ކާރިސާތަކުން ރައްކާތެރިވުމާއި، ދިވެހިރާއްޖޭގެ ދިފާޢަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރާ ގުޅިލާމެހިފައިވާ ކަމަށާއި، މިތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ހަވާއީގެ ސެންޓަރ ފޮރ އެކްސެލެންސް އިން ޑިޒާސްޓަރ މެނޭޖްމަންޓް އެންޑް ހިއުމެނިޓޭރިއަން އެސިސްޓަންސް (ސީ.އެފް.އީ.ޑީ.އެމް) އާ ގުޅިގެން، 3 ދުވަހުގެ މުއްދަތަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްގެންދާ ވަރކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މާރިޔާ ވަނީ، މޫސުމަށް އަންނަ ބަދަލާއި ޖައްވު ހޫނުވުމާ ގުޅިގެން، އުދައެރުމާއި، ވައިގަދަވުމާއި، ފެންބޮޑުވުން ފަދަ ކަންކަން އިތުރުވެ، ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި، ކެމިކަލް ގުދަންތަކުގައި އަލިފާންރޯވުމާއި، ރާއްޖެ އަންނަ ބޮޑެތި މަނަވަރުތައް ފަރަށް އެރުން ފަދަ ހާދިސާތަކުގެ ސަބަބުން، ރާއްޖޭގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކާއި ރާއްޖޭގެ ނާޒުކު ޤުދުރަތީ ވެށްޓަށް ނޭދެވޭ އަސަރު ފޯރާކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ. މިފަދަ ހާދިސާތަކާއި ކާރިސާތަކަށް އިޖާބަދިނުމުގަޔާއި އެކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމުގައި، ކަމާބެހޭ ހުރިހާ މުއައްސަސާޔަކާއި އޭޖެންސީއަކުން ގުޅިގެން، އެއް ރޫޙެއްގައި، މަސައްކަތްކުރުމުގެ މުހިއްމުކަމަށް އެކަމަނާ ވިދާޅުވިއެވެެ.

މިނިސްޓަރ މާރިޔާ ވަނީ، ޤާނޫނަށް ގެނައި ބަދަލާ ގުޅިގެން، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އުފައްދަވާ، އަމިއްލަ ބަޖެޓާއި މިނިވަންކަމާއެކު، ވަކި އޮތޯރިޓީއެއްގެ ޙައިސިއްޔަތުން އެން.ޑީ.އެމް.އޭ އަށް ޒިންމާ އަދާކުރެވޭނެ މަގުފަހިކޮށްދެއްވިކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު