރަކްޗާ ކުރަން އުޅެފި ނަމަ މުޅި ރާއްޖޭގެ އިގްތިސާދު ހަލާކުވެ، ކަންކަން ބޮއްސުންލައިގެން ދާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މެންބަރު އިލްޔާސް ލަބީބް ހުށައެޅުއްވި ޤަރާރުގައިވަނީ 2012 އިން 2018 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން އެކި ފަރާތްތަކަށް ދީފައިވާ ސޮވެރިން ގެރެންޓީއާއި އެ މުއްދަތުގެ ތެރޭގައި ވިއްކާފައިވާ ބޮންޑާއި ނަގާފައިވާ ލޯނުތަކުގެ ބޮޑު ބައެއް މިއަހަރާއި އަންނަ އަހަރު ސަރުކާރުން ދައްކަންޖެހޭ ކަމަށެވެ.

މިއަހަރު ދަޢުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓުގައި ފާސްކުރިނަމަވެސް މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދަޢުލަތަށް ލިބިފައިވަނީ 11.1 ބިލިއަން ރުފިޔާ ކަމަށް ޤަރާރުގައިވެއެވެ. އަދި މިއަހަރުގެ ބަޖެޓުގެ ޖުމްލަ ދަރަނި ހުންނާނެ ކަމަށް ލަފާ ކުރެވެނީ 91.8 މިލިއަން ރުފިޔާގައި ކަމަށާއި ނަމަވެސް ގެރެންޓީ ހިމަނައިގެން އެ އަދަދު 102.9 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް އިލްޔާސް ހުށައެޅުއްވި ޤަރާރުގައިވެއެވެ.

އެގޮތުން ސަރުކާރުން ގެރެންޓީ ދީގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ ބޭރު ފައިސާގެ ލޯނުތައް އަނބުރާ ދެއްކުމަށް ދައުލަތުގެ ރިޒާވުން ހަރަދު ކުރަންޖެހޭ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާތީ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ހުށައުޅުމުގައި ގޮވާލާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު